28 ޖަނަވަރީ 2024 - 12:09 0
މިންހާ އަބްދުﷲ
މަޖިލިސް ސަރަހައްދުގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާ، މުޒާހަރާގައި ގޮވާލާފައި ވަނީ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް -- ފޮޓޯ: އަދަދު
28 ޖަނަވަރީ 2024 - 12:09 0
ވަޒީރުންނަށް ރުހުން ދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އޮންނަ ޒިންމާއެއް ކަމަށާއި އެކަމުގެ ވޯޓަށް ސަރުކާރު ކޯލިޝަންގެ މެމްބަރުން ހުރަސް އެޅުމަކީ ޑިމޮކްރެޓިކް ޕްރޮސެސްއަށް ހުރަސް އެޅުން ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.
މިކަމާ ގުޅިގެން އެމްޑީޕިން ނެރުނު ބަޔާނުގައި މަޖިލީހުގެ ތަޅުމަށް މެމްބަރުން ވަނުން މަނާކޮށް ތަޅުމުގެ ދޮރުތަކުގައި ތަޅު އަޅުވައި ވޯޓަށް އެހުމަށް ތާވަލުކޮށްފައި އޮތް ވަގުތަށް ޖަލްސާ ފެށިޔަ ނުދޭން ސަރުކާރު ކޯލިޝަންގެ މެމްބަރުން ކުރި މަސައްކަތުގެ ސަބަބުން މަޖިލީހުގެ ނިޒާމު ގެއްލިފައި ވާތީ، އެކަން ކުށްވެރިކުރި އެވެ.
"މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް، ނަމަވެސް މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ އެކަން މި ޕާޓީ އިން ކުށްވެރިކުރަން،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވަނީ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް އެކަށޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ވެސް އިދާރާތަކަށް ގޮވާލާފައިވެ އެވެ.
މިއަދުގެ މެންދުރު 1:30 ގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުން ތާވަލު ކުރި ނަމަވެސް، އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައި ވާތީ ސަރުކާރު ކޯލިޝަން، ޕީއެންސީ އަދި ޕީޕީއެމްގެ މެމްބަރުން ވަނީ ވޯޓަށް އެހުމަށް ހުރަސް އަޅާފަ އެވެ.
އެމްޑީޕީން ނިންމީ އުޝާމް، ސައީދު، ހައިދަރު، ޝަހީމަށް ނުދޭން
އެމްޑީޕީން ނިންމީ އުޝާމް، ސައީދު، ހައިދަރު، ޝަހީމަށް ނުދޭން
ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ސަރުކާރު ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ. އެމްޑީޕީ އާއި ޑިމޮކްރެޓުން މިކަން ހާމަކުރުން ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަޖިލިސްކުރާގެ ދޮށަށް އެއްވެ މުޒާހަރާކޮށްފައިވެ އެވެ.
މިކަމެއް ބޭރުތެރޭގައި ހިނގަމުން ދިޔައިރު، މަޖިލީހުގެ ތަޅުމުގެ ތެރޭގައި މެމްބަރުންގެ ތެރޭގައި ހަމަ ނުޖެހުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment