Advertisement

ޖެނުއަރީ ޓްރާންސްފާގައި ފޯވަޑެއް ނުގެނެވޭނެ: ޓެން ހާގް

27 ޖަނަވަރީ 2024 - 16:58 0


ޖެނުއަރީ ޓްރާންސްފާގައި ފޯވަޑެއް ނުގެނެވޭނެ: ޓެން ހާގް

27 ޖަނަވަރީ 2024 - 16:58 0

މެންޗެސްޓާ (ޖެނުއަރީ 27) - މެންޗެސްޓާ ޔުނައިޓެޑަށް އިތުރު ފޯވަޑެއް ބޭނުންވި ނަމަވެސް، މާލީ ސަބަބުތަކާހެދި ޖެނުއަރީގެ ޓްރާންސްފާގައި އެކަން ނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި މާދަމާ ރޭ ނިއުޕޯޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ޖެނުއަރީގެ ޓްރާންސްފާގެ އިތުރު ފޯވަޑެއް ގެންނަން އޭނާ މަސައްކަތްކުރި ނަމަވެސް، ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ އުސޫލުގެ ދަށުން ޖެނުއަރީގައި ފޯވަޑެއް ގެނެވޭނެ ޖާގައެއް ނެތް ކަމަށެވެ.

"މި ވަގުތު ފޯވަޑެއް ޓީމަށް ބޭނުންވިޔަސް، ޖެނުއަރީގައި ފޯވަޑެއް ގެންނަން އެފްއެފްޕީ ގަވައިދު ޖާގައެއް ނުދޭ،" ޓެން ހާގް ބުންޏެވެ.

މި ސީޒަންގައި ޔުނައިޓަޑަށް ބަދަލުވި ޑެންމާކްގެ ފޯވަޑް ރަސްމަސް ހޮއިލުންޑް މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޖެހީ ދެ ލަނޑެވެ. ފްރާންސްގެ ފޯވަޑް އެންތަނީ މާޝިއާލް އަށް ކުރިމަތިވި އަނިޔާ އަށް ފަހު އޭނާ ފިޓުވާނެ ކަމަށް ބެލެވެނީ އޭޕްރީލް މަހު އެވެ. އަނެއްކޮޅުން، ޔުނައިޓެޑުން މާޝިއަލްގެ ކޮންޓްރެކްޓާ މެދު އަމަލުކުރާނެ ގޮތެއް ވެސް އޮތީ ނުނިމި އެވެ.

ޓެން ހާގް ބުނީ އިންގްލެންޑްގެ ފޯވަޑް މާކަސް ރަޝްފޯޑް އަދި އެހެން ބައެއް ކުޅުންތެރިން ސެންޓާ ފޯވަޑަކަށް ބޭނުންކުރުމުގެ ވިސްނުންތައް އެބަހުރި ކަމަށެވެ.

"ރަޝްފޯޑަކީ ސެންޓަ ފޯވަޑަށް ކުރިންވެސް ރަނގަޅަށް ކުޅުނު ކުޅުންތެރިއެއް. އެހެން ބައެއް ކުޅުންތެރިންނަށްވެސް އެ މަގާމަށް ކުޅެވޭނެ،" ޓެން ހާގް ބުންޏެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ކުޅެމުންދާ ފްރާންސްގެ ފޯވަޑް ކަރީމް ބެންޒެމާ ގެންނަން ލިބުނު ފުރުސަތު ޔުނައިޓަޑުން ވަނީ ދޫކޮށްލައިފަ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ބެންޒެމާ ،36، ގެންނަން މަޝްވަރާކުރަން ވެސް ޔުނައިޓަޑުން ބޭނުންނުވީ އެނާގެ އަގު ބޮޑުވުމުންނެވެ.