29 ޖަނަވަރީ 2024 - 15:08 1
މުހައްމަދު ޖަމްޝަތު ވަހީދު
ވެމްކޯގެ ކޮޅުވެއްޓިއަކަށް ޕިކަޕަކުން ކުނި ބާލަނީ: ވެމްކޯގެ ޕްރޮކިއުމަންޓުގެ ތެރެއިން ކޮރަޕްޝަން ހިންގާ ކަމަށް އަބަދުވެސް ވާހަކަ ދެކެވޭ -- ފޮޓޯ: އަދަދު
29 ޖަނަވަރީ 2024 - 15:08 1
ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި އުކާލުމުގެ ހިދުމަތް ދިނުމަށް 2016 އަދި 2017 ވަނަ އަހަރު ބީލަމުގެ އުސޫލުގެ ބޭރުން އެތައް މިލިއަން ރުފިޔާގެ ވެހިކަލް ހޯދާފައިވާ ކަމަށް އެ ކުންފުނީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ވެމްކޯގެ ޕްރޮކިއުމަންޓާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށް މިއަދު އާއްމުކުރި ހާއްސަ އޮޑިޓް ރިޕޯޓުަގައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެކުންފުނިން 2016-2017 އަށް ކުރިއަށް ގެންގޮސްފައިވާ އެތައް މަސައްސަލައެއް ފާހަގަކޮށްފަ އެވެ.
އެގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ވާދަވެރި ބީލަމުގެ އުސޫލުގެ ބޭރުން ވެމްކޯ އިން ވަނީ 43.9 މިލިއަން ރުފިޔާގެ ވެހިކަލްތައް ގަނެފަ އެވެ. އޭގެ ތެރޭގައި ވަކި ބަޔަކަށް މަސައްކަތް ހަވާލުކުރުމުގެ ބޭނުމުގައި ވަކި ބްރޭންޑެއްގެ ޓްރަކްތަކެއް ގަންނަން ނިންމުމާއި ކުނި އުފުލުމަށް 2016 ވަނަ އަހަރު ވެމްކޯ އަށް ގަނެފައިފާ 10 ޑަމްޕް ޓްރަކް ގަތުމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތަށް އަމަލުކޮށްފައި ވަނީ އޭގެ ތެރެއިން ބައެއް އުޅަނދުތައް ލިބެން ހުރީ އެންމެ ފަރާތެއްގެ އަތުން ކަމަށް ވެމްކޯއިން މައުލޫމާތު ދީފައިވީ ނަމަވެސް ވެހިކަލް ފަދަ އުޅަނދުތައް ގަންނަންވާނީ ވަކި ބްރޭންޑަކަށް ނުބަލާ އުޅަނދުގެ ސްޕެސިފިކޭޝަނަށް ބަލައިގެން ކަމަށާއި އެންމެ ރަނގަޅު އަގު ހުށަހަޅާ ފަރާތަކަށް ބީލަން އެވޯޑު ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން ވަކި ބްރޭންޑެއްގެ ޓްރަކް ހޯދުމުގެ ބޭނުމުގައި ވެމްކޯއިން ހަވާލުކުރި ކުންފުނިން ފޯރުކޮށްދިން ވެހިކަލް ތަކަކީ މޮޑިފައިކޮށް އުޅަނދު އުފެއްދި ގައުމާއި ބްރޭންޑު ވެސް އޮޅުވާލާފައިވާ ވެހިކަލްތަކެކެވެ. އަދި 10 ޑަމްޕް ޓްރަކް ސަޕްލައި ކުރުމަށް 6.8 މިލިއަން ރުފިޔާގެ އަގަކަށް އެއްބަސްވި ނަމަވެސް، މަސައްކަތް ހަވާލު ކުރި ފަރާތަށް ފައިސާ ދެއްކި އިރު އެއްބަސްވި އަދަދަށްވުރެ އިތުރަށް 407،642ރ. ދައްކާފައިވާ ކަމަށާއި އެއީ ޖީއެސްޓީގެ ގޮތުގައި ވެމްކޯއިން ދެއްކި ފައިސާ ކަމަށް ބުނެފައިވީ ނަމަވެސް ސަޕްލައި ކުރި ކުންފުނިން އެ ފައިސާ މީރާ އަށް ދައްކާފައިނުވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 2016 ގައި 35.32 މިލިއަން ރުފިޔާއަށް ވެމްކޯއަށް ގަތް ތިން ކޮޅުވެއްޓި ގަތުމުގެ އެއްބަސްވުމުގައި އެ ކޮޅުވެއްޓިތަކުގައި ޔަަންމާ ބްރޭންޑުގެ އިންޖީނު އަޅަންޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް، އެއްބަސްވުމުގެ އަގަށް ބަދަލު ނުގެނެސް، އެ ކޮޅުވެއްޓިތަކުގައި އަޅާފައި ވަނީ ކަމިންސް ބްރޭންޑުގެ އިންޖީނު ތަކެވެ.
އިންޖީނުގެ ބްރޭންޑު ބަދަލު ކުރަން ސަޕްލަޔަރު ހުށަހެޅިއިރު، ސަޕްލަޔަރު ދޭން ހުށަހެޅި 10،000 ޑޮލަރުގެ ޑިސްކައުންޓު އެއްބަސްވުމަށް ގެނައި އިސްލާހުގައި ހިމަނާފައި ނުވާއިރު ކޮޅުވެއްޓިތަކަށް ފައިސާ ދައްކާފައިވަނީ އެ ޑިސްކައުންޓު އުނި ނުކޮށް ކަމަށް ވެސް އޮޑިޓުގައިވެ އެވެ.
މީގެ އިތުރުން ކަމިންސް ބްރޭންޑުގެ އިންޖީނަކީ ޔަންމާ އިންޖީނަށް ވުރެ އަގު ހެޔޮ އިންޖީނެއް ނަަމަވެސް، އެއްބަސްވުމުގެ އަގަށް ބަދަލު ނުގެނެސް ކަމިންސް ބްރޭންޑުގެ އިންޖީނު ކޮޅުވެއްޓިތަކުގައި އަޅަން އެއްބަސްވެފައިވަނީ މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަންފާ ހޯދައިދޭން ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކުރަން އޭސީސީއަށް ހުށަހަޅަން އޮޑިޓް އޮފީހުން އަންގާފައިވެ އެވެ.
ވެމްކޯގެ ބޭނުމަށް އެއް މަހަށް ކުއްޔަށް ހިފި ތިން ކޮޅުވެއްޓީގެ ތެރެއިން ދެ ކޮޅުވެއްޓީގެ ކުލި މުރާޖައާ ނުކޮށް ކުއްޔަށް ހިފި މުއްދަތު މަހުން މަހަށް އިތުރު ކުރަމުން ގޮސް، 20 މަސް ވަންދެން އެ އުޅަނދުތައް ބޭނުންކުރަމުން ގޮސްފައިވާ މައްސަލައާއި އުސޫލެއް ނެތި ސްޕޮންސާޝިޕްގެ ގޮތުގައި ފައިސާ ދޫނުކުރަން ބޯޑުން ނިންމާފައި ވަނިކޮށް، އެކި ފަރާތްތަކަށް އެކި ފަހަރު މަތިން ފައިސާ ދޫކުރި މައްސަލައެއް ވެސް ވެމްކޯގެ އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ހަތަރު ފަހަރެއްގެ މަތިން ތިން ޖަމިއްޔާއަކަށް 850،000ރ. ސްޕޮންސާގެ ގޮތުގައި ދީފައިވާކަމަށް ރިޕޯޓުގައި ބުނެފައިވާއިރު އެ ފައިސާ ދޫކޮށްފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސޮއިކޮށް، ފައިނޭންސް ސެކްޝަނަށް މެމޯ ފޮނުވުމުން ކަމަށްވެ އެވެ.
މީގެ އިތުރުން އެއްބަސްވުމެެއް ނެތި އެކި ފަރާތްތަކާއި ހަވާލުކޮށްގެން 2016 ވަނަ އަހަރު ކުރުވާފައިވާ ފަސް މަސައްކަތަކަށް 1.92 މިލިއަން ރުފިޔާ ހަރަދުކުރިކަމަށާއި އެއީ ޕާޗޭސް އޯޑަރު ފޯމް މެދުވެރިކޮށް ހަވާލުކުރި މަސައްކަތްތަކެއް ނަމަވެސް މަސައްކަތް ނިންމަންޖެހޭ މުއްދަތައް ނުނިމިއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކާއި މަސައްކަތުގެ ފެންވަރު ފަދަ މުހިއްމު މާއްދާތައް ފޯމުގައި ހިމަނާފައިވާ ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment