28 ޖަނަވަރީ 2024 - 12:36 0
ހަސަން މުހައްމަދު
28 ޖަނަވަރީ 2024 - 12:36 0
މެޑިކަލް އެވަކުއޭޝަނާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސަރުކާރުގެ ވިސްނުމަކީ ވާދަވެރި ބީލަމަކުން ނުވަތަ ރެސްޓްރިކްޓެޑް ޓެންޑާއަކުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ހުޅުވާލުން ކަމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.
"ވާދަވެރި ބީލަމެއްގެ ތެރެއިން ނުވަތަ ރެސްޓްރިކްޓެޑް ޓެންޑާއެއްގެ ތެރެއިން ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުން. އަދި އެ ފަދަ ފަރާތްތަކަށް ފަސް އަހަރާއި ހަތް އަހަރު ދުވަހުގެ އެކްސްކްލޫސިވިޓީއެއް ދިނުން،" ނާޒިމް ވިދާޅުވި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ފަށާއިރު ބޭނުން ކުރާނީ ދެ އިންޖީނުލީ ހެކިލޮޕްޓަރު ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މެޑިވެކް އާއި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަށް ލާޒިމުކޮށް ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުން،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ، ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ކުރިން އެ ދާއިރާގެ ތަޖުރިބާކާރަކު ހޯދާނެ ކަމަށާއި ހިދުމަތްތައް ދޭނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ.
"ހެލިކޮޕްޓަރުގެ ހިދުމަތް ފަށައިގަންނަން ބޭނުންވާ އެ ދާއިރާގެ ކޮންސަލްޓަންޓަކު ހޯދުމަށާއި ރެގިއުލޭޓަރީ މަސައްކަތްތައް ބައިނަލްއަގުވާމީ މިންގަނޑަށް ކުރުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އިތުރަށް ބޭނުންވާ އޮފީސް ޖާގައެއް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުން،" ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން، ހެލިކޮޕްޓަރު ޖެއްސުމަށް ބޭނުންވާ ޖާގައެއް ހުޅުލޭގައި ގާއިމު ކުރާނެ ކަމަށާއި އިތުރު ހެލިޕެޑެއް އަޅަންޖެހިއްޖެ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހަމަޖެއްސުން ކުރަންޖެހެ ކަންކަން ކުރުން. އަދި އިތުރު ސަރަހައްދެއްގައި ހެލިޕޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރެވޭ ނަމަ އެކަމަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިޔުން،" އޭނާ ވިދާޅުވި އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފަށަން ނިންމާފައި މި ވަނީ މެޑިކަލް އިވެކުއޭޝަން އަދި ސާޗް އެންޑް ރެސްކިއުގެ ހިދުމަތަށް ބޭނުން ކުރަމުންދިޔަ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލުމަށްފަހެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment