Advertisement

ޝަމީމަށް ހަމަލާދިނީ ސިޔާސީ މަގުސަދެއްގައި ކަމަށް ވިދާޅުވުމުން ސޯލިހަށް ހޯމް މިނިސްޓަރު ރައްދު ދެއްވައިފި

31 ޖަނަވަރީ 2024 - 12:47 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޝަމީމަށް ހަމަލާދިނީ ސިޔާސީ މަގުސަދެއްގައި ކަމަށް ވިދާޅުވުމުން ސޯލިހަށް ހޯމް މިނިސްޓަރު ރައްދު ދެއްވައިފި

31 ޖަނަވަރީ 2024 - 12:47 1

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާ ދިނީ ސިޔާސީ މަގުސަދެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެމަނިކުފާނަށް ހަމަލާއާ ގުޅޭ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެ މައުލޫމާތުތައް ހިއްސާކޮށްދެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފި އެވެ.

ސޯލިހު، އެކްސްގައި ކުރެއްވި ޕޯސްޓު ރީޕޯސްޓް ކުރައްވައި އިހުސާން ލިޔުއްވާފައިވަނީ ސިޔާސީ މަގުސަދެއްގައި ޝަމީމަށް ހަމަލާ ދިން ކަމަށް ވިދާޅުވީތީ، ސޯލިހަށް ހަމަލާގެ މަގުސަދާއި އޭގެ ފަހަތުގައިވާ މީހުންނާ ގުޅޭ ގޮތުން ސައްހަ އަދި ވަރުގަދަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑު ކުރީގެ ރައީސް [ސޯލިހު] ގެ އަރިހުން އެދެން، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކްރެޑިބަލް އިންފޮމޭޝަންތައް ވީހާ ވެސް އަވަހަށް ފުލުހުންނާ ހިއްސާކުރުމަށް، އަދި މިކަމުގައި ކުރީގެ ރައީސް [ސޯލިހު] ގެ އޮފީހާ ކޯޑިނޭޓު ކުރުމަށް ވެސް އިންވެސްޓިގޭޓަރުންނަށް އަންގާފައި ވާނެ،" އިހުސާން ލިޔުއްވާފައިވެ އެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަމަލާ ދިނުމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު އިހުސާން ދެއްވި އެވެ.

ޝަމީމަށް މިއަދު ހެނދުނު ހަމަލާ ދިނީ މަރުތޭލަކުންނެވެ. ހަމަލާ ދިނީ އޭނާގެ ސައިކަލު ޕާކުކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާ އެރީ ވައަތުގެ މުލައްދަނޑިއަށެވެ. އޭނާއަށް ހަމަލާ ދިނީ ސައިކަލުގައި ދިޔަ ދެ މީހަކު ވެގެން ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޝަމީމަށް ދިން ހަމަލާ ކުރީގެ ރައީސް ސޯލިހު ކުށްވެރިކުރިއިރު އެމްޑީޕީން ވެސް ވަނީ އެ މައްސަލައިގައި ބަޔާނެއް ނެރަފަ އެވެ. އެ ޕާޓީން ބުނީ އެފަދަ ހަމަލާތައް ދެނީ ސަރުކާރުގެ ވެރިން ގޭންގުތަކާ އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.

"ރައީސް ޑރ. [މުހައްމަދު] މުއިއްޒުގެ ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއް ނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަން މި ޕާޓީން ގަބޫލުކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޝަމީމަށް ހަމަލާދިން މައްސަލަ އިދިކޮޅު ދަ ޑިމޮކްރެޓްސްއިން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން އެކަން ސިފަ ކުރީ މުޅި ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގަ އެވެ.