Advertisement

ބީއެމްއެލްގެ ޑިރެކްޓަރުން ވަކިކުރީ ހިންގާ ގަވާއިދާ ހިލާފަށް، ބޯޑަކަށް ބަދަލެއް ނާދޭ!

4 ފެބުރުވަރީ 2024 - 15:36 0

އަމަން ހަލީމް

އަމަން ހަލީމް

ބޭންކުގެ އެންމެ ފަހުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ސަރުކާރުގެ ޑިރެކްޓަރުން ވަކިކުރެވޭނީ ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާއަކަށް ހުށަހަޅައިގެން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބީއެމްއެލްގެ ޑިރެކްޓަރުން ވަކިކުރީ ހިންގާ ގަވާއިދާ ހިލާފަށް، ބޯޑަކަށް ބަދަލެއް ނާދޭ!

4 ފެބުރުވަރީ 2024 - 15:36 0

ސަރުކާރުން ހިއްސާވާ ޕަބްލިކް ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަނާއި ބޯޑު ޑިރެކްޓަރުން ވަކިކުރުމުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އަމަލުކުރީ ބޭންކުގެ ހިންގާ ގަވާއިދާ ހިލާފަށްކަން އެނގިއްޖެ އެވެ.

ސަރުކާރުން ބޭންކުގެ ޗެއާމަނާއި ހަތަރު ޑިރެކްޓަރަކު ބޯޑުން ވަކިކުރަން ނިންމީ ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ލިމިޓު އުފުލަން ބޭންކުގެ ރުހުން ނުލިބިގެންނެވެ. އޭރު ކުއްލިއަކަށް ޑިރެކްޓަރުން ވަކިކުރުމަށް ފަހު ވަކިކުރި ދެ ޑިރެކްޓަރަކު އަލުން މަގާމަށް އައްޔަންކޮށްފައިވެ އެވެ. ނަމަވެސް ބޭންކުގެ ހިންގާ ގަވާއިދުގައިވާ ގޮތުން މިކަމެއް މިގޮތަކަށް ނުކުރެވޭނެ އެވެ.

ބީއެމްއެލްގެ ހިންގާ ގަވާއިދުގައި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތާއި ޑިރެކްޓަރުންގެ މަގާމުގެ މުއްދަތާއި އެ މުއްދަތު ހަމަނުވަނީސް ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމުގެ ހަމަތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންނަކީ އެ ކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ހުށަހަޅައިގެން ބޭންކަށް އައްޔަނުކުރާ ފަރާތްތަކެކެވެ. އެންމެ ބޮޑު ހިއްސާދާރުގެ ހައިސިއްޔަތުން ސަރުކާރަށް ލިބެނީ ހަތް ޑިރެކްޓަރުން އައްޔަނުކުރާށެވެ. ބާކީ ތިބޭ ހަތަރު ޑިރެކްޓަރުންގެ ތެރެއިން ތިން ހިއްސާދާރުން އިންތިހާބުކުރަނީ އާންމު ހިއްސާދާރުންގެ ތެރެއިންނެވެ. ދެން ހުންނަނީ ސަރުކާރުން ހުށަހަޅައިގެން އައްޔަނުކުރާ މުސްތަގިއްލު ޑިރެކްޓަރެކެވެ.

ސަރުކާރުން ހުށަހަޅާ ޑިރެކްޓަރުންގެ ނަންތައް ފާސްކުރަނީ ސަރުކާރުގެ ހިއްސާތައް ހިމެނޭގޮތަށް ނަގާ ޕޯލްއަކުން، އަހަރީ އާންމު ޖަލްސާގަ އެވެ. އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުންގެ ނަންތައް، ހަމަ އެ ޖަލްސާގައި، ފާސްކުރަނީ ހަމައެކަނި އާންމު ހިއްސާދާރުންގެ މެދުގައި ނަގާ ޕޯލްއަކުންނެވެ.

ބޭންކުގެ ހިންގާ ގަވާއިދުގެ 56 ވަނަ މާއްދާގައި އޮންނަ ގޮތުން ބޭންކުގެ ޑިރެކްޓަރަކަށް އައްޔަނުކުރާ މީހަކު ހިންގާ ގަވާއިދާ އެއްގޮތަށް ވަކިނުކުރާހާ ހިނދަކު ދެން ޖެހިގެން އަންނަ އަހަރީ އާންމު ޖަލްސާއާ ހަމައަށް ޑިރެކްޓަރެއްގެ މަސްއޫލިއްޔަތު އަދާކުރަން ޖެހެ އެވެ. އެހެންކަމުން އެއްވެސް ޑިރެކްޓަރަކު ވަކިކުރެވޭނީ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިންކަން އެނގެ އެވެެ.

ބޭންކުގެ ޑިރެކްޓަރުން މުސްކުޅި ކުރުމާއި ނާގަބިލުވުމާއި ވަކިކުރުމާ ގުޅޭ ކަންކަން ބަޔާންކޮށްފައިވަނީ ހިންގާ ގަވާއިދުގެ 57 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބޭންކުގެ ޑިރެކްޓަރުންގެ މަގާމު ހުސްވާނެ 10 ހާލަތެއް ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ޕީސީބީއަށް، އަދި ސަރުކާރުން ބޭނުންވިކަމުގައިވިޔަސް، ޑިރެކްޓަރުން ވަކިކުރެވޭނެ ގޮތެއް ނެތެވެ.

ސަރުކާރުން ބޭނުންވެގެން ބޭންކުގެ ޑިރެކްޓަރުން ވަކިކުރެވޭނީ ކުރިން ބުނި މާއްދާގެ (ބ)ގެ ދަށުންނެވެ. އެއީ އާންމު ހިއްސާދާރުންގެ ހާއްސަ ޖަލްސާއެއްގައި ބައްދަލުވުމަށް ހާޒިރުވެފައި ތިބި ހިއްސާދާރުންގެ 51 ޕަސެންޓު އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ. މިއީ ބޭންކުގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން އާންމު ހިއްސާދާރުންގެ ވޯޓާ ނުލައި ވެސް ސަރުކާރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.

މިހެންކަމުން ބޭންކުގެ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތީން މި ވަގުތު މި ބޭންކުގެ ބޯޑުގައި ސަރުކާރުގެ ފަރާތުން އައްޔަންކޮށްފައިވާ ހަތް ޑިރެކްޓަރުން އެބަތިއްބެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި ޕީސީބީން ބީއެމްއެލްގެ ޑިރެކްޓަރުން ވަކިކުރިކަން އިއުލާންކުރި ނަމަވެސް ބޭންކުގެ ވެބްސައިޓާއި ސީއެމްޑިއޭ ޕޯޓަލްގައި ބޭންކުގެ ބޯޑަށް އެއްވެސް ބަދަލެއް ނައިސް ބޯޑުގައި ތިބި މެންބަރުންގެ މައުލޫމާތު މިހާރުވެސް ފެންނަން އެބަހުއްޓެވެ.

ބޭންކުގެ ބޯޑު ބަދަލުކުރަން ސަރުކާރަށް އޮތް ގޮތަކީ ސަރުކާރުން އައްޔަނުކުރާ އަށް ޑިރެކްޓަރުންގެ ނަން ބޭންކަށް ފޮނުވައިގެން ގަވައިދާ އެއްގޮތަށް ކުރިއަށް ދިޔުމެވެ. އެއީ ނަން ފޮނުވައިގެން ވީ އެންމެ އަވަހަކަށް ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވައި، އެ ޖަލްސާގައި ބޭންކުގެ ބޯޑު ބަދަލުކުރުމެވެ.