ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްއަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު "އަދަދު" އަށް ބުނީ ޝަމީމްއަށް ހަމަލާދިނީ މިއަދު ހެނދުނު ކަމަށާއި މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.
ފުލުހުން ބުނީ ޝަމީމަށް ހަމަލާދިން ކަމަށް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށާއި ހަމަލާދިން ކަމަށް ބެލެވެނީ ތޫނު އެއްޗަކުން ނޫން ކަމަށެވެ. އެނގިފައިވާ ގޮތުގަައި ޝަމީމަށް ހަމަލާދިނީ މަރުތޭލައަކުންނެވެ. ސައިކަލު ޕާކޮށްފައި ގެެއަށް ވެދެވަޑައިގަންނަވަނިކޮށް ކަމަށާއި ހަމަލާ އެރީ ވައަތުގެ މުލައްދަނޑިއަށް ކަމަށް ވެސް މިނޫހަށް މައުލޫމާތު ލިބުނެވެ.
މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭނާއަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. ލިބުނީ ސީދާ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެ އެވެ.
"ޕީޖީ ހުސެއިން ޝަމީމަށް މާލޭ މަގުމަތިން މީހަކު ހަމަލާދީފައިވާ ކަމަށް މިއަދު ރިޕޯޓުކޮށްފައިވޭ. އޭޑީކޭގައި ޕީޖީ ހުސެއިން ޝަމީމަށް ދަނީ ފަރުވާ ދެމުން. ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ނޫން ކަމަށް މިހާތަޖނަށް ބެލުމުން އެނގިފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ޝަމީމަށް ހަމަލާދިނީ ކާކު، ކީއްވެގެންކަން މިހާތަނަށް އެނގިފައެއް ނެތެވެ. އަދި އޭނާއަށް ހަމަލާދިން މީހާ މިހާތަނަށް ހައްޔަރެއް ވެސް ނުކުރެ އެވެ.
ނަމަވެސް ފުލުހުން ބުނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.
Comment