Advertisement

އަދަބުދިން ރަޝްފޯޑް އަލުން ޔުނައިޓެޑްގެ ފަރިތަކުރުންތަކަށް

30 ޖަނަވަރީ 2024 - 14:13 0


އަދަބުދިން ރަޝްފޯޑް އަލުން ޔުނައިޓެޑްގެ ފަރިތަކުރުންތަކަށް

30 ޖަނަވަރީ 2024 - 14:13 0

މެންޗެސްޓާ (ޖެނުއަރީ 30) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑްގެ ޑިސިޕްލިނަރީ މައްސަލައިގައި ފިޔަވަޅު އެޅުމާ އެކު، އެ އަށް އެއްބަސްވެ، އޭނާ އެނބުރި ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ރެޝްފޯޑްގެ ޑިސިޕްލިނަރީ މައްސަލަ އެއް ފެން މަތިވީ މިދިޔަ އާދީއްތަ ދުވަހު ޔުނައިޓެޑުން އެފްއޭ ކަޕުގައި ނިއުޕޯޓާއި ބައްދަލުކުރި މެޗުގެ ކުރިން އޮތް ފަރިތަކުރުންތަކަށް ރަޝްފޯޑް ހާޒިރުނުވެ، އުޒުރަކަށް ބުނި ކަންތައްތަކާ ހިލާފު ކަމެއް ފެނިފައިވާތީ އެވެ.

ފަރިތަކުރުންތަކަށް ނާދެވެނީ، ބަލިވެ އުޅޭތީ ކަމަށް ރަޝްފޯޑް، ޔުނައިޓެޑަށް އެންގި ނަމަވެސް، އޭގެ ކުރިން ރޭ ނައިޓް ކުލަބަކުން ރަޝްފޯޑް ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ.

ނިއުޕޯޓް އަތުން މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރަޝްފޯޑް މެޗު ނުކުޅުނީ، ކްލަބްގެ އެތެރޭގައި ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

ޔުނައިޓެޑުން މިހާރު ނިންމާފައިވަނީ ރަޝްފޯޑްގެ ދެ ހަފްތާގެ މުސާރަ އުނިކުރުމުގެ އިތުރުން ޖޫރިމަނާއެއް ހިމެނޭ ގޮތަށް، އޭނާ އަތުން، ޖުމްލަ އެކު، 1.2 މިލިއަން ޑޮލަރު ގެއްލޭނެ އަދަބެއް ދީފަ އެވެ.

އެ އަދަބާ މެދު ރަޝްފޯޑް، އެޕީލް ނުކުރާނެ ކަމަށް އެންގުމުން އޭނާ އަށް ޓީމުގެ ފަރިތަކުރުންތަކުން ވަނީ ފުރުސަތު ދީފަ އެވެ.

ރަޝްފޯޑްގެ ވީޑިއޯ އާންމުވުމާ އެކު ޔުނައިޓެޑުގެ ސަޕޯޓަރުންގެ އިތުރުން އެ ޓީމުގެ ބައެއް ލެޖެންޑުންގެ ފާޑު ކިޔުން ވެސް އޭނާ އަށް ވަނީ އަމަޒުވެފަ އެވެ.