Advertisement

ރާއްޖޭގައި ވަރަށް ރަނގަޅަށް ހިނގަނީ ކޮންކަމެއްކަން ބުނެދީފިނަމަ އިނާމެއް!

6 ފެބުރުވަރީ 2024 - 11:03 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ރާއްޖޭގައި ވަރަށް ރަނގަޅަށް ހިނގަނީ ކޮންކަމެއްކަން ބުނެދީފިނަމަ އިނާމެއް!

6 ފެބުރުވަރީ 2024 - 11:03 4

ޒަމާންގަނޑަކަށްފަހު އަނެއްކާވެސް މާލޭގެ ހަލަބޮލިކަމުން ނުކުމެ، ބައެއް ރަށްރަށަށް ދަތުރުކޮށްލާނެ ފުރުސަތެއް ލިބިއްޖެ އެވެ. ދަތުރުގެ މައިގަނޑު ކަމަކަށް އޮތީ މީހުންނާ ބައްދަލުކޮށް ސިޔާސީ ވާހަކަ ދެއްކުމެވެ. ސިޔާސީ ސަމާސާއާއި ހޫނު ބަހުގެ ހަމަލާތަކާއި އިލްމީ ޖަދަލުތަކުގައިވެސް ބައިވެރިވެވުނެވެ. ޖުމުލަކޮށް އުފާވެރި، ހިތްހަމަޖެހުން ލިބުނު ދަތުރެކެވެ.

މި ދަތުރުގައި ބައްދަލުވި، އުމުރުން އެހާ ދޮށީ ނޫން، އެހެންނަމަވެސް އުމުރަށްވުރެ ވިސްނުން ދޮށި، ހަރު މީހަކާ ބައްދަލުވެ، ނިކަން ދިގުކޮށް ވާހަކައެއް ދެކެވުނެވެ. ގައުމުގެ ސިޔާސީންގެ އަމަލުތައް ހުރިގޮތުގެ މައްޗަށް ވާހަކަ ދައްކަމުން އޭނާ ދޫކޮށްލީ ވަރަށް ބޮޑު ސުވާލެކެވެ. ގައުމިއްޔަތާއި، ގައުމަށް ރަނގަޅު ގޮތް ހޯދުމުގެ ވާހަކަ ދައްކާން ފެށުމުން އޭނާ ބުންޏެވެ.

ތިހެންނާ އަހަރެން ކުރާ އެންމެ ސުވާލަކަށް ޖަވާބެއް ދީބަލާށެވެ. މިރާއްޖޭގައި ހިނގާ ހުރިހާ ކަމެއްގެ ތެރެއިން ވަރަށް ރަނގަޅަށް ހިނގާ ކޮންމެވެސް އެއް ކަމެއް ބުނެދޭށެވެ. ގަބޫލު ކުރެވޭ ވަރުގެ އެންމެ ކަމެއް ދެއްކިޔަސް އެކަށީގެންވާ ރަނގަޅު އިނާމެއްވެސް ދޭނަމޭ ބުނެ ބާޖުމަރައިފި އެވެ.

އަޅުގަނޑަށް ފަސޭހަކޮށްދޭން އޭނާ މިސާލުތަކެއްވެސް ދެއްކި އެވެ. ބުންޏެވެ. މިސާލަކަށް ސިންގަޕޫރުގައިނަމަ މަގުމަތީގެ ޓްރެފިކާއި ސާފުތާހިރުކަން ބެލެހެއްޓުމަކީ އެ ގައުމުން ވަރަށް ރަނގަޅަށް ކުރާ ކަމެކެވެ. މަސްތުވާތަކެތި ކޮންޓްރޯލްކުރުން ވެސް ހަމަ އެފަދަ އެވެ. ޖަޕާނުގައި އެތެރޭގެ އާންމު ދަތުރުފަތުރުގެ އިންތިޒާމުތަކަކީ އެގައުމުގައި ވަރަށް ރަނގަޅަށް ކުރާ ކަމެކެވެ. ސާފުތާހިރުކަމާއި، ރައްޔިތުންގެ ކިބައިގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ ސިފަ އަށަގެންނެވުމަށްވެސް އަބަދުމެ ކުރަމުންދަނީ ވަރަށް ރަނގަޅު މަސައްކަތްތަކެކެވެ. އެކަމުން ނުކުތް ނަތީޖާވެސް ވަރަށް ރަނގަޅެވެ. ޓެކްނޮލޮޖީގައި އެހާ ކުރީގައި އެގައުމު އެއޮތީ ބަޔަކަށް މަސައްކަތްތަކެއް ކުރެވިފައި އޮތީމާކަމަށް ހިތާށޭ އޭނާ ބުންޏެވެ. މި އުސޫލުން ވިސްނާފައި ނިކަން ބުނެބަލާށެވެ. މިގައުމުގެ ވަރަށް ރަނގަޅަށް ހިނގާ ކަމެކޭ ބުނެވޭނޭ އޮތީ ކޮންކަމެއް ހެއްޔެވެ؟

އަޅުގަނޑު ވިސްނާން ފެށުމުން އޭނާ ބުންޏެވެ. މަސްވެރިކަން ހެއްޔެވެ؟ ޒުވާނުން އެ ދާއިރާއަށް ނުނުކުމެ އެވެ. ބާނާ މަހަށް އަގު ނުލިބި އެތައް ދުވަހެއް އެބަ ހޭދަވެ އެވެ. ރާއްޖޭގެ ކަނޑުން ބާނާ މަހުން އެކި ބާވަތްތައް އުފައްދައިގެން ނަފާ ހޯދަނީ އެހެން ގައުމުތަކުންނެވެ. ދިވެހިރާއްޖެއިން މަސްވެރިން އަތުން މަސްގަނެ އެކްސްޕޯޓުކުރުމަށް ހިންގާ ބޮޑު ވިޔަފާރީގެ ސަބަބުން މުޅި ގައުމަށް ލިބޭ ނަފާއެއް ނެތެވެ. ދިވެހި އިގުތިސާދުގެ ލޭނާރު ބުރިވެ، ހޯސްލާފައި އޮހެމުންދާތާ ކިތަންމެ ޒަމާނެކެވެ. މަސްވެރިކަން ކުރިއެރުވުމުގެ ވާހަކަ މިހާރު ވެފައި އޮތީ ހަމައެކަނި ސިޔާސީ ވާހަކަ އެކަށެވެ.

އެ ވާހަކަތައް ތެދޭ ހީވާތީ އަޅުގަނޑު ނިންމީ އެއަށް ޒުވާބެއް ނުދީ ހަނުހުންނާށެވެ. އޭނާ ކުރިއަށް ގެންދިޔަ އެވެ. ޓޫރިޒަމް ހެއްޔެވެ؟ ރާއްޖެއަށް މިލިއަނުން އަންނަ ފަތުރުވެރިން ރާއްޖެއަށް އަންނަނީ އެހެން ގައުމެއްގައި ހުރި ޓްރެވެލް އޭޖެންސީއަކަށް ފައިސާ ދައްކައި ނިންމައިފަ އެވެ. އެ ފަތުރުވެރިޔާގެ ފުށުން ރާއްޖެއަށް ވަންނަނީ އޭނާ ހޭދަ ކުރާ މިންވަރުގެ ދިހައެއް ނުވަތަ ފަނަރަ ޕަސެންޓެވެ. ރިސޯޓުން ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، މި ރާއްޖެއަށް ސީދާ ފައިސާ ދައްކާ ފަތުރުވެރިޔާ ދޭ ފައިސާއިން ނަގާ ޓީޖީއެސްޓީ ކޮޅު ފިޔަވައި ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ މަންފާއެއް ނެތޭ ބުނުން ދޮގެއް ނުވާނެ އެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގަނީ ގައިމު ރީތި ނަމެއް ހޯދަން އެކަނި ނޫނިއްޔާ އެވެ. އިގުތިސާދުގެ ރަންބިސް އަޅާ ކުކުޅަށް ކާންދީ ބަލަހައްޓައި ގެންގުޅެނީ އަޅުގަނޑުމެންނެވެ. އެ ކުކުޅު ބިސް އަޅަނީ އެހެން ގައުމުތަކަށެވެ. މިކަން އޮތީ މިހެނެއް ނޫންހެއްޔެވެ؟ އަޅުގަނޑު އިނީ ހިމޭނުންނެވެ.

ރާއްޖޭގެ ރިސޯޓެއް


އޭނާ ހުއްޓައެއް ނުލި އެވެ. މި ރާއްޖޭގެ އުފެއްދުންތެރިކަން ހެއްޔެވެ؟ ދިވެހިން ކީއްކުރަންތޯއޭ އެއްވެސް އިންސާނަކު ބޭނުންކުރާ ޒަރޫރީ އެއްވެސް އެއްޗަކީ ރާއްޖޭގައި އުފައްދާ އެއްޗެއް ނޫނެވެ. އަތުޖެހި އާއި ކުދި ގުޅައާއި ކުދި ބަޖިޔާ ޕަކެޓުކޮށްގެން ދިވެހިންނަށް ވިއްކާ ނިސްބަތަކީ ދިވެހި އުފެއްދުންތެރިކަން މިނޭނޭ މިންގަނޑެއްް ނޫނެވެ. އެންމެ އަސާސީ ކާބޯތަކެތީގެ ހުރިހާ ބާވަތެއްމެ އެތެރެކުރާ ގައުމެއް މި ނޫނީ އޮވެދާނޭބާއޭ ހިތަށް އަރަ އެވެ. މިރާއްޖޭގައި އުފައްދައި އެކްސްޕޯޓުކޮށްގެން ދިވެހިރާއްޖެއަށް މަންފާ ހޯދޭ ހަމަ އެއްވެސް އެއްޗެއް ނެތީ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ވިސްނާށެވެ. ޓާޝަރީ ހޮސްޕިޓަލްތަކުގެ ވާހަކަ ދައްކާތީ އިވެ އެވެ. ކަމަކަށް ވާ ކަހަލަ ކަމެއްގައިނަމަ އަދިވެސް ފުރައިގެން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ރަށްފުށުގައި އުޅޭ މީހަކު ނަމަ އާދައިގެން ކަންކަމުގައިވެސް ބޮޑު ހަރަދުކޮށްގެން ފުރަތަމަ އަތޮޅު ހޮސްޕިޓަލަށެވެ. އެތަނަށް ދަނީ އެތަނުގައި ހުރި ޑޮކްޓަރެއްގެ ދުލުން މާލެ ދާށޭ ބުނާ އަޑުއަހަންވެގެންނެވެ. އެ އަޑު އަހާފައި މާލެއަށެވެ. ދެން ރާއްޖެއިން ބޭރަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ފަރުވާއަށް ބޭނުންވެފައި އޮންނަތާ ކިތަންމެ ޒަމާނެކެވެ. ހައްގު ތެދުކަމަށް ފެންނާތީ ދެންވެސް އަޅުގަނޑު ބަހެއް ނުބުނަމެވެ.

ރާއްޖޭގެ ތާރީހީ ތަރިކައަށް ރައްކާތެރިވުމުގައި އަމަލުކުރާ ގޮތް ދެކޭށެވެ. އަރުޝީފުގައި ހުރި ނެތް އެއްޗެއް ބެލޭނޭ ގޮތެއް ނެތެވެ. ރާއްޖެއަށް ހިދުމަތްކުރި މީހުންގެ ހިދުމަތްތަކާއި އެމީހުންގެ ވިސްނުން ހުރި ނެތް ގޮތް މިހާރުގެ ޖީލުތަކަށް ފައުޅުވާނޭ އެއްގޮތްވެސް ހަމަޖެއްސިފައި ނެތީ އެވެ. މާޒީ ނޭނގި ތިބި ބަޔަކާ މުހާތަބުކޮށް 'ފަހުރުވެރި ގައުމިއްޔަތޭ' ގޮވިޔަސް ފަހުރުވެރިވެވޭނޭ ކަމެއް ފެންނަން ނެތްއިރު އެކަމާ ވެވޭނީ ކޮން ފިކުރާއެއް ހެއްޔެވެ. އެ ވާހަކައިން އޭނާ އެ ވިކާލީ އަޅުގަނޑުގެ ހިތުގައިވެސް ހުރި ޒަހަމެއްގަ އެވެ.

އޭނާ ކުރެއް ނުކުރި އެވެ. ތައުލީމީ ނިޒާމު ވަރަށް ރަނގަޅޭ ބުނެފާނަން ހެއްޔެވެ. ކިޔަވައިގެން މަސައްކަތު މާހައުލަށް ނުކުންނަ ކުދިންގެ މަސައްކަތު އަހުލާގު ބަލާށެވެ. ރަނގަޅު ކުދީން ނެތެކޭ ނޫނެވެ. މަދީ އެވެ. މަދު ވަނީ ތައުލީމީ ނިޒާމާއި ތަރުބިއްޔަތުގައި ހުރި ކުށަކުން ކަމުގައި ތިމަންނާ ދެކެމެވެ. ޕްރައިވެޓް ކޮލެޖުތަކާއި ޔުނިވަރސިޓީތައް ގިނަވެ، ތައުލީމުގެ ފުރުސަތުތައް ފަހިވި ވަރަކަށް ތައުލީމުގެ ފެންވަރު ދަނީ ދަށަށް ކަމަށް ހީވެ އެވެ. އުނގެނޭ އުނގެނުމަކުން ގައުމު ކުރިއަށް ދާ ތަނެއް ނުފެނެ އެވެ. ހޭދަވާ ކޮންމެ ދުވަހަކާއެކު ފަހަތަށް ސޮއްސާލާކަން ގައިމު ވެއެވެ.

އަދުލުއިންސާފުގެ ދާއިރާގެ ވާހަކަ ފަށަންވީހޭ ބުނެ އޭނާގެ ތޫނު ވަކިތަކުން އެ ވިކާލީ އަޅުގަނޑުގެ ހިތުގެ އެންމެ ހިމަ ނާރުގަ އެވެ. ކޯޓުތައް އުފައްދައިގެން ޝަރީއަތްކުރާތާ ބައިގަރުނަށްވުރެ ގިނަވިއިރު އަދިވެސް ޝަރީއަތްކުރެވޭނޭ އެކަށީގެންވާ އިންފްރަރސްޓްރަކްޗަރއެއް ގާއިމުކުރެވިފައި ނެތެވެ. އެންމެ މަތީ ކޯޓު ވެސް އެ ހިންގަނީ ވަގުތީ ތަނެއްގަ އެވެ. ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ނިމޭއިރު އެކަމަށް ހޭދަވަނީ މީހެއްގެ އުމުރެވެ. 'އިންސާފެއް ނުލިބެ އެވެ. ލިބެނީ ހެޔޮނަސީބެއް ނުވަތަ ބަދުނަސީބެކެވެ.' މިއީ އަޅެ ދޮގެއް ހެއްޔޭ ބުނެ އަޅުގަނޑަށް ދޯ ވެސް ދީފި އެވެ.


އަޅުގަނޑު ބަލިކުރަން އޭނާ ފެށި ވާހަކަތަކުގައި ޖެހި އަޅުގަނޑު ހަމަ ރަނގަޅަށްވެސް ބަލިވެއްޖެ އެވެ. އަނގައިން ދެރަ ނުވާންކަމަށް އޭނާއާ ދެބަސްވެ ޒުވާބެއް ދެވިދާނެ އެވެ. އެކަމަކު އަޅުގަނޑު ދޭނޭ ޒުވާބުގެ މައްޗަށް ބުރަދަނެއް ހުރި ހުއްޖަތެއް ދެއްކިދާނެޔޭ އަޅުގަނޑުގެ ހިތެއް ނުބުންޏެވެ. އޭނާ އެ ވިސްނީ އަޅުގަނޑުގެ ހިތުންނެވެ. ވާހަކަ ދެއްކީ އަޅުގަނޑުގެ ދުލުންނެވެ. އަޅުގަނޑުގެ ވިސްނުން އެހެން ދުލަކުން ބުނާތީ އިވުނުއިރު އެ ވިސްނުމުގެ މައްޗަށް އަލުން ނަޒަރުކޮށް ގަބޫލުކުރެވުނީ އަދި މާ ބޮޑަށެވެ.

މަޑުމަޑުން އޭނާއަށް ބުނީމެވެ. ދެއްކި ވާހަކަތަކާ އަޅުގަނޑު އެއްބަހެވެ. ރާއްޖޭގައި ވަރަށް ރަނގަޅަށް ހިނގަނީ މިވެނި ކަމެކޭ ބުނެ ދެއްކޭނޭ ފަދަ އެއް ކަމެއްވެސް އެބަހުއްޓޭ ދަންނަވާކަށް އަޅުގަނޑަކަށް ނުކެރޭނެ އެވެ. އެހެންނަމަވެސް ތިޔަ ލިސްޓުކުރި ހުރިހާ ކަމަކީވެސް އަޅުގަނޑުމެންގެ ރައްޔިތުން އެދޭނަމަ ގަދަ ހިތްވަރުން އިސްލާހުކޮށް އެ ދާއިރާތަކުގައި ކުރިބޯއްޓަށް އެރޭނޭ ފަދަ ކަންކަމެކެވެ. ސުމަކުން ފަށަން ޖެހިފައި އޮތް އެއްކަމެއްވެސް ނެތެވެ. އޮތީ ފެށި، ކޮންމެވެސް ވަރަކަށްވުރެ ބޮޑަށް ތަރައްގީވެސް ކުރެވިފައި ހުރި ކަންކަން ކަމުފޮޅޭ ގޮތް ހެދުމެވެ. އެކަންވާނީ ހެޔޮނިޔަތާއި ބުރަ މަސައްކަތުންނެވެ.

އޭނާވެސް ފުރަތަމަ ފަހަރަށް އަޅުގަނޑާ އެއްބަސްވެ ބޯޖަހާލި އެވެ. އަޅުގަނޑުމެންގެ ބައްދަލުވުން ނިމުނީ އެވެ. އޭނާ އެ ދެއްކި ވާހަކައިން އަޅުގަނޑަށް ސާފުވީ ކަމަކީ، ރާއްޖޭގެ ހުރިހާ ގިންތިއެއްގައި ހުރި މައްސަލަތަކަކީ ކޮބައިކަން އަޅުގަނޑުމެންގެ ވަރަށް ގިނަ މީހުންނަށް ސާފުވާ ކަމެވެ. އަޅުގަނޑުމެން އިންތިހާބުކުރާ ކޮންމެ ސަރުކާރަކަށްވެސް އެކަންކަން ސާފެވެ. ސާފުނުވެގެން މިއުޅެނީ މިކަންކަމަށް ދާއިމީ ހައްލެއް ލިބޭނޭ ގޮތެކެވެ. އިންތިޒާރު ކުރެވެނީ އަޅުގަނޑުމެންގެ ރާއްޖޭގައި މިވެނި ކަމެއް ހިނގަނީ ވަރަށް ރަނގަޅަށޭ ބުނެ ދެއްކޭނޭ ކޮންމެވެސް އެއް ކަމެއް ފެންނާނޭ ދުވަހަކަށެވެ.