Advertisement

ރޮނާލްޑޯ ނުލައި އަލް ނަސްރުން މެސީގެ އިންޓަ މިއާމީ ބަލިކޮށްފި

2 ފެބުރުވަރީ 2024 - 14:42 0


ރޮނާލްޑޯ ނުލައި އަލް ނަސްރުން މެސީގެ އިންޓަ މިއާމީ ބަލިކޮށްފި

2 ފެބުރުވަރީ 2024 - 14:42 0

ރިޔާދު، ސައުދީ އަރަބިއްޔާ (ފެބްރުއަރީ 2) - އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި، އަލް ނަސްރުން، 6-0 އިން ލިއޮނަލް މެސީގެ އިންޓަ މިއާމީ އަތުން މޮޅުވެއްޖެ އެވެ.

ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި، ރޮނާލްޑޯ، 38، ކުޅުމާ ދުރުގައި ހުރިއިރު، އޭނާ އިނީ މެޗު ބަލާށެވެ. މެސީ ކުޅެން އެރީ 83 ވަނަ މިނިޓްގައި ބަދަލެއްގެ ގޮތުގަ އެވެ. އޭރު ވެސް އަލް ނަސްރުން އޮތީ ހަ ގޯލު ޖަހައިފަ އެވެ.

އަލް ހިލާލް އަތުން ސައުދީގައި ކުޅުނު ފުރަތަމަ މެޗުން ބަލިިވި އިންޓަ މިއާމީން އަލް ނަސްރާ އެކު ވެސް ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. އެ ގޮތުން، އަލް ނަސްރުން ވަނީ ފުރަތަމަ 12 މިނިޓް ތެރޭގައި ތިން ގޯލު ޖަހައިފަ އެވެ.

އަލް ނަސްރުން ލީޑުނެގީ ތިން ވަނަ މިނިޓްގައި ޕޯޗުގީސް މިޑްފީލްޑަރު، އޮޓާވިއޯ ޖެހި ލަނޑުންނެވެ. ލީޑުފުޅާކުރީ، ރޭގެ މެޗުގައި ހެޓްރިކް ހެދި ބްރެޒިލްގެ އެންޑަސަން ޓަލިސްކާގެ ގޯލުންނެވެ. އަދި 12 ވަނަ މިނިޓްގައި ސްޕެއިންގެ ޑިފެންޑަރު، އައިމެރިކް ލަޕޯޓް ވަނީ އަލް ނަސްރަށް ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ 51 ވަަނަ މިނިޓްގައި ޕެނަލްޓީ އަކުން ޓަލިސްކާ ވަނީ އަލް ނަސްރުގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ފަސް ވަނަ ލަނޑު ޖެހީ، މެޗުގެ 68 ވަނަ މިނިޓްގައި މުހައްމަދު މަރަން އެވެ. އޭގެ ފަސް މިނިޓް ފަހުން، ޓަލިސްކާ ވަނީ އަލް ނަސްރުގެ ހަ ވަނަ ލަނޑާ އެކު، އޭނާގެ ހެޓްރިކް ފުރިހަަމަކޮށްފަ އެވެ.

އިންޓަ މިއާމީ އަށް ރޭގެ މެޗުގެ 70 މިނިޓް، ލުއިސް ސުއަރޭޒް އާއި ޖޯޑީ އަލްބާ ވަނީ ކުޅެފަ އެވެ. ފައުލުތަކެއްގެ މައްސަލައެއްގައި އަލްބާ އާއި ސުއަރޭޒް ހިތްހަމަނުޖެހުނު ވަގުތުތަކެއް ވެސް ދިޔަ އެވެ.