Advertisement

އަޒުލުކުރުމުގެ މާއްދާއާ ގުޅޭ މައްސަލަ މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަށް އެމްޑީޕީން ގަބޫލު ނުކުރޭ

30 ޖަނަވަރީ 2024 - 19:04 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ގާނޫނީ ޓީމުގެ މެމްބަރުން: އަޒުލުކުރުމުގެ މާއްދާއާ ގުޅޭ މައްސަލަ މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަށް އެމްޑީޕީން ގަބޫލު ނުކުރޭ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އަޒުލުކުރުމުގެ މާއްދާއާ ގުޅޭ މައްސަލަ މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަށް އެމްޑީޕީން ގަބޫލު ނުކުރޭ

30 ޖަނަވަރީ 2024 - 19:04 1

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕްރޮސެސް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، މަޖިލީހުގެ ބާރުގެ ތެރެއަށް އެހެން ބާރަކުން ވަނުމުގެ ޖާގަ ނޯންނާނެ ކަމަށެވެ.

"މިކަމުގަ އަޅުގަނޑު ގަބޫލުކުރާ ހަމައަކީ ސުޕްރީމް ކޯޓުން މީގެ ތެރެއަށް ވަންނަވައިގެންވެސް ނުވާނެ، އެ ބަލައިގަނެވޭނެ މައްސަލައެއްގެ ގޮތުގަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައަޅާ މާއްދާއަށް ގެނެވުނު އިސްލާހުތަކަކީ، ގާނޫނީ އިމުގެ ތެރެއިން ގެނެވުނު އިސްލާހުތަކެއް ކަމަށާއި އެކަން ފާސްކުރުމަކީ މަޖިލީހަށް ލިބިދޭ ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ވައްދާފައިވަނީ ދައުލަތުގެ ފަރާތުންނެވެ. އެ މައްސަލަ ހުށަހެޅިކަން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

"މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ އެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) އިން ގަވާއިދު ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިޚްތިޔާރުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާޠިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް މި މައްސަލައިގައި އެދިފައިވާނެ," އެ މައްސަލައާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ އަދި ޑިމޮކްރެޓްސް ގުޅިގެން ސޮއި ހަމަކޮށްފައިވަނިކޮށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.

ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކުން ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނެސްފައިވެ އެވެ.

ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ވަނީ ތިިރިވެފަ އެވެ.

މި ބަދަލާއެކު މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ.