Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ބޭނުންކުރަން ފަށައި، ފުރަތަމަ ފްލައިޓު ޖައްސައިފި

28 ޖަނަވަރީ 2024 - 15:16 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ފުރަތަމަ ޖެއްސި ފްލައިޓު: އާރްއޭސީއެލްގެ އެމްޑީ އަހުމަދު މުބީންގެ އާއި އައިލެންޑް އޭވިއޭޝަންގެ އެމްޑީ އަލީ ސަލީމް މި ފްލައިޓުން ދަތުރުކުރެއްވި-- ފޮޓޯ: އާރްއޭސީއެލް


ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ބޭނުންކުރަން ފަށައި، ފުރަތަމަ ފްލައިޓު ޖައްސައިފި

28 ޖަނަވަރީ 2024 - 15:16 0

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ބޭނުންކުރަން ފަށައި، ފުރަތަމަ ފްލައިޓު މިއަދު ޖައްސައިފި އެވެ.

އެ އެއާޕޯޓުގައި އަލަށް ތަރައްގީކުރަނީ 2،460 މީޓަރުގެ ރަންވޭ އެކެވެ. މިއަދު ހެނދުނު ހުޅުވާލާފައިވަނީ އޭގެ ތެރެއިން 1،200 މީޓަރެވެ. އައު ރަންވޭގެ މިބައި ހުޅުވާލާފައިވަނީ ލައިޓް ހަރުކޮށް، ރޭގަނޑު ފްލައިޓުތައް އޮޕަރޭޓް ކުރެވޭ ގޮތަށެވެ.

މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭއަށް ޖެއްސި ފުރަތަމަ ފްލައިޓުގައި އެ އެއާޕޯޓު އޮޕަރޭޓުކުރާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އާރްއޭސީއެލް)ގެ އެމްޑީ، އަހުމަދު މުބީންގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އެމްޑީ އަލީ ސަލީމް ދަތުރުކުރެއްވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭއަށް ފުރަތަމަ ފްލައިޓް ޖެއްސުން -- ފޮޓޯ: އާރްއޭސީއެލް


ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްއޭސީއެލްގެ އެމްޑީ މުބީން ވަނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރަންވޭގެ ހުރިހާ ސެގްމެންޓެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާއަށް ކުރާ ދަތުރުތަށް ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަންގެ އެމްޑީ އަލީ ސަލީމް ދެއްވާފައިވެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ރަންވޭގެ ނުނިމި އޮތް ދެ ސެގްމެންޓުގެ މަސައްކަތް ކުރިއަށްދަނީ ކުރިން އެ އެއާޕޯޓުގައި ބޭނުންކުރި ރަންވޭ ތަޅާލުމަށް ފަހުގައި ކަމަށް އާރްއޭސީއެލުން މައުލޫމާތު ދެ އެވެ.

މި މަޝްރޫއު ނިމިގެންދާއިރު އެއާބަސް އޭ 320 އަދި ބޮއިންގް 737 ގެ ބޮޑެތި ބޯޓު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސޭނެ ކަމަށާއި، އަހަރަކު 1.3 މިލިއަން ޕެސެންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ އެއާޕޯޓު ޓާމިނަލަކާއި ފިއުލް ރައްކާކުރެވޭނެ އިންތިޒާޟު ހަމަޖެހިގެން ދާނެކަމަށް އާރްއޭސީއެލުން ބުނެ އެވެ.