Advertisement

ޝަމީމަށް ހަމަލާދިން މީހުން އުޅުނީ މަރުތޭލުން ބޮލުގަ ޖަހަން

2 ފެބުރުވަރީ 2024 - 10:06 0

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް: އޭނާއަށް ހަމަލާދިން މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފަ -- ފޮޓޯ: އަދަދު ފައިލް


ޝަމީމަށް ހަމަލާދިން މީހުން އުޅުނީ މަރުތޭލުން ބޮލުގަ ޖަހަން

2 ފެބުރުވަރީ 2024 - 10:06 0

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާދިން ދެ މީހުން އުޅުނީ އޭނާގެ ބޮލުގައި މަރުތޭލުން ޖަހަން ކަމަށާއި ހަމަލާ އަތަށް އަމާޒުވީ އޮޅިގެން ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ޝަމީމަށް ހަމަލާދީފައި ވަނީ އޭނާ ގެ ކައިރީގައި ސައިކަލު ޕާކު ކުރި ވަގުތު ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ހަމަލާގެ ސަބަބުން އޭނާގެ ވައަތު މުލައްދަނޑީގައި ވަނީ ރެނދެއް ލައިފަ އެވެ.

އޭނާއަށް ހަމަލާދިނީ ލ. ގަމަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ފިރިހެނަކާއި ރ. އަލިފުއްޓަށް ނިސްބަތްވާ 23 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންނަކީ މާލޭގައި ހިންގާ ގޭންގެއްގައި ހަރަކާތްތެރިވާ ދެ މީހުންނެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރު ކުރުމަށްފަހު، ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންގޮސް އެ މައްސަލައިގައި ފުލުހުން ބުނީ އެ ދެ މީހުން އުޅުނީ މަރުތޭލުން ޝަމީމުގެ ބޮލަށް ހަމަލާދޭންކަން، ސީސީޓީވީ ފުޓޭޖުން އެނގޭ ކަމަށެވެ.

އެ ދެ މީހުން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އިއްޔެ ކޯޓުން އަމުރު ކުރި އެވެ.

ހަމަލާއަށްފަހު، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ޝަމީމް ވިދާޅުވީ އޭނާ އެނބުރި މަސައްކަތަށް ވަޑައިގަންނަވާނީ ކުރިއަށްވުރެ ގަދަކޮށް ކަމަށެވެ.

ހަމަލާދިން ދެ މީހުން ޝަމީމް ދިރިއުޅޭ ގެ ކައިރިއަށް ދިޔައީ ސައިކަލެއްގައި ވަގު ނަންބަރު ބޯޑެއް ޖަހައިގެނެވެ. އެމީހުން ތިބީ މޫނުމަތީގައި މާސްކެއް އަޅައި، އޭގެ މަތިން ހެލްމެޓެއް އަޅައިގެނެވެ.

ޝަމީމަށް ދިން ހަމަލާ އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި ވެރިކަން ހިންގާ ޕާޓީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.