27 ޖަނަވަރީ 2024 - 12:07 0
ކުއީންސް ބާސްކެޓްބޯލް ކްލަބްގެ އިއްކޮ: ރޭގެ މެޗުގައި މޮޅު ކުޅުމެއް ވަނީ ދައްކައިފައި.--- ފޮޓޯ: ބާސްކެޓު / ސިޑިބަރި
27 ޖަނަވަރީ 2024 - 12:07 0
ގައުމީ ބާސްކެޓްބޯލަ ލީގުގެ އަންހެން ޑިވިޝަންގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ކުއީންސް ބާސްކެޓްބޯލް ކްލަބުން ފަސޭހަ މޮޅެއް ހޯދިއިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް ކިންގްސް ބާސްކެޓްބޯލް ކްލަބުން ލީގު ހޯދުމުގެ ރޭހުގައި ދެމި އޮންނަން މުހިންމު މޮޅެއް ހޯދައިފި އެވެ.
ފުރަތަމަ ބުރުގައި ވެސް ކުއީންސް އިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރޭ ކުއީންސް އިން ބައްދަލުކުރީ ލަޔަނެސްއާ އެވެ. އެ މެޗުން ކުއީންސް މޮޅުވީ، 123-37 އިންނެވެ.
މުޅި މެޗު ކުއީންސްގެ ކޮންޓްރޯލްގައި އޮތްއިރު، އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ، 26 ޕޮއިންޓް ހޯދި ފާތިމަތު ރިޝްމާ (ރިޝްޓޯ) އެވެ. ކުއީންސްގެ އައިމިނަތު ޝިއުރާ، 20 ޕޮއިންޓް ސްކޯކުރިއިރު، އިފާ އާތިފް އާއި އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) ވަނީ ކޮންމެ ކުޅުންތެރިއަކު 19 ޕޮއިންޓް އެއްކޮށްފަ އެވެ.
ފިިރިހެން ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން، އެއް ވަނައިގައި އޮތީ ޓީރެކްސް ބާސްކެޓްބޯލް ކްލަބް އެވެ. ހަމައެކަނި ޓީރެކްސް އަތުން ބަލިވި ކިންގްސް އިން އަންނަނީ ދެން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ލީގުގެ ރޭހުގައި ދެމި އޮންނަން ހިތްވަރު ހޯދަމުންނެވެ.
ރެޑްވިންގްސްގެ މައްޗަށް ކިންގްސް އިން ރޭ ކުރިހޯދައިފައިވަނީ، 81-64 އިންނެވެ.
ރޭގެ މެޗުގައި ކިންގްސް އަށް ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު، ރެޑްވިންގްސް ކުރީގައި އޮތީ، 21-24 އިންނެވެ. އެކަމަކު، ދެ ވަނަ ކުއާޓަރުގައި ކިންގްސް އިން ނަތީޖާ އަނބުރާލި އެވެ. އެ އަށް ފަހު، ކޮންޓްރޯލްގައި އޮވެގެން، ފަަހު ދެ ކުއާޓަރުގައި ކުޅެލައި މެޗުން މޮޅުވީ އެވެ.
ކިންގްސް އަށް ރޭގެ މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ، 25 ޕޮއިންޓް ސްކޯކުރި އަބްދުﷲ އަމްޒަރު މުހައްމަދު އެވެ. ރެޑްވިންގްސް އަށް އެންމެ މޮޅު ކުޅުމެއް ދައްކައިިދިން މުހައްމަދު ޒީދާން ނައީމް ވަނީ 19 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. އަންހެން ޑިވިޝަނުގެ ދެ ވަނަ ބުރުގައި ކުޅޭ މެޗުގައި އެލީޓް ސްޕޯޓްސް ކްލަބް ކުޅޭނީ ސައިކްލޯން ބާސްކެޓްބޯލް ކްލަބްއާ އެވެ. ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި ރެޕްޓާސް ބާސްކެޓްބޯލް ކްލަބް ބައްދަލުކުރާނީ ރޯޔަލްސް ބާސްކެޓްބޯލް ކްލަބާ އެވެ.
Comment