Advertisement

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނަށް ތާވަލު ކުރި ޖަލްސާ ފަސްކޮށްފި

29 ޖަނަވަރީ 2024 - 10:12 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައްޔިތުންގެ މަޖިލިސް، ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ނެގުމަށް އިއްޔެއިން ފެށިގެން އަންނަނީ މަސައްކަތް ކުރަމުން


ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން މިއަދު ހެނދުނަށް ތާވަލު ކުރި ޖަލްސާ ފަސްކޮށްފި

29 ޖަނަވަރީ 2024 - 10:12 0

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުން އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ހެނދުނަށް ތާވަލު ކުރި ޖަލްސާ މެންދުރު ފަހަށް ފަސްކޮށްފި އެވެ.

މިއަދު 11:00 ގައި ބާއްވަން ތާވަލު ކުރި ޖަލްސާ ދެން ބާއްވާނީ މެންދުރު ފަހު 1:00 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ. އެހެން ނަމަވެސް އެ ޖަލްސާ ފަސް ކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުގެ ވޯޓު ނަގަން މަޖިލީހުގެ ރިޔާސަތުން އަންނަނީ އިއްުޔެއިން ފެށިގެން މަސައްކަތް ކުރަމުންނެވެ. އެ ވޯޓު ނެގުމަށް ޓަކައި ޖަލްސާ ފަށަން އިއްޔެ ވެސް ދެފަހަރެއްގެ މަތިން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދުކުރާ، ޕީއެންސީ/ޕީޕީއެމްގެ މެމްބަރުން ހުރަސް އެޅުމުގެ ސަބަބަބުން އެކަން ކާމިޔާބު ނުވީ އެވެ. ސަރުކާރު މެމްބަރުން ޖަލްސާއަށް ހުރަސް އެޅީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުގެ މެޖޯރިޓީ، އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީއިން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނެނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިއްޔެ މެންދުރު 1:30 ގައި ވޯޓަށް އަހަން ތާވަލު ކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގެ ދޮރުތައް ތަޅުލައި މައިކުތައް ފޮރުވާ އަދި ދުންމާރި ބޭނުން ކޮށްގެން އަޑުގަދަކޮށް ސަރުކާރު މެމްބަރުން ވޯޓަށް ހުރަސް އެޅިއެވެ. އެވަގުތުގެ ތެރޭގައި މަޖިލީހުގެ ތަޅުމުގައި މެމްބަރުން މެދުގައި ހަމަނުޖެހުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެސް ވި އެވެ. އަދި ކަނޑިތީމު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އެމްބިޔުލާންސްގައި އޭޑީކޭއަށް އިތުރު ފަރުވާއަށް ވެސް ގެންދިޔަ އެވެ.

އެއަށްފަހު ރޭ 8:00 އަށް އަނެއްކާވެސް ވޯޓަށް އެހުން ތާވަލު ކުރި އެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ރިޔާސަތަށް ހުރަސް އަޅައި ޖަލްސާ ފެށިޔަ ދީފައެއް ނުވެ އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުން، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްގެ މައިކު ވެސް ނަގާފައިވެ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އިއްޔެ ވިދާޅުވި ގޮތުގައި ޖަލްސާ ކުރިއަށް ގެންދެވޭނީ މެމްބަރު ޝަހީމް ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލި އިރަކުންނެވެ.

ވޯޓަށް އެހުމަށް ހުރަސް އެޅުމަށްފަހު މަޖިލީހުގެ ރައީސް އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މިހާރު މަޖިލީހަށް އޮތީ ހުށަހަޅާފަ އެވެ.