28 ޖަނަވަރީ 2024 - 14:11 1
އާމިނަތު ނިއުޝާ
ބީއެމްއެލް ބޯޑުގައި ނެތި، ބޯޑުން ވަކިކުރަން ނިންމި މުހައްމަދު ޝަރާހް
28 ޖަނަވަރީ 2024 - 14:11 1
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން ބުރާސްފަތި ދުވަހު ވަކިކުރި މެމްބަރުންގެ ނަންތައް ޕްރައިވަޑައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އިއުލާނު ކުރިއިރު، މީގެ އަހަރަކަށް ވުރެ ކުރިން އަމިއްލަ އަށް ވަކިވި މެމްބަރަކު ވެސް، ވަކިކޮށްފައިވާ ކަމަށް ބުނެފި އެވެ.
ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލްގެ ބޯޑުގައި ހުންނެވުމަށް ފަހު، ރާއްޖޭން ބޭރަށް ބަދަލުވެވަޑައިގަތުމަށްޓަކައި މީގެ އަހަރަކަށް ވުރެ ކުރިން އިސްތިއުފާ ދެއްވީ ކޮތަންގެ، ގދ. ފިޔޯރީ, މުހައްމަދު ޝަރާހު އެވެ. ނަމަވެސް ޕީސީބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި، ޖެނުއަރީ 25، 2024 ގައި ޝަރާހު ވަކިކުރި ކަމަށް ބުނެފައިވެ އެވެ.
ޗެއާޕާސަން ޔޫޝައު ސައީދުގެ އިތުރުން ޖުވައިރިޔާ ސައީދު، އަބްދުﷲ ހުސާމް، އަބްދުﷲ ހަސަން، އައިޝަތު ސަޖުނީ ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ސަޖުނީ އާއި އަބްދުﷲ ހަސަން ވަނީ އަލުން އައްޔަންކޮށްފަ އެވެ.
އެ މެމްބަރުން ވަކިކުރީ ކީއްވެގެން ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މިއީ ބޯޑުގެ ނިންމުންތައް ކުރިޔަށް ކުރިއަށް ގެންދެވޭނެ އަޣުލަބިއްޔަތު ގެއްލިގެންދާ ގޮތަށް ބޯޑުން މެމްބަރުން ވަކިކުރި ފުރަތަމަ ފަހަރެވެ. އެ މެމްބަރުން ވަކިކުރީ ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރު ލިމިޓު އަންނަ ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒު ނުކުރެވިދާނެ ސުވާލު އުފެދިފައި ވަނިކޮށެވެ.
ޑޮލަރު ތާށިކަމުގެ ތެރޭގައި ބީއެމްއެލްއިން ވަނީ ކުރިން ވިޔަފާރިތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ވެސް ހުއްޓާލާފަ އެވެ. ބޭންކުން ބުނަނީ އެ ހިދުމަތް ދިނުމާ ނުދިނުން ބިނާވަނީ ބޭންކުގެ ޑޮލަރު ރިޒާވަށް ކަމަށާއި މި ދުވަސްވަރު ޑޮލަރު ލިބުން ތާށިކަމުން ޑޮލަރު އެހީ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ބީއެމްއެލްއަކީ އާންމުންނާއި ސަރުކާރު ހިއްސާވާ ޕަބްލިކް ލިމިޓެޑް ކުންފުންޏެކެވެ. އެ ބޭންކުގައި ސަރުކާރުގެ ހިއްސާއަކީ 62.2 ޕަސެންޓެވެ. އިތުރު 4.1 ޕަސެންޓު ހިއްސާވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ބާކީ 32.7 ޕަސެންޓުގެ ހިއްސާދާރުންނަކީ އާންމުންނެވެ.
ޕީސީބީގެ ނޫސްބަޔާން
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ބުރަންމާނި
about 1 year ago
ހާދަ ވާނުވާ މީހެކޭ ވެރިޔަކަށް ހޮވާފަ މިހުރީ.
Comment