Advertisement

ރާއްޖޭގައި ވަޒީފާ އަދާކުރެވޭ އެންމެ ދޮށީ އުމުރު 75 އަށް ބަދަލު ކުރަނީ

5 ފެބުރުވަރީ 2024 - 09:51 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރަށެއްގެ މަގުމަތީގައި އުމުރުން ދުވަސްވީ މީހަކު ބަޔަކާ ވާހަކަ ދައްކަނީ. ރާއްޖޭގައި ވަޒީފާއިން މުސްކުޅިކުރާ އުމުރަކީ 65 އަހަރު. އަދަދު ފައިލްފޮޓޯ


ރާއްޖޭގައި ވަޒީފާ އަދާކުރެވޭ އެންމެ ދޮށީ އުމުރު 75 އަށް ބަދަލު ކުރަނީ

5 ފެބުރުވަރީ 2024 - 09:51 0

ރާއްޖޭގައި ވަޒީފާ އަދާކުރެވޭ އެންމެ މަތީ އުމުރު، 65 އަހަރުން 75 އަހަރަށް މަތިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ފުރަތަމަ ފަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ އިސްރަށްވެހީންގެ ތަޖްރިބާއާ ވިސްނުން ރާއްޖެއަށް ބޭނުންވާ ކަމަށެވެ. ހިދުމަތުގައި މެދުނުކެނޑި ދިގު ޒަމާނެއް ހޭދަކުރެއްވުމަށްފަހު، އުމުރުން 65 އަހަރުވާއިރަށް، ކުރާނެ އެއްވެސް މަސައްކަތެއް ނެތި ރިޓަޔާވާން ޖެހޭ ވަގުތަކީ އެފަދަ ގިނަ ހިދުމަތްތެރިންނަށް އުނދަގޫ ހާލަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އުމުރުން 65 އަހަރުވީ ނަމަވެސް ހިދުމަތުގައި ދެމިތިއްބަވަން ބޭނުންފުޅު ކޮންމެ ބޭފުޅަކަށް ވެސް އެގްރީމެންޓް އުސޫލުން ވަޒީފާ ހަމަޖައްސައިދީ، އުމުރުން 75 އަހަރާ ހަމަޔަށް ހިދުމަތުގައި ކުރިއަށް ވަޑައިގެންނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިސްރަށްވެހީންގެ ހާއްސަ ދަފުތަރެއް ސަރުކާރުން އެކުލަވައިލާނެ އެވެ. އަދި އިސްރަށްވެހީންގެ ހާއްސަ އިޖްތިމާއީ މަރުކަޒުތަކެއް މާލެއާ އަތޮޅުތަކުގައި ގާއިމުކުރަން ކެބިނެޓުން ނިންމައި އެމަސައްކަތްވެސް ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލޭގެ މި ފަދަ ފުރަތަމަ މަރުކަޒު މި މަހުގެ ތެރޭގައި ހުޅުވޭނެ،" ރައީސް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ އޯގާތެރިކަމާއެކު ބަލަހައްޓައިދޭ އޭޖްޑް ކެއާ ސެންޓަރު ރާއްޖޭގެ އެހެން ތިން ސަހަރައްދެއްގައި ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.