Advertisement

ގަދަކަމުން އަލޮންސޯ މަގާމުގައި ބަހައްޓަން ލެވަލޫސަނުން ބޭނުމެއް ނުވޭ

4 ފެބުރުވަރީ 2024 - 18:00 0


ގަދަކަމުން އަލޮންސޯ މަގާމުގައި ބަހައްޓަން ލެވަލޫސަނުން ބޭނުމެއް ނުވޭ

4 ފެބުރުވަރީ 2024 - 18:00 0

މިއުނިކް (ފެބްރުއަރީ 4) - ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަނާ އެކު، މި ވަގުތު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗު ޒަބީ އަލޮންސޯ އަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވައިިގެން މަގާމުގައި ބަހައްޓަން ލެވަކޫސަން އިން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ލެވަކޫސަން ކޯޗުކަމާ ހަވާލުވި އަލޮންސޯ، އެ ޓީމުގައި ކުރި މަސައްކަތް ރަނގަޅުވުމުން މި ސީޒަން ފެށުމުގެ ކުރިން އޭނާ އަށް ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓެއް އާކޮށް ދީފަ އެވެ.

އޭރު، ޔޫރަޕްގެ އެކިއެކި މީޑިއާގައި އާންމުވި ރިޕޯޓްތައް ބުނާގޮތުން، އަލޮންސޯ ކޮންޓްރެކްޓް އާ ކުރިއިރު، ހިމަނާފައިވާ މާއްދާގެ ދަށުން، ތިން ކްލަބެއްގެ ތެރެއިން ޓީމެއްގެ ހުށަހެޅުން ލިބިއްޖެނަމަ، ހާއްސަ އަގެއްގައި އަލޮންސޯ އަށް އެ ޓީމަކާ މަޝްވަރާ ކުރުމުގެ ހުއްދަ އޮންނާނެ އެވެ. އެ ތިން ކްލަބަކީ، ފުޓްބޯޅަ ކެރިއަރުގައި އަލޮންސޯ، ކުޅެފައިވާ ކްލަބްތަކެވެ. އެއީ، ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބަޔާން މިއުނިކް އެވެ.

ޖަރުމަނު މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ފަދަ މާއްދާއެއް ކޮންޓްރެކްޓްގައި ރަސްމީކޮށް ލިޔެފައިނުވެ އެވެ. އެއީ އަލޮންސޯއާ އެކު، ލެވަކޫސަންގެ ވެރިން "އަނގަބަހުން ވެފައި އޮތް" އެއްބަސްވުމެކެެވެ.

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗު ކަމުން ޔާގަން ކްލޮޕް ވަކިވާއިރު، ދެން އެ މަގާމާ ހަވާލުވާނެ ކޯޗަކީ އަލޮންސޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަލޮންސޯ ވަނީ އޭނާގެ ކެރިއަރުގެ ބިންގާ އެޅިއިރު، މުހިންމު އަހަރުތަކެއްގައި ލިވަޕޫލްގައި ތަފާތު މޮޅަށް ކުޅެފަ އެވެ. އެއީ 2004 އިން 2009 އަށެވެ.

ރިޕޯޓްތައް ބުނާގޮތުން، ކޯޗިން ކެރިއަރުގައި އާ ޗެލެންޖެއް ނަގަން، ލެވަކޫސަން ދޫކޮށްލަން އަލޮންސޯ ނިންމައިފިނަމަ މަޝްވަރާ ކުރެވޭ އުސޫލެއްގެ ތެރެއިން އޭނާ އަށް ދެވޭނެ ގޮތް ހަދައިދޭން، ލެވަކޫސަން އޮތީ ތައްޔާރަށެވެ. އެއީ ކޮންޓްރެކްޓް އުވާލަން ނަގާ ފީ އަކަށް ފަހު އެވެ.

އަލޮންސޯ، 2017 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު، ޖެހިގެން އައި އަހަރު ރެއާލްގެ 14 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދެމުން، ޔުއެފާގެ އެލީޓް ކޯޗިން ކޯސް ފުރިހަމަކުރި އެެވެ. އެ ފަހަރު، އޭނާ ވަނީ ރެއާލްގެ ޖޫނިއާ ޓީމަށް ލީގު ޗެމްޕިއަންކަން ވެސް ހޯދައިދީފަ އެވެ.

އޭގެ ފަހުން، 2019 ވަނަ އަހަރު ޖުލައި، މަހު ލަ ރެއާލް ކޯޗުކަމާ ހަވާލުވެ، އަލޮންސޯ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް ފަސް ވަނަ ހޯދައިދީފަ އެވެ. ޖެހިގެން އައި ސީޒަނުގައި އެ ޓީމުން ލީގުގެ އެއް ވަނަ ހޯދިއިރު، ލަނޑުގެ ތަފާތު ވެސް އެންމެ ރަނގަޅީ އެ ޓީމުގެ އެވެ. ލެވަކޫސަނާ ހަވާލުވުމުގެ ކުރިން އަލޮންސޯ ވަނީ އޭނާ ޕްރޮފެޝަނަލް ކެރިއަރު ފެށި، ރެއާލް ސޮސިއެޑާޑްގެ ބީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެެވެ.

ޖަރުމަނު ލީގުގައި ރޭ އެއް ވަަނައިގައި އޮތް ލެވަކޫސަން އިން 2-0 އިން ޑަމްސްޓަޑް ބަލިކުރިއިރު، ދެ ވަނައިގައި އޮތް ބަޔާން މިއުނިކުން ވަނީ 3-1 އިން ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށްފަ އެވެ.

މެޗަކުން ބަލިނުވެ، ލެވަކޫސަން އެއް ވަނައިގައި އޮތީ، 20 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބަޔާނަށް 20 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.