Advertisement

ދިވެހި ކަނޑު 24 ގަޑިއިރު ބަލަހައްޓާނެ އަސްކަރީ ގާބިލުކަން އަވަހަށް ލިބޭނެ: ރައީސް

5 ފެބުރުވަރީ 2024 - 09:24 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހުގެ ތަޅުމަށް ވަޑައިގެން - ފޮޓޯ: މަޖިލިސް


ދިވެހި ކަނޑު 24 ގަޑިއިރު ބަލަހައްޓާނެ އަސްކަރީ ގާބިލުކަން އަވަހަށް ލިބޭނެ: ރައީސް

5 ފެބުރުވަރީ 2024 - 09:24 0

ބިންތަކާއި ދިވެހި ކަނޑުގެ ހާއްސަ ސަރަހައްދު ހުއްޓުމެއް ނެތި، 24 ގަޑިއިރު ބަލަހައްޓާނެ އަސްކަރީ ގާބިލުކަން ވަރަށް އަވަހަށް ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން އިންޑިއާއިން އަސްކަރީ އެހީތެރިކަން ހޯދުމަށް ގެންގުޅުނު ސިޔާސަތު ބަދަލު ކުރުމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތް ރައީސް މުއިއްޒު، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް އަސްކަރީ ގާބިލުކަން އިތުރު ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެއްގަމާ، ކަނޑާ، ވައިގެ މަގުން ވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ ޢަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަ ކުރަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ބިމާއި ކަނޑު ހިމެނޭހެން، ރާއްޖޭގެ 900،000 އަކަ ކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ހޯދުން ކަން ފާހަގަ ކުރެއްވި އެވެ.

"....އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެން ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު މި ކަމުގެ ޔަގީން ކަން މި ދެއްވީ، މިދިޔަ ހަފުތާގައި ދެ ދުވަހަކު މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިއާ އަސްކަރިއްޔާގެ މަނަރުވަތަކުން ވަނީ ދިވެހި މަސްވެރި ދޯނިތަކެއް ހިފަހައްޓައި، އެ ދޯނިތަކަށް ސިފައިން އަރައި ދިވެހި މަސްވެރިންނަށް އިންޒާރު ދީފައި ވަނިކޮށެވެ.

އިންޑިއާ ކޯސްޓުގާޑުގެ ދެ މަނަވަރަކުން އައިސް ދިވެހި ތިން ދޯންޏަކަށް އަރައި އިންޒާރު ދިން މައްސަލަ ފެންމަތިވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އެކްސްގައި އޭގެ ފޮޓޯ އާއި ވީޑިއޯ އާއި މައުލޫމާތުތައް ހާމަކުރަމުން ދިޔުމުންނެވެ. ބުރާސްފަތި ދުވަހު ވެސް ދޯންޏަކަށް އަރާފައިވެ އެވެ.

ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ސާފުކޮށް ފެނެ އެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އިންޑިއާގެ ސިފައިން އެރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތު ނިމުމަކަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްއަށް އަސްކަރީ ޑްރޯންތަކެއް ހޯދަން ތުރުކީގެ ކުންފުންޏަކާއެކު 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ތުރުކީ އަސްކަރިއްޔާއަށް ވެސް ޑްރޯން ސަޕްލައިކޮށްދޭ ކުންފުންޏަކާ އެކީ ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ފައިސާ ދައްކަން ހަމަޖެހިފައި ވަނީ ބައިބަޔަށް ބަހާލައިގެންނެވެ. އަދި މި މުއާމަލާތުގެ ހުރިހާ ފައިސާއެއް މި އަހަރު ތެރޭގައި ހަލާސް ކުރަން ޖެހެ އެެވެ.

ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކޮށްދިން ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސްގެ ވައުދުފުޅެކެވެ. އޭގެ ބަދަލުގައި މަދަނީ މީހުން ތިބޭ ގޮތަށް އެއްބަސްވެ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.