Advertisement

ޔުނައިޓެޑާއި ލިވަޕޫލް އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

29 ޖަނަވަރީ 2024 - 11:10 0


ޔުނައިޓެޑާއި ލިވަޕޫލް އެފްއޭ ކަޕްގެ ފަސް ވަނަ ބުރަށް

29 ޖަނަވަރީ 2024 - 11:10 0

ލަންޑަން (ޖެނުއަރީި 29) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު މެެޗުތައް ކާމިޔާބުކޮށް ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ހަތަރު ވަނަ ބުރުގައި ރޭ ނޯވިޗް ސިޓީ އަތުން އަމިއްލަ ދަނޑުގައި ލިވަޕޫލް މޮޅުވީ 5-2 އިންނެވެ.

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަމުން ވަކިވާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް އިއުލާންކުރި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލުން ލީޑު ނެގީ ކާޓިސް ޖޯންސް ޖެހި ލަނޑުންނެވެ.

އެކަމަކު ލީޑު ނެގިތާ މާ ގިނައިރުތަކެއް ނުވެ، ނޯވިޗްގެ ބެން ގިބްސަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ލިވަޕޫލް އިން އަލުން ލީޑު ނެގީ 28 ވަނަ މިނިޓުގައި ޑާވިން ނުނޭޒް ޖެހި ލަނޑުންނެވެ. އަދި ދެ ވަނަ ހާފުގައި ޑިއޯގޯ ޖޮޓާ، ވާޖިލް ވެން ޑައިކް އަދި ރަޔަން ގްރޭވަންބާކް ވަނީ އެ ޓީމަށް އިތުރު ލަނޑުތައް ކާމިޔާބުކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ނޯވިޗް އަށް އިތުރު ލަނޑެއް ޖަހައިދިނީ ބޯރްޖާ ސައިންޒް އެވެ.

ލިވަޕޫލުން ފަސޭހަކަމާ އެކު މޮޅުވި ނަމަވެސް، ރަށުން ބޭރުގައި ނިއުޕޯޓް ކައުންޓީ އަތުން ޔުނައިޓެޑް 4-2 އިން މޮޅުވީ އުނދަގޫތަކާ ކުރިމަތިލުމަށްފަހު އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް އަދި ކޯބީ މައިނޫ ޖެހި ދެ ލަނޑާއެކު ޔުނައިޓެޑް އިން ދެ ލަނޑުގެ ލީޑެއް ހޯދިއެވެ.

އެކަމަކު ފުރަތަމަ ހާފުގައި ބްރައިޔަން މޮރިސް ޖެހި ލަނޑާއި ދެ ވަނަ ހާފުގެ ކުރީކޮޅު ވިލް އެވަންސް ޖެހި ލަނޑާ އެކު، ނިއުޕޯޓް ކައުންޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ.

ޔުނައިޓެޑުން އަލުން ލީޑު ހޯދީ 68 ވަނަ މިނިޓުގައި އެންތަނީ ޖެހި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ފޯވަޑް ރަސްމަސް ހޮއިލުންޑް ވަނީ ޔުނައިޓެޑަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.