Advertisement

ސްޕޯޓްސް ކޮމިޝަނަރު ތޮލާލުގެ އިސްތިއުފާ އަށް ގޮވައި މުޒާހަރާކޮށްފި

29 ޖަނަވަރީ 2024 - 22:06 0


ސްޕޯޓްސް ކޮމިޝަނަރު ތޮލާލުގެ އިސްތިއުފާ އަށް ގޮވައި މުޒާހަރާކޮށްފި

29 ޖަނަވަރީ 2024 - 22:06 0

ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލުގެ އިސްތިއުފާއަށް ގޮވައި، އޭނާ ދިރިއުޅޭ ގެ ކައިރީގައި މިރޭ ބަޔަކު މުޒާހަރާއެއްކޮށްފި އެވެ.

ތޮލާލުގެ ގެ ކައިރީގައި މުޒާހަރާ ކުރި މީހުންގެ ތެރޭގައި ކްލަބް ވެލެންސިއާގެ ބައެއް ބޯޑު މެންބަރުންނާއި އާންމުން ވެސް ހިމެނެ އެވެ. އެ މުޒާހަރާގައި ވެލެންސިއާ ބޯޑުގެ ބައެއް މެންބަރުން ބައިވެރިވިއިރު، އެ ކްލަބުގެ ޗެއާމަންގެ މަގާމުން އަބްދުﷲ އަޒްމީން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށް ތޮލާލް ވަނީ ކަނޑައަޅައިފަ އެވެ.

މުޒާހަރާ ކުރި މީހުން ބުނަމުންދިޔައީ އެ މީހުން މުޒާހަރާ ކުރަނީ ކްލަބުތަކަށް ނޭނގި ބޯޑު މެންބަރުން ބަދަލު ކުރުން ފަދަ ކަންކަން ކުރަމުންދާތީ ކަމަށެވެ. އެގޮތުން ވެލެންސިއާގެ ބޯޑު "ވަގަށް ބަދަލުކޮށްފައިވާ" ކަމަށް މުޒާހަރާ ކުރި މީހުން ބުންޏެވެ.

ވެލެންސިއާގެ އެކިއެކި މައްސަލަތަަކެއް ފެންމަތިވީ, މި މަހު 31 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަށް ވެސް ތާއީދު ސިޓީ ދިނުމުންނެވެ.

ކޮންމެ ކްލަބަކަށް ތާއީދު އެއް ސިޓީ ދެވޭ ގޮތަށް ގަވާއިދު އޮތްއިރު، ތޯރިގަށް ތާއީދު ސިޓީ ދިނީ، ބޯޑް މެމްބަރުންގެ ތާއީދާ އެކު، ޗެއާމަން، އަޒްމީން ސޮއިކޮށްފަ އެވެ. މުފާ އަތުގައި އޮތް ސިޓީ އަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ސިޓީ އެކެވެ. އެ ސިޓީގައި ވެސް ބޯޑު މެމްބަރުންގެ ތާއީދު އޮތް ކަމަށް ވަނީ ހިމަނައިފަ އެވެ. މި ކަންތައްތައް މި ގޮތަށް އޮތުމުން، އެފްއޭއެމުން މި މައްސަލައިގައި ހަދާނެ ގޮތަކާ މެދު އޭއެފްސީ އަށް ހުށަހެޅުމުން އޭއެފްސީއިން ވަނީ އެ ދެ ސިޓީ އަކީ ވެސް ބާތިލު ސިޓީތައް ކަމަށް ނިންމާފަ އެވެ.

ވެލެންސިއާ އިން ވަނީ އެންމެ ފަހުން ބޭއްވި ބޯޑް ބައްދަލުވުމަށް، ތޮލާލް އަށް ދައުވަތު ވެސް ދީފަ އެވެ. އެކަމަކު، ތޮލާލް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ގަބޫލެއް ނުކުރި އެވެ. އެ ބައްދަލުވުމުގައި އަނެއްކާ ވެސް ވަނީ އަޒްމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ.