Advertisement

ލިވަޕޫލް ދަނޑުގައި ކުޅުނަސް ޕޮޗެޓީނޯގެ ޗެލްސީގެ އަމާޒު މޮޅަކަށް

31 ޖަނަވަރީ 2024 - 14:49 0


ލިވަޕޫލް ދަނޑުގައި ކުޅުނަސް ޕޮޗެޓީނޯގެ ޗެލްސީގެ އަމާޒު މޮޅަކަށް

31 ޖަނަވަރީ 2024 - 14:49 0

ލަންޑަން (ޖެނުއަރީ 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް ދަނޑުގައި އެ ޓީމާ ދެކޮޅަށް ޗެލްސީން ނުކުންނާނީ މޮޅަކަށް އަމާޒުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު، މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަކީ މި ވަގުތު އެންމެ ރަނގަޅު ފޯމުގައި އޮތް އެއް ޓީމު ކަމަށެވެ. އަދި އެ ފަދަ ޓީމަކާ ދެކޮޅަށް ޗެލްސީން ވެސް ރަނގަޅަށް ކުޅެމުން އަންނަ ދަނޑިވަޅެއްގައި ކުޅެން ލިބުމަކީ ހިތްހަމަޖެހޭ ކަންތައްތަކެއް އޮތް ކަމެއް ކަމަށް ޕޮޗެޓީނޯ ގަބޫލުކުރެ އެވެ.

ލިވަޕޫލްގެ ކޯޗުކަމުން ޔާގަން ކްލޮޕް މި ސީޒަނަށް ފަހު ވަކިވާނެކަން އިއުލާނުކުރުމުން، މި ސީޒަނުގެ ބާކީބައިގައި އެ ދަނޑުގައި ކުޅޭ ކޮންމެ މެޗެއް ވެސް އެ ޓީމަށް ހާއްސަވާނެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

އެކަމަކު، ޗެލްސީން މި ދަނީ އެ ފަދަ މާހައުލެއްގައި ލިވަޕޫލާ އެކު ވާދަވެރި މެޗެއް ކުޅުމަށް ކަމަށާއި ފޯކަސް ބަހައްޓާނީ މެޗުން މޮޅުވާން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

"އެންފީލްޑްގައި ދެން ކުޅޭ ކޮންމެ މެޗަކީ، އެ މީހުންނަށް ސެލެބްރޭޝަނެއް. އެކަމަކު، އަހަރެމެން މި ދަނީ އެ ކަމުގައި ބައިވެރިވާކަށް ނޫން. އަހަރެމެންގެ ވިސްނުން ހުރިހާ ގޮތަކަށް ވެސް ބައްޓަންކުރާނީ މެޗުން މޮޅުވާން. އަހަރެމެންނަށް ސެލެބްރޭޝަންގައި ބައިވެރިއެއް ނުވެވޭނެ،" ޕޮޗެޓީނޯ ބުންޏެވެ.

ސީޒަންގެ މެދުތެރެއިން ކޯޗު ޓީމު ދޫކޮށްލާ ވާހަކަ އިއުލާނުކުރުމާ މެދު ޕޮޗެޓީނޯ ދެކެނީ ކިިހިނެއްތޯ ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ، ޕްރޮފެޝަނަލުން ކަންކަމުގައި އަމަލުކުރާނީ އެ ހާލަތެއްގައި އެންމެ ރަނގަޅު ގޮތަށް ކަމަށެވެ.

އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް ކޯޗިން އިން ކްލޮޕް ފެނުން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. އަދި ޕްރިމިއާ ލީގުން ކްލޮޕް ކަހަލަ މޮޅު ކޯޗެއް ދިއުމަކީ މި ލީގަށް އަންނާނެ އުނިކަމެއްގެ ގޮތުގައި ޕޮޗެޓީނޯ ވެސް ގަބޫލު ކުރެ އެވެ.

މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް ފައިނަލުގައި ވެސް ލިވަޕޫލާއި ޗެލްސީ ބައްދަލުކުރަން ޖެހޭނެ އެވެ. ޕޮޗެޓީނޯ ބުނީ ފައިނަލް މެޗަކާއި ލީގު މެޗެއްގެ ޕްރެޝަރު މުޅިން ތަފާތުވާނެ ކަމަށެވެ.

ލިވަޕޫލާއި ޗެލްސީން އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ވަނީ އެއްވަރުވެފަ އެވެ. މި ސީޒަނުގައި ލީގުގައި ޗެލްސީ ދަނޑުގައި ކުޅުނު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މިއީ، އިނގިރޭސި އެއް ވަަނަ ޑިވިޝަނުގެ ދެ ޓީމެއް، ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތަކުން ޖެހިޖެހިގެން އެންމެ ގިނަ ފަހަރު އެއްވަރުވި ކުރިމަތިލުމެވެ.

ލީގުގެ 10 ވަނައިގައި އޮތް ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ފަށާނީ މިރޭ 1:15 ގަ އެވެ.