Advertisement

ޒަވީގެ ވިސްނުމަކީ ޕްރިމިއާ ލީގުގެ ކްލަބަކާ ހަވާލުވުން

4 ފެބުރުވަރީ 2024 - 17:47 0


ޒަވީގެ ވިސްނުމަކީ ޕްރިމިއާ ލީގުގެ ކްލަބަކާ ހަވާލުވުން

4 ފެބުރުވަރީ 2024 - 17:47 0

ބާސެލޯނާ (ފެބްރުއަރީ 4) - ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް، މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމާފައިވާއިރު، ކޯޗިންގެ މަސައްކަތެއްގައި ދެން އެންމެ އަވަހަށް ހަވާލުވާން ނިންމާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން، ޒަވީ، އެ ކްލަބްގެ ކޯޗުކަމުން މި ޖޫންގެ ފަހުން ވަކިވާން ނިންމީ، މި ސީޒަނު ފެށިއިރު، އޭނާގެ އޭޖެންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ޒަވީ ވަނީ، މެންޗެސްޓާ ސިޓީ، ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑް ފަދަ ޓީމަކާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ ކޯޗުކަމުން ވަކިވުމަށް ފަހު ޒަވީ، އެއް އަހަރުގެ ބްރޭކެއް ނަގާނެ އެވެ. އަލުން ކޯޗިން އަށް އަންނައިރު، ވިސްނުމަކީ، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކާ ހަވާލުވުން ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން އަލަވޭސް އަތުން 3-1 އިން މޮޅުވި، މެޗަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޒަވީ ބުނީ، އޭނާގެ މުސްތަގުބަލާ މެދު އަދި އެހާ ފުންކޮށް ނުވިސްނައި، މި ސީޒަނުގައި ބާސެލޯނާ އަށް ކާމިޔާބީ އެއް ހޯދައިދޭން، ގައިގައި ހުރި ހަކަތަ ބޭނުންކުރާނެ ކަމަށެވެ.

ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަމަޖެއްސީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. ގަތަރުގެ އަލް ސާދު ދޫކޮށް ބާސެލޯނާއާ ހަވާލުވި ޒަވީ ވަނީ އެ ޓީމުގައި ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބު ކޮށްދީފަ އެވެ. އޭގެ ކުރިން، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްދިނެވެ.

ބާސެލޯނާ އިން ރޭ އަލަވޭސް ބަލިކުރިއިރު، ލަނޑުތައް ޖެހީ އިލްކާއި ގުންޑޮގާން އާއި ރޮބަޓް ލެވަންޑޯސްކީ އަދި ވިކްޓޯ ރޮކޭ އެވެ. ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހި ވިކްޓަ ރޮކޭ އެ ގޯލު ޖެހިތާ ނުވަ މިނިޓް ފަހުން، ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ހޯދައިފަ އެވެ. އަލަވޭސްގެ ލަނޑު ޖެހީ، ސަމޫ އޮޮމޮރޮއްދީން އެވެ.

ލީގުގައި ބާސެލޯނާ އިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅާ އެކު، އެ ޓީމު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ، 23 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑުން މިރޭ ނުކުންނާނީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެކޮޅަށެވެ. ލީގުގެ ދެ ވަނައިގައި އޮތް ޖިރޯނާ އަށް 23 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ރެއާލަށް ވަނީ 22 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ.