Advertisement

ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ފައިނޭންސިން ރޭޓް ދަށްކޮށްފި

29 ޖަނަވަރީ 2024 - 07:34 0


ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ފައިނޭންސިން ރޭޓް ދަށްކޮށްފި

29 ޖަނަވަރީ 2024 - 07:34 0

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާ ވެސް ދަށްކޮށްފި އެވެ.

އެ ބޭންކުގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައި ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓަށް ދަށްކުރުމަށް ނިންމައިފަ އެވެ. މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް އަންނަ ފެބްރުއަރީން ފެށިގެން ކަނޑައަޅާފައި ވަނީ މި ރޭޓެވެ.

އޭގެ އިތުރުން, ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަަސެންޓާ ހަމައަށް ފައިނޭންސް ލިބޭ ގޮތަށް ބަދަލު ވަނީ ގެނެސްފަ އެވެ.

މި ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެ ކަމަށް ބޭންކުން ބުނެ އެވެ.

"މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓު ދަށްކުރެވިގެން ދިޔުމަކީ އަޅުގަނޑުމެން ލިބުނު އުފަލެއް. ފައިނޭންސިންގ ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި," މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.

މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަން ޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެ އެވެ.