Advertisement

ޓޮޓެންހަމް ދަނޑުގައި ސިޓީ އަށް ފުރަތަމަ މޮޅު

27 ޖަނަވަރީ 2024 - 11:43 0

ސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---


ޓޮޓެންހަމް ދަނޑުގައި ސިޓީ އަށް ފުރަތަމަ މޮޅު

27 ޖަނަވަރީ 2024 - 11:43 0

ލަންޑަން (ޖެނުއަރީ 27) - އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި 1-0 އިން މެންޗެސްޓާ ސިޓީން ކުރިހޯދައިފި އެވެ.

މިއީ 2019 ވަނަ އަހަރު ހުުޅުވި ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ސިޓީން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން އެ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ސިޓީން ކުޅުނު ފަސް މެޗުން ބަލިވިއިރު، ލަނޑެއް ވެސް ޖެހިފައިނުވެ އެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މެޗުގައި، ސިޓީން މެޗުގައި ޖެހި ހަަމައެކަނި ލަނޑު ކާމިޔާބުކުރީ 88 ނޭތަން އަކޭ އެވެ. ފުރަތަމަ ހާފުގައި ސިޓީ އަށް ލަނޑު ޖަހައިދޭން ފިލް ފޯޑެން އާއި އޮސްކާ ބޮބް ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެކަމަކު، އޭގެއިން ފުރުސަތަކުން ގޯލެއް ނުޖެހުނެވެ.

އަނިޔާގެ ސަބަބުން ސިޓީގެ އެއް ވަނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް މި މެޗުގައި ވެސް ނުކުޅެވުނެވެ.

ޓޮޓެންހަމް އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތަށް އެހީވާން ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގައި، ޖޭމްސް މެޑިސަން ވެސް ކުޅެން ނުކުތެވެ. އަނިޔާއިން ރަނގަޅުވެގެން ކުޅުމަށް އެނބުރި އައި މެޑިސަން އަށް އެންމެ ރަނގަޅު ފޯމުގައި ކުޅެން މެޗު ބޭނުންވާނެ ކަމަށް ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.

އެފްއޭ ކަޕް ހަތަރު ވަނަ ބުުރުގައި ރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، ދެން އޮތް ބުރަށް ދާނެ ޓީމެއް ކަނޑައަޅަން ޖެހޭނީ ރީޕްލޭ މެޗެއް ކުޅޭށެވެ.