އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ މެދުގައި ދިވެހިރާއްޖެ

27 ޖަނަވަރީ 2024 - 03:21 2

ރާއްޖޭގެ ދިދަ ޖަހާފައިވާ ބޯޓެއްގެ ފަހަތުން ޗައިނާ އަދި އިންޑިއާގެ ދިދަ ޖަހާފައިވާ ބޯޓުތަކެއް. ދުނިޔޭގެ މި ގަދަ ދެ ބާރުން ގެންދަނީ އިންޑިއާ ކަނޑުގައި ނުފޫޒު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ---


އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ މެދުގައި ދިވެހިރާއްޖެ

27 ޖަނަވަރީ 2024 - 03:21 2

ދިވެހި މުސްކުޅި ބަހެއްގައިވެ އެވެ. ބޮޑު ދެގެރި ތޮޅެންޔާ ކަށްގަލަށް ބާރުކުރާނެ އެވެ. މި އިބާރާތް އާންމު ގޮތެއްގައި ބޭނުންކުރެވެނީ ވެރިންގެ އަރައިރުމުގައި ރައްޔިތުންނަށްވާ ގެއްލުން ބުނެދިނުމަށެވެ. ނުވަތަ ބޮޑު ދެބާރަކުން ކުރާ ހަނގުރާމައިގައި ކުދި ބާރުތަކުން އުފުލަންޖެހޭ ގެއްލުން ބަޔާންކޮށްދިނުމަށެވެ. ދިވެހިރާއްޖޭގެ ޒަމާންވީ ހަޔާތުގައި މިއަދު މި ފެންނަނީ މިފަދަ ހިނދުކޮޅެކެވެ. ފަހަކަށް އައިސް ދިވެހިރާއްޖޭގެ ހާރިޖީ އަދި ދާހިލީ މަޝްރަހަށް އަންނަމުންމިދާ ބަދަލުތަކުން ދޭހަވަނީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ އޮއިވަރެއްގައި މިރާއްޖެ ވެސް ޖެހިފައިވާކަމެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ އަސަރު މި ކުޑަކުޑަ ޖަޒީރާ ގައުމަށް ކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތެކެވެ. ސަރަހައްދީ ބޮޑު ބާރެއް ކަމަށްވާ އިންޑިއާ އާއި، ދުނިޔޭގެ އިގުތިސާދީ އެންމެ ބޮޑު އެއް ބާރުކަމަށްވާ ޗައިނާއިން އިންޑިއާ ކަނޑުގައި ބާރުވެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ވާދަވެރިކަމުގެ ރާޅުތައް މި ކުޑަކުޑަ ރާއްޖެއަށް މި ވަނީ ވަރުގަދައަށް ޖަހަން ފަށައިފަ އެވެ.

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ މެދުގައި އެތައް ހާސް ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ޖަޒީރާ ގައުމެކެވެ. ބައިނަލްއަގުވާމީ ކޮންމެ މިންގަނޑަކުން ބެލި ނަމަވެސް ދިވެހިރާއްޖެ ފެތެނީ ކުދި ގައުމުތަކުގެ ފަންތިއަށެވެ. މިއީ، އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެ ހަގީގަތެއް ކަމަށް ހީވި ނަމަވެސް، ކުދި ގައުމުތައް ކަނޑައެޅުމުގެ ފަންތިއަކީ އިލްމީ އެތައް ބަހުސެއް ހިނގަމުންދާ މައުލޫއެކެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

ބައިނަލްއަގުވާމީ ކަންކަން ރޭވިފައި އޮންނަ ގޮތުން އެކި ޖަމިއްޔާ ޖަމާއަތްތަކުގެ މެމްބަރުކަމާއި އެކިއެކި އެހީތައް ކަނޑައެޅުމުގައި، ގައުމުތައް ވަޒަންކުރެވިފައި ހުންނަ މިންގަނޑަށް ބަލައި ރިއާޔަތްކުރެ އެވެ. އެކި އިލްމީ ދިރާސާތަކުގައި ކުދި ގައުމެއް ކަމަށް ކަނޑައަޅާ މިންގަނޑުތައް ތަފާތެވެ. ބައެއް ދިރާސާތަކުން ގައުމެއްގެ އާބާދީއަށް ނިސްބަތްކޮށް އެއީ ކުޑަ ނުވަތަ ބޮޑު ގައުމެއްތޯ ކަނޑައަޅާއިރު، އެހެން ބައެއް ދިރާސާތަކުގައި ގައުމެއްގެ ބިމާއި ސަރަހައްދީ ބޮޑުކުޑަމިން (ޖިއޮގްރަފިކަލް ސައިޒް)، ދިފާއީ ބާރުވެރިކަން، އިގުތިސާދީ ބާރުވެރިކަން ހިމަނައިގެން ކުޑަ ބޮޑުމިން ފަރަގުކުރެއެވެ.

މިސާލަކަށް ދަންނަވަނީނަމަ ސިންގަޕޫރަކީ އާބާދީ އާއި ބިމުގެ ސައިޒު ކުޑަ ގައުމެއް ނަމަވެސް، އެ ގައުމުގެ ވަރުގަދަ އިގުތިސާދީ ކުރިއެރުމަށް ބެލުމުން، ބައެއް މެދު ފަންތީގެ ގައުމުތަކަށްވުރެ ސިންގަޕޫރު އުޅެނީ ކުރީގަ އެވެ. ވުމާއެކު، ކުދި ބައެއް ގައުމުތައް ތަހައްމަލުކުރާ ގިނަ ދަތިތައް ސިންގަޕޫރު ގައުމެއްގެ ހައިސިއްޔަތުން ތަހައްމަލުކުރާކަށް ނުޖެހެ އެވެ. މިފަދަ ކަންކަމަށް ރިއާޔަތްކޮށް ބައެއް އިލްމީ ދިރާސާތަކުގެ ބަހުސްގައި، ސިންގަޕޫރަކީ ކުޑަ ގައުމެއްގެ ގޮތުގައި ބަލައިނުގަނެ އެވެ.

ދިވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން، ބިމާއި ހިކިފަސް ސަރަހައްދުގެ ބޮޑުމިނުން، ދިފާއީ އަދި އިގުތިސާދީ މިންގަނޑުތަކުން ބެލި ނަމަވެސް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ކުޑަ ގައުމެއްކަމީ އެންމެން އެއްބަސްވާ ހަގީގަތެކެވެ. ކުދި ގައުމުތަކުގެ މިންގަނޑުން ބަލާއިރު ދިވެހިރާއްޖެ ގިނަ ފަހަރު ގިންތި ކުރެވެނީ 'މައިކްރޯ ސްޓޭޓް' ނުވަތަ އެންމެ ކުދި ގައުމުތަކުގެ ތެރޭގަ އެވެ. މިނުކުތާ މިހާ ތަސްފީލުކޮށް ސާފުކޮށްދޭން މުހިންމު ވަނީ ކުދި ގައުމުތަކުގެ ނާޒުކު ކަމާއި ކުރިމަތިވާ ގޮންޖެހުންތައް ބޮޑު ވާހަކަ ތަކުރާރުކޮށް ދެކެވެމުންދާއިރު، މައިކްރޯ ސްޓޭޓެއްގެ ހައިސިއްޔަތުން ރާއްޖެއަށް ހުރި ގޮންޖެހުންތައް އެތައް ގުނައެއް އިތުރުވެފައި ގިނަވާނެކަން ހަނދާންކޮށްދިނުމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދީ މުހިންމުކަން އިތުރުވުން

ދިވެހިރާއްޖޭގެ ދެހާހަށްވުރެ ގިނަ އަހަރުގެ ދިގު ތާރީހެއް އޮތް ނަމަވެސް، ގިނަ ޒަމާންތަކެއް ވަންދެން ބައިނަލްއަގުވާމީ މުޖުތަމައަށް މި ގައުމަކީ އޮންނަ، އެހެނަސް ނުފެންނަ ގައުމެކެވެ. އިގުތިސާދީ ކުރިއެރުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތަކާއެކު ދުނިޔެ ބަވަނަވަމުން އައިސް، ޑިމޮކްރަސީގެ ބިޔަ ރާޅުތައް މިގައުމާ އަރާހަމަކުރިއިރު، ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މިސްރާބު ހުރީ އިންޑިއާ ކަނޑުގެ މުހިންމުކަން ދެނެގަނެވި، މިސަރަހައްދުގައި އެ ގައުމުތަކުގެ ބާރެވެރިކަން އިތުރުކުރުމުގެ ވިސްނުމެއްގަ އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ބޮޑެތި ސީ ލައިންސް އޮފް ކޮމިއުނިކޭޝަން (SLOSc)އާންމުކޮށް ދަތުރުކުރާ ރާސްތާއެކެވެ. އެގޮތުން, ދުނިޔޭގެ އުތުރާއި ހުޅަނގުން ތެޔޮ އަދި މުދާ އުފުލާ ބޯޓުތައް ގަވާއިދުން މިސަރަހައްދު ހުރަސްކުރެ އެވެ. މި ސީ ލައިންސް އޮފް ކޮމިއުނިކޭޝަންސް ދުނިޔޭގެ މެރިޓައިމް ޓްރޭޑް ފްލޯއަށް ނުހަނު މުހިންމެވެ. އެގޮތުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ބޮޑު ބައެއްވެސް ރޭވިފައިވަނީ މިސަރަހައްދުގެ ތެރެއިންލައިފަ އެވެ. މިދެންނެވި ކަންކަމާއެކު ދިވެހިރާއްޖެ އެ ކަނޑެއްގެ މެދުގައި އޮންނަ އިންޑިއާ ކަނޑުގެ ސަރަހައްދަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ ވަކީން ހާއްސަ ސަމާލުކަމެއްދޭން ފަށައިފަ އެވެ.

އިންޑިއާ ކަނޑުގެ ޝިޕިން ރޫޓުތައް ދައްކުވައިދޭ މެޕެއް. ރާއްޖެ އޮންނަނީ މި ރޫޓުތަކުން ދަތުރުކުރާ އުޅަނދުތަކަށް މުހިންމު ސަރަހައްދެއްގައި


ޖިއޯ ޕޮލިޓިސް އަދި ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ގިނަ ދިރާސާތަކެއްކޮށް މި ދާއިރާއިން މަޝްހޫރުކަން ހޯދާފައިވާ ރޮބަޓް ޑީ. ކަޕްލަން 2010 ވަނަ އަހަރު ޝާއިޢުކުރި 'މޮންސޫން' ފޮތުގައި މިދެންނެވި މުހިންމު ކަމަށް އަލިއަޅުވާލައިފައިވެ އެވެ. އެގޮތުން، 21 ވަނަ ގަރުނުގައި ބައިނަލްއަގުވާމީ ބާރުތަކުގެ ބެލަންސް އޮފް ޕަވާ ޑައިނަމިކްސް ކަނޑައެޅުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރާނެ ސަރަހައްދަކީ އޭޝިއާ ބައްރު ކަމަށާއި، ވަކިން ހާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދު ކަމަށް ލިޔުއްވާފައިވެ އެވެ.

އާ ސާސްކަފުގެ މެދުތެރެއިން ފެށިގެން ޗައިނާއިން ދެކުނު އޭޝިއާ ސަރަހައްދުގައި ކުރިއަށް ގެންދަން ފެށި އިކޮނޮމިކް އެންގޭޖްމަންޓް ޕްރޮގްރާމްތަކާއި، ހަމަ މިދުވަސްވަރު އަވައްޓެރި އިންޑިއާއިން ކުރިއަށް ގެންދަން ފެށި 'ނެއިބަހުޑް ފަސްޓް ޕޮލިސީ' އާއި، އޮބާމާ ސަރުކާރުގައި ތައާރަފްކުރެވުނު 'ޕިވޮޓް ޓު އޭޝިއާ' ފޮރިން ޕޮލިސީ، އާއި އިންޑިއާ ކަނޑުގެ މެރިޓައިމް ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަގުސަދުގައި އޮސްޓްރޭލިއާ، ޖަޕާން، އިންޑިއާ އަދި އެމެރިކާ ގުޅިގެން އަލުން ރުކުލަވާލެވުނު ކުއަޑް (QUAD)، އަދި ދާދި ފަހުން އެމެރިކާ ސަރުކާރުން ފުޅާ ދާއިރާއެއްގައި ތައާރަފްކޮށް ކުރިއަށްގެންދާ 'އިންޑޯ ޕެސިފިކް ސްޓްރެޓެޖީ' އަކީ ރޮބަޓް ކަޕްލަން ލިޔުއްވާފައިވާ ފަދައިން ބައިނަލްއަގުވާމީ މުޖުތަމައުއަށް މި ސަރަހައްދުގެ މުހިންމުކަން ދަލީލުކޮށްދޭ ހެކިތަކެވެ.

މި ދެންނެވި މުހިންމުކަމުގެ ތެރެއިން މިސަރަހައްދުގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ދުނިޔޭގެ ނަން ހިނގާ ގިނަ ބާރުތަކުން މަސައްކަތްކުރާކަން ސަރަހައްދީ ސިޔާސީ މަޝްރަހަށް ބާލައިލުމުން ހާމަކަން ބޮޑުގޮތެއްގައި ފެނެ އެވެ. އިގުތިސާދީ ގޮތުން ބާރުގަދަ ޗައިނާއިން އެކި ގައުމުތަކަށް މާލީ އަދި އުމްރާނީ ބޮޑެތި އެހީތައް ވަމުންދާއިރު، ސަރަހައްދުގެ އެންމެ ދުވަސްވީ ބާރުގެ ގޮތުން އިންޑިއާއިން ދަނީ ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކުގެ ދާއިރާ ވަރުގަދަ ކުރުމަށާއި ތަރައްގީގެ އެކި މަޝްރޫއުތަކުގައި އެކި ގޮތްގޮތުން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދާދި ފަހުން ދުބާއީގައި ބޭއްވި ތިމާވެއްޓާގުޅޭ ސަމިޓުގެ ހަވާސާގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރިންދްރަ މޯދީއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ މެދުގައި ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް

ދުނިޔޭގެ ބޮޑެތި ބާރުތަކަށް އިންޑިއާ ކަނޑުގެ ސަރަހައްދީ މުހިންމުކަން ބޮޑުވެ މި ސަރަހައްދުގައި ބާރުވެރިކަން އިތުރުކުރަން ފެށި ދުވަސްވަރަކީ ދިވެހިރާއްޖެ ޑިމޮކްރަސީއަކާ ދިމާލަށް މިސްރާބު ޖަހައި، ޑިމޮކްރަޓިކް ގައުމެއްގެ ގޮތުގައި ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް އިންތިހާބުތައް ބާއްވަން ފެށި ދުވަސްވަރު ވެސް މެއެވެ. ދިވެހިންގެ އާންމު ބަހުރުވައިން ދަންނަވަނީ ނަމަ ޕާޓީ ޕޮލިޓިކްސް ރާއްޖެއަށް ތައާރަފްކުރެވިގެން ދިޔަ ދުވަސްވަރެވެ.

ގައުމެއްގެ ޑިމޮކްރެޓިކް ހަޔާތަކީ ވަރަށް ނާޒުކު، ބުރަ އަދި ބައެއްފަހަރު ވޭންދެނިވި ދިގު މުއްދަތެއް ތަހައްމަލުކުރަންޖެހިގެންދާ މަސައްކަތެކެވެ. ގިނަ ގައުމުގަކުގެ ޑިމޮކްރެޓިކް ޕްރޮސެސްއަށް ބަލައިލުމުން މިކަމުގެ ހަގީގަތް ހާމަވާނެ އެވެ. އެމެރިކާ ފަދަ ދުނިޔޭގެ ނަން ހިނގާ ޑިމޮކްރެޓިކް ގައުމުތަކުން ވެސް ޑިމޮކްރަސީއަކަށް ބަދަލުވުމަށްޓަކައި މިދެންނެވި ފަދަ ތަޖުރިބާތަކެއް ކުރަންޖެހުނެވެ. 2008 ވަނަ އަހަރު މި ދިވެހިރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމަށް ކުރި ދަތުރަކީވެސް ގިނަ ބަޔެއްގެ ބުރަ މަސައްކަތާއި ގުރުބާނީގެ އަގުކަން ދިވެހިން ގަބޫލުކުރާނެ އެވެ.

މިދެންނެވި ޑިމޮކްރަޓިކް ޕޮރެސެސްގެ ތެރެއިން ޑިމޮކްރަޓިކް ޓްރާންސިޝަނަކުން (ޑިމޮކްރަސީއަކަށް ރަސްމީކޮށް ބަދަލުވާ ހިސާބު) ޑިމޮކްރަޓިކް ކޮންސޮލިޑޭޝަން ނުވަތަ ޑިމޮކްރަސީ ފައްކާ ކުރުމަށް ކުރެވޭ މަސައްކަތްތަކަކީ ވަކިން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ. ކުރިން ދެންނެވުނު ފަދައިން ކުޑަ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ހުރި ގޮންޖެހުންތައް ނުހަނު ގިނަ އެވެ. ވުމާއެކު، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް، ޑިމޮކްރަސީ ފައްކާކުރުމުގެ ގޮންޖެހުންތަކާއެކު ސަރަހައްދީ ވާދަވެރިކަމުގެ ތެރޭގައި ތާށިވުމަކީ ފަސޭހަ ރާސްތާއަކަށް ނުވާނެ އެވެ.

މިއީ، މިފާއިތުވި ވިއްސަކަށް އަހަރު މިގައުމުގެ ސިޔާސީ މަޝްރަހުގެ ކަންކަން ބަދަލުވަމުން އައިސްފައިވާ ގޮތާމެދު ވިސްނާލުމުން ސާފުވާން އޮތް ހަގީގަތެކެވެ. 2008 ވަނަ އަހަރު ޑިމޮކްރަސީއަކަށް ބަދަލުވުމާއެކު ލިބިނު މިނިވަންކަމުގެ ބާރުވެރިކަމުގައި، އެކި ސިޔާސީ ޕާޓީތަކުން އެ ޕާޓީއަކަށް ގަބޫލުކުރެވޭ، ދިވެހިންނަށް އެންމެ އެކަށޭނެ ޑިމޮކްރަސީއެއް ގާއިމުކުރުމުގެ މިސްރާބަކަށް ޑިމޮކްރަސީ ފައްކާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އަދި ހަމަ މިއާއެކު ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ޕެންޑިއުލެމް އެކިކަންކޮޅުތަކަށް، ހަލުވިކަމެއްގައި އެނބުރިގެންދިޔަ އެވެ.

މިއީ ފަހަރުގައި މިކަން ވާނެ ގޮތްކަމަށް ވެސް ބުނެވިދާނެ އެވެ. މިނިވަންކަން ލިބުނީއްސުރެ ޒަމާންތަކަކަށް ދެމިގެން ދިޔަ އޮޓޮކްރެޓިކް ވެރިކަމަކުން ޑިމޮކްރަސީއަކަށް ބަދަލުވާއިރު ގެންނަންޖެހޭ ބަދަލުތަކަށާއި، ޑިމޮކްރެޓިކް އިންސްޓިޓުއަޝަންތައް އުފައްދާ ބާރުވެރިކުރުމަށް ބޭރުގެ އެހީތެރިކަން ނުހަނު ބޭނުންވާނެ އެވެ. އަދި, ޑިމޮކްރެޓިކް ވެރިކަމަކާއެކު އިގުތިސާދީ ގުޅުންތަކަށް ގައުމު ހުޅުވި، ދިވެހިންގެ ކުރިއެރުމަން ޔަގީން ކަށަވަރުކުރުމަށް ވެފައިވާ ސިޔާސީ ވައުދުތައް ފުއްދުމަށް ބޭނުންވާ ވަސީލަތްތައް މަދު ގައުމަކުން، މިފަދަ ކަންކަން ހާސިލުކުރުމަށް އަތުގުޅާލާނީ އެކުވެރި އެހެން އެހީދޭ ގައުމުތަކާއެކުގައިކަން އެންމެން ވެސް ގަބޫލުކުރާނެ އެވެ.

ކަންދިމާކުރިގޮތުން، ދިވެހިރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވީ އިގުތިސާދީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ. އެލްޑީސީ ގައުމުތަކުން (އެންމެ ކުޑަކޮށް ތަރައްގަވެފައިވާ ގައުމުތައް) 2006 ގައި ދިވެހިރާއްޖެ ގްރެޖުއޭޓް ވުމާއެކު، ބައިނަލްއަގުވާމީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން ދޫކުރާ ލުއި ލޯނުތަކަށާއި އެހެނިހެން މާލީ އެހީތެރިކަމަށް ދިވެހިރާއްޖެ ޝަރުތު ހަމަވުން ހުއްޓުނެވެ.

މީގެ އިތުރުން 2008 ވަނަ އަހަރުގެ ގްލޯބަލް ފައިނޭންޝަލް ރިސެޝަން ފަދަ މާލީ ނުތަނަވަސްކަމުގެ މެދުގައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެއަށް ވެސް ގިނަ މާލީ ދަތިތަކަކާ ކުރިމަތިވި އެވެ. ތަފާތަކީ ދުނިޔޭގެ ނިސްބަތުން އެންމެ ކުޑަ ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ ދަތިތަކުގެ އަސަރު ނިސްބަތުން ބޮޑުކަމެވެ.

ދިވެހިރާއްޖެ ފަދަ ވަސީލަތްތައް މަދު އުފެއްދުންތެރިކަން އިތުރުކުރުމަށް އެކަށޭނެ ވަރަށް ވުރެ އާބާދީ ކުޑަ ގައުމަކަށް، ބޭރުގެ އެހީއާ ނުލައި އިގުތިސާދީ، އިޖުތިމާއީ ކުރިއެރުންތައް ހޯދުމަކީ ދަތިކަމަކަށްވި އެވެ. ވުމާއެކު، އޭރުގެ ސަރުކާރުން މިފަދަ އެހީތަކަށް އިންޑިއާއަށް ބަރޯސާވިތަން ފެނިގެންދިޔަ އެވެ. 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި ފަރާތްތަކަކީ ޑިމޮކްރެޓިކް ޕްލެޓްފޯމެއްގައި ވަކާލާތު ކުރަމުން އައި ބަޔަކަށްވެފައި، ދިވެހިރާއްޖޭގައި ޑިމޮކްރަސީ ގާއިމުކުރުމަށް ހުޅަނގުގެ ގައުމުތަކުގެ އިތުރުން އެންމެ ބޮޑު އެއްބާރުލުމެއް ދިން އެއް ގައުމަކީ އަވައްޓެރި އިންޑިއާ ކަމުން، ދެ ގައުމުގެ މެދުގައި އުފެދިގެންދިޔަ ގާތްކަން މާބޮޑު ހައިރާންކަމަކަށް ވެގެން ނުދާނެ އެވެ. ދިވެހި ސަރުކާރުން 'އިންޑިއާ ފަސްޓް' ޕޮލިސީ ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރަން ފެށީ ވެސް މިދުވަސްވަރު އެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު


ނަމަވެސް، މިދެންނެވި ގުޅުމުގެ ތެރެއިން ބައެއް ކަންކަމަކީ ގިނަ ދިވެހިންނަށް ބަލައިގަންނަން ދަތި ކަމަކަށްވި އެވެ. މާލެ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުން އިންޑިއާގެ ކޮންގްލޮމޮރޭޓެއް ކަމަށްވާ ޖީއެމްއާރަށް ދިނުމަށް އޭރުގެ ސަރުކާރުން ވި އެއްބަސްވުމަކީ މިފަދަ އެއް މިސާލެވެ. ބޭރު ގައުމެއްގެ ބާރު ދިވެހިރާއްޖެއަށް މާބޮޑުވެއްޖެ ކަމަށް ގަބޫލުކުރެވި މިނިވަން ކަމާ ސިޔާދަތު ރައްކާތެރިކުރުމުގެ ގައުމީ ރޫހެއް އުފެދުނެވެ. ސިޔާސީ މަޝްރަހު ހޫނުވެ، މައްސަލަ ނިމުނު އިރު ޑިމޮކްރެޓިކް ވެރިކަމަކާއެކު ސަރަހައްދީ އެންމެ ބޮޑު ބާރު، އަދި އެންމެ ދުވަސްވީ އެކުވެރިޔާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ.

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ ދެވަނަ ބާބުގައި ފެނިގެން ދިޔައީ ގައުމުގެ ތަރައްގީގެ އެންމެ މުހިންމު ބަހާއަކީ އިގުތިސާދީ ފުދުންތެރިކަމާއި ކުރިއެރުންކަމަށް ގަބޫލުކޮށް މިކަން ހާސިލުކުރުމަށް ގިނަ އަދި ބޮޑެތި މަސައްތަކްތަކެއް ކުރި ސަރުކާރެކެވެ. މިދެންނެވި އަސާސްތަކާއެކު ދިވެހިރާއްޖޭގެ ބައިންލައަގުވާމީ ގުޅުންތައް ވެސް ބަދަލުވެގެންދިޔަ އެވެ.

މިދުވަސްވަރު، އޭޝިއާ ސަރަހައްދުވެސް ހިމެނޭހެން ދުނިޔޭގެ ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކަށް، އެންމެ ހަލުވިކަމާއެކު ލުއި މިންގަނޑެއްގައި، މާލީ އެހީތެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން ދިޔައީ ޗައިނާ އެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވިއިރު އިންޑިއާ-ރާއްޖެ ގުޅުން ހީނަރުވެފައި އޮތުމުގެ އިތުރުން، އިގުތިސާދީ ގޮތުން އެއްވިސްނުމެއްގައި މަސައްކަތްކުރުމަށްޓަކައި ދިވެހިރާއްޖެ އާއި ޗައިނާގެ ގުޅުން ބޮޑުތަނުން ވަރުގަދަވެގެން ދިޔަ އެވެ. ކަންދިމާކުރި ގޮތުން މިދެންނެވި ދެވަނަ ބާބު ފެށިގެން ދިޔައީ އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕް ގުޅާލުމަށް ޗައިނާ ސަރުކާރުން ފެއްޓި އަޒުމްވެރި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ރަސްމީކޮށް ތައާރަފު ކުރެވުގެންދިޔަ އަހަރުވެސް މެއެވެ.

ޗައިނާ އަކީ އިގުތިސާދީ ބޮޑު ބާރަކަށްވެފައި، ތަރައްގީވެފައިވާ އެހެން ގައުމުތަކާ ހިލާފަށް ޗައިނާގެ އިގުތިސާދީ ދުވެލި ހުއްޓުމެއްނެތި ކުރިއަރަމުން ދިޔަ މިދަނޑިވަޅުގައި އެ ގައުމުން ދިޔައީ ހިފެހެއްޓުމެއްނެތި، ދިވެހިރާއްޖެ ވެސް ހިމެނޭހެން، ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން، މިދެންނެވި އެހީގެ ދަށުން ރާއްޖެ ވަނީ ކުރިން ނުދެކޭފަދަ ތަރައްގީގެ އުސް މިންގަނޑުތަކެއް ހާސިލުކޮށްފަ އެވެ. ސިނަމާލެ ބްރިޖް އަދި ދަރުމަވަންތަ ހޮސްޕިޓަލަކީ، އެ މަސައްކަތްތަކާ ގުޅުވައިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި މަސައްކަތްތަކެއް ނަމަވެސް، މިދެންނެވި ތަރައްގީ ރަމްޒުކޮށްދޭ ފެންނަންހުރި މިސާލުތަކެވެ.

ޗައިނާގެ ހިލޭ އެހީ އާއި ލޯނު ނަގައިގެން އަޅާފައިވާ ސިނަމާލެ ބްރިޖް -- ފޮޓޯ: އަދަދު


ޗައިނާ ސަރުކާރުން ލިބުނު އެހީތެރިކަމުގައި ތަރައްގީގެ ބޮޑު ބިޔަ މަޝްރޫއުތަކެއް ހާސިލުކުރެވުނު ނަމަވެސް މާލީ މިންގަނޑުތަކުން ބެލުމުން މިފަދަ ވަސީލަތްތައް ގައިމުކުރުމުގެ ބަދަލުގައި ދިވެހިން ދައްކަން ޖެހޭ އަގު މާ ބޮޑުވެދާނެ ކަމަށް ގަބޫލުކުރެވި އަނެއްކާ ވެސް ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނުތަނަވަސްކަން އުފެދުނެވެ. އަދި މި އުފެދުނު ނުތަނަވަސްކަމުގައި ޑިމޮކްރަޓިކް އަސާސްތައް އިއާދަކުރުމާއެކު، ދިވެހިރާއްޖެ މާލީ އަޅުވެތިކަމަކަށް ނުދިއުމަށް ގޮވާލާ ގައުމީ ރޫހެއް އުފެދި ސިޔާސީ މަޝްރަހު އަނެއްކާވެސް ބަދަލުވެގެންދިޔަ އެވެ.

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ ތިންވަނަ ބާބު ވެގެންދިޔައީ ޑިމޮކްރަސީގެ އަސާސުތަކަށް ރުޖޫއަވުމަށް ގޮވާލާ، މާލީ ގޮތުން ދިވެހިރާއްޖެ ވެއްޓިފައިވާ ވަޅުގަނޑުން ނުވަތަ 'ޑެޕްޓް ޓްރެޕް' އަކުން ސަލާމަތް ކުރުމަށް ހުޅުވުނު ބާބަކަށެވެ.

މިދެންނެވި އަސާސްތަކާއެކު އަނެއްކާވެސް ދިވެހިރާއްޖޭގެ ހާރިޖީ ގުޅުންތަކުގެ ޕެންޑިއުލަމް އެނބުރުނެވެ. ކުރިން ޗައިނާއާއެކު އޮތް ގާތްގުޅުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސް އިންޑިއާއާއެކު ގުޅުންތައް ރުޖޫއުކުރެވިގެންދިޔަ އެވެ. ޑިމޮކްރެޓިކް ހަމަތައް އިތުރަށް ހަރުދަނާކޮށް ސިޔާސީ މަޝްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެގެންދިޔަ އެވެ. އަދި ތަރައްގީގެ އެކި މަޝްރޫއުތަކަށް މާލީ ގޮތުން ބޮޑެތި އެހީތައް ލިބުނެވެ. ހާއްސަކޮށް ކޮވިޑުގެ ދަތިކަމުން އަރައިގަތުމަށް ލިބުނު އެހީތެރިކަމަކީ ފާހަގަކޮށްލަން ހައްގު ކަންކަމެވެ. ދުނިޔޭގެ އެކި ގައުމުތަކުން ކޮވިޑް ވެކްސިން ގަތުމަށް ކިއުޖެހެމުން ދިޔަ ދުވަސްވަރެއްގައި އިންޑިއާ ސަރުކާރުގެ ވެކްސިން ޑިޕްލޮމަސީގެ ދަށުން ހިލޭ އެތައް ހާސް ވެކްސިނެއް ދިވެހިންނަށް ލިބިގެން ދިއުމަކީ، އިގުތިސާދީ ގޮތުން ނުހަނު ދަތި ދުވަސްވަރެއްގައި ރާއްޖެއަށް ލިބުނު ބޮޑު ހެޔޮކަމެކެވެ.

ކަންމިހެން ހުރިނަމަވެސް، އިންޑިއާއާއެކު ރުޖޫއުކުރެވުނު ގުޅުން އިތުރު ހަރުފަތްތަކަކަށް ފުޅާވެ، އިންޑިއާގެ ދިފާއީ ބާރުތަކުން ދިވެހިރާއްޖޭގައި ގާއިމުވެ ތިބިތިބުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއްކަމަށް ގަބޫލުކުރެވި، ބޭރު ގައުމަކާއެކު އޮތް ގުޅުމެއްގެ ސަބަބުން އަނެއްކާވެސް ސިޔާސީ މަޝްރަހު ހަލަބޮލިވި އެވެ. މި ހަލަބޮލިކަމުގައި މިބާބު ނިމި އާ ގުޅުންތަކަކާއެކު އާ ބާބެއް މިހާރު މިވަނީ ފެށިފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަންޕީއެންސީ/ޕީޕީއެމް އިދިކޮޅުގައި އޮތްއިރު ކުރި މުޒާހަރާއެއްގައި މިހާރު ސަރުކާރުގެ ބައެއް ވަޒީރުންނާއި ވެރިން "އިންޑިއާ އައުޓު" ޖަހާފައިވާ ޓީޝާޓުގައި. -- ފޮޓޯ: އަދަދު


ދާހިލީ ސިޔާސަތުތަކާއި ހާރިޖީ ސިޔާސަތު ލާމެހުން

ފާއިތުވި ޕެރެގްރާފްތަކުގައި ހަވާލާދެވިފައި އެވަނީ ދިވެހިރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވިފަހުން ހާރިޖީ ގުޅުންތަކާ ގުޅުވައި ތަޖުރިބާކުރެވުނު ބައެއް ބޮޑެތި ކަންކަމެވެ. މިކަންކަމަށް ބަލައިލުމުން ފެންނަން ހުރި ބައެއް ހަގީގަތްތައް ފާހަގަކޮށްލާނަމެވެ.

އެއްކަމަކީ ސަރަހައްދީ ބާރުތަކުން ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭކަމެވެ. ދެވަނަ ކަމަކީ ޑިމޮކްރަސީއާއެކު ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން، ބޮޑެތި ގައުމުތަކުގެ ފަރާތުން ލިބެމުންދާ އަހައްމިއްޔަތުކަމާއެކު ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ދޮރު އިހުނަށްވުރެ ބޮޑަށް ބޭރުގެ ގައުމުތަކަށް ހުޅުވިއްޖެކަމެވެ. ތިންވަނަ ކަމަކީ ކޮންމެ ސިޔާސަތެއްގެ ދަށުން މަސައްކަތްކުރާ ސަރުކާރެއް އައި ނަމަވެސް ދިވެހިންގެ މިނިވަންކަމާ އިސްތިގުލާލަށް ލޮޅުމެއް އައިސްދާނެ ފަދަ ދިމާލަކަށް ގައުމުގެ މިސްރާބު ދަނީ ނަމަ ދިވެހިން ނިކުމެ އެކަން ހުއްޓުވާ ކަމެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުން ފާހަގަކުރެވުނު ކަންކަމަށް އަލިއަޅުވާލުމުން، ބަވަނަވަމުންދާ ދުނިޔޭގެ ވާދަވެރި މަޝްރަހުގައި ދާހިލީ ގުޅުމާއި ހާރިޖީ ގުޅުން ލާމެހިފައިވާ މިންވަރު ވަޒަންކުރެވެ އެވެ. އިރެއްގައި ހާރިޖީ ކަންކަމާއި ދާހިލީ ކަންކަމީ މުޅިންހެން ވަކި، ދެކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވުނު ޒަމާނެއް މިރާއްޖެއިން ފެނުނެވެ.

އިނގިރޭސިންގެ އިސްތިއުމާރީ ބާރު ރާއްޖޭގައި އޮތް ދުވަސްވަރު ދާހިލީ ކަންކަމުގެ ލަގަން ދިވެހިންގެ އަތުގައި އޮތްނަމަވެސް ހާރިޖީ ކަންކަން ބައްޓަންކުރުން ގެންދިޔައީ އިނގިރޭސި އިސްތިއުމާރީ ބާރުގެ މަސްލަހަތު ދިފާއުކުރުމަށް، އެފަރާތަށް ފެނުނު އެންމެ ރަނގަޅު މަގުންނެވެ. ތާރީހުގެ ތެރެއިން މިދެންނެވި ދުވަސްވަރަކީވެސް އިންޑިއާ ކަނޑުގައި ދިވެހިރާއްޖޭގެ މުހިންމުކަން ބޮޑު ދުވަސްވަރެކެވެ. ހާއްސަކޮށް، ދެވަނަ ބޮޑު ހަނގުރާމައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މުހިންމުކަން ވަކިން އިތުރުވެގެން ދިޔަ އެވެ.

ޒަމާންތައް ބަދަލުވެ އަނެއްކާވެސް ސަރަހައްދީ ވާދަވެރިކަމުގައި ރާއްޖެ މިވަނީ ސްޓްރެޓެޖިކް ގައުމެއްގެ ގޮތުގައި ފާހަގަކުރެވިފަ އެވެ. ނަމަވެސް، ދުނިޔެއަށް އަންނަމުންމިދާ ބަދަލުތަކާއެކު ގިނަ ކަންކަމީ އެޒަމާނުގެ ހާލަތާއި މިހާރާ ނުބައްދަލު ކަންކަމެވެ. މިދެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ގައުމުތަކުގެ ދާހިލީ ހަމަޖެހިމާއި ހާރިޖީ ގުޅުންތައް ލާމެހިފައިވާ މިންވަރެވެ.

ދިވެހިރާއްޖެއަކީ ކުޑަ ގައުމެއްގެ ގޮތުގައި އޮވެމެ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ ބޮޑެތި ބާރުތަކުގެ ވާދަވެރިކަން މީޒާންކުރުމުގެ ގާބިލުކަން ލިބިފައިވާ ސްޓްރެޓެޖިކް ގައުމަކަށް ވަމުންދާ ކަމުގެ ނިޝާންތައް މިދަނީ ތިލަވަމުންނެވެ. މިއީ ހެޔޮގޮތުގައި ބޭނުންހިފިއްޖެ ނަމަ، ދިވެހިރާއްޖޭގެ ތަރައްގީގެ ދުވެލި ބާރުކޮށް ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ، ސަރަހައްދީ ހައްސާސް މައްސަލަތަކުގައި ބަސްކިޔޭ އަދި ބަސްވިކޭ ގައުމަކަށް ވުމަށް ހުޅުވިގެންދާނެ އަލިމަގެކެވެ.

ފެންނަމުންދަނީ މިފަދަ މަންޒިލަކަށް ދަތުރުކުރުމުގައި އެތެރެ އާއި ބޭރުން ރާއްޖެއަށް ގޮންޖެހުންތަކެއް ހުރިކަމެވެ. ބަދަލުވި ކޮންމެ ސަރުކާރަކާއެކު ހާރިޖީ ގުޅުންތައް އެފުށްމިފުށަށް ޖެހެ އެވެ. ޕްރޯ އިންޑިއާ، ޕްރޯ ޗައިނާ ސިޔާސަތުގެ ދެމެދުގައި ދިވެހިން ފިތި ތާށިވާކަމުގެ އިހުސާސް އެބަކުރެވެ އެވެ. ތަރައްގީގެ ނާރެސް ކުރިއަރަންވާ މިންވަރަށް ކުރިއެރުމަށް ހުރި ހުރަހަކަށް މިފަދަ ގުޅުންތައް ވެގެންދާނެކަމުގެ ބިރުހީވާ ވަރު މިދަނީ ބޮޑުވަމުންނެވެ. ސިޔާސީ ވާދަވެރިކަމުގައި ސަރަހައްދީ ބާރުތަކާއި ޒަމާނީ ގޮތުން ހެޔޮ ގުޅުމެއް އޮތް މެދުއިރުމަތި އަދި ޔޫރަޕުގެ ބައެއް ގައުމުތަކާއި ޖަމިއްޔާތަކާ އޮންނަ ގުޅުން ހީނަރުވެގެންދިޔަތަން ތަޖުރިބާކުރީ ދާދި ފަހަކުންނެވެ. ހަމަ މިވާދަވެރިކަމުގައި އިގުތިސާދީ ގޮތުން އެންމެ ބޮޑެތި އެހީ ފޯރުކޮށްދީފައިވާ ގައުމުތައް ބާކީކުރިތަން ވެސް މިރާއްޖެ ތަޖުރިބާކޮށްފި އެވެ. އަދި، އެއް ގައުމު އަނެއް ގައުމުގެ އިއްޒަތާއި ކަރާތާމަށް އަދި އިސްތިގުލާލަށް އަރައިގަންނަ ހިސާބަށް މިއަދު މިވަނީ ގޮސްފަ އެވެ.

މިކަންކަމަށް އަލި އަޅުވާލައި، ވޭތިވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ހާރިޖީ ފޭރާން ވަރަށް ބަލިކަށިވެއްޖެ ކަމަށް ފާހަގަކުރާ ގިނަ ބަޔަކު ބުރަވާ ގޮތުގައި، ޒަމާންތަކެއްވަންދެން ރާއްޖެއިން ގެންގުޅުނު ވަކިފަރާތަކަށް ނުޖެހޭ މެދުމިނުގެ (non-aligned, neutral) ސިޔާސަތަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް އެންމެ އެކަށީގެންވާ ސިޔާސަތެވެ.

މިއީ ޒަމާންތަކެއްވަންދެން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ހެޔޮ ނަޒަރަކުން ބަލައިގަނެ ގުޅުންތައް ބަދަހިކޮށްދިން ސިޔާސަތެއް ނަމަވެސް، އެޒަމާނާއި މިއަދުގެ ބައިނަލްއަގުވާމީ ހަގީގަތްތަކާ ވެސް ވަރަށް ތަފާތެވެ. އޭރު ތަރައްގީގެ ހަރުފަތުގައި ރާއްޖެ އޮތް ހިސާބާއި ސަރަހައްދީ ވާދަވެރިކަމުގައި ދެކުނު އޭޝިއާއަށް ސަމާލުކަން ލިބެމުންދިޔަ މިންވަރާއި މިހާރާ އަޅާކިޔާއިރު ބައިނަލްއަގުވާމީ މަޝްރަހުގައި ވަރަށް ގިނަކަންކަން މިވަނީ ފުރޮޅިފަ އެވެ.

މިއަދުގެ ސަރަހައްދީ މަޝްރަހަށް ބަލާއިރު ރާއްޖެ މިއޮތީ ފެން އޮތްތަނުގަ އެވެ. އަދި ފެން އޮތްތަނަށް އެކި ދިމަދިމާލުން މަސް އެބައާދެ އެވެ. ސިޔާސީ އެކި ވާދަވެރިކަމުގައި ހާރިޖީ ގުޅުންތައް ބަދަލުވެގެން ދިޔަ ނަމަވެސް ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން ރާއްޖެއަށް ދޭ އަހައްމިއްޔަތުކަން ދަމަހައްޓަމުން ގޮސްފައިވާކަން ބައެއްކަންކަމަށް ބަލައިމުން ސާފެވެ. މިސާލަކަށް ދަންނަވަނީ ނަމަ 2014 ވަނަ އަހަރު ރާއްޖެ ފެނަށް ޖެހުމުން އެންމެ ފުރަތަމަ އެހީވި ގައުމަކީ އަވައްޓެރި އިންޑިއާއެވެ. އަދި 2020 ވަނަ އަހަރު ދިމާވި ކޮވިޑުގެ ގޮންޖެހުންތަކާއެކު ކުރިމަތިވި މާލީ އަދި އިގުތިސާދީ ދަތިކަމުގައި ބޭރުގެ ފަރާތްތަކަށް އަނބުރާ ދައްކަން ހުރި ލޯނުގެ މިންވަރުތައް ކުޑަކޮށްދިން ގައުމުތަކުގެ ތެރޭގައި ޗައިނާވެސް ހިމެނެ އެވެ. މިދެންނެވި ދެ ހާދިސާއަކީވެސް ރާއްޖެއަށް ކުރިމަތިވި ހައްސާސް ދަނޑިވަޅުތަކުގައި، އޭރުގަ އޮތް ސަރުކާރަކާ ގުޅުން އެންމެ ރަނގަޅު ނޫން ނަމަވެސް ހާރިޖީ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ މުހިންމުކަން ބަލައިގަންނަކަން ދޭހަވާކަން ދަލީލުކޮށްދޭ ދެމިސާލެވެ.

ހިތާމަޔަކީ، ސަރަހައްދީ ވާދަވެރިކަމާއި ޑިމޮކްރަސީ ފައްކާކުރުމަށް މިކުރާ ދަތުރުގައި، ދިވެހިރާއްޖެއަށް މިއަދު މިލިބިފައިވާ ސްޓްރެޓެޖިކް އެޑްވާންޓޭޖްގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފޭކަމެވެ.

މިއީ، ހަމައެކަނި ވަކި ސަރުކާރެއް ވަކި ވެރިއެއް ހުރެގެން ވާކަމެއްކަމަށް ޤަބޫލުކުރަން ދައްޗެވެ. ބައިނަލްއަގުވާމީ ގުޅުންތަކުގެ އެންމެ ފުރަތަމަ އަސާސަކީ ކޮންމެ ގައުމެއްވެސް މަސައްކަތް ކުރާނީ އެ ގައުމެއްގެ މަސްލަހަތު ހިމާޔަތްކޮށް ނަގަހައްޓަންކަމެވެ. މިއަސާސުގެ ދަށުން ބައިނަލްއަގުވާމީ ބާރުތަކުގެ ވާދަވެރިކަމުގައި ކޮންމެ ގައުމެއްވެސް މަސައްކަތްކުރާނީ އެ ގައުމެއްގެ ކުރިމަގަށް ފަހިވާނެ ފަދަގޮތަކަށެވެ. އެއީ ސަރަހައްދީ ބާރު ފުޅާ ކުރުމަށް އެހީ ފޯރުކޮށްދޭ ގައުމެއްގެ ކިބައިން ބިން ނުވަތަ ކަނޑު ހޯދައިގެން ކަމަށް ވެސް ވެދާނެ އެވެ. އެއީ ތަރައްގީގެ ނަމުގައި ބޮޑެތި ލޯނުތައްދީ އެފަދަ ލޯނުތަކުގެ ނާޖާއިޒް ފައިދާ ގައުމަކުން ނަގައިގެން ކަމަށްވެސް ވެދާނެ އެވެ.

މިފަދަ މަސްލަހަތުތަކަކީ އަމިއްލަ ވަޒަނަށް ގެއްލުން ނުވާފަދަ ގޮތަކަށް، ދެފަރާތަށްވެސް އެދެވޭ ޖާއިޒު ފައިދާއެއް ކުރާނެ ފަދަ މިންގަނޑެއްގައި ފުޅާކުރެވޭ މަސްލަހަތުތަކަށް ހެދުމުގެ ބާރު އޮތީ މި ދިވެހިރާއްޖެއަށެވެ. މިއީ ލިޔެލަން ފަސޭހަ އެހެން ނަމަވެސް ބައިނަލްއަގުވާމީ ހަގީގަތްތައް ހުރި ގޮތުން ކުރެވުމަށް ނުކުރެވުން ގާތް ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކުމަކީ އެކަށީގެންވާ ކަމެކެވެ. ނަމެވެސް، މިއީ ކަނޑައެޅިގެން ނުވާނެ ކަމެއް ކަމަށް ބުނަން ދައްޗެވެ.

އިންޑިއާ ކަނޑުގެ ސްޓްރެޓެޖިކް ޑްރައިވްގައި، ބޮޑެތި ބާރުތަކުން ރާއްޖެއާ ގުޅުން ބަދަހިކުރުމަށް ފޫގަޅާލާފައިތިބި ދަނޑުވަޅުތަކުގައި، ރާއްޖޭގެ މަސްލަހަތު އިސްކޮށް، ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަންނަ ޕްރޫޑެންޓް ހާރިޖީ ސިޔާސަތެއް ގާއިމުކުރުމުގެ ގާބިލުކަން މި ރާއްޖޭގައި ހުރިކަން މީގެ ކުރިން ވެސް ވަނީ ހާމަކޮށްދީފަ އެވެ. 1965 ވަނަ އަހަރު އިނގިރޭސިންގެ ކިބައިން މިނިވަންވެ މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުން، އޭރުގެ ދުނިޔޭގެ ގަދަ ބާރުތަކުން ރާއްޖެ އާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްތަކެއް ކުރިކަމަށް ތާރީހީ ދިރާސާތަކުން ހެކިދެ އެވެ. ނަމަވެސް އިނގިރޭސިންގެ މަސްލަހަތު ފުށުއަރާފަދަ ބަޔަކާއެކު ހާރިޖީ ގުޅުންތައް ވަރުގަދަ ކުރުމަށް މިނިވަންކަމުގެ އެއްބަސްވުމުގެ ބައެއް މާއްދާ ތަނެއް ނުދެ އެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުން މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި ދެ ސަރުކާރުގެ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާއެކު، އޭރު ދުނިޔޭގެ ބޮޑުބާރެއް ކަމަށްވާ އިނގިރޭސީންނާއި ދެމެދު އޮތް ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވެގެންދިޔަ އެވެ. ރާއްޖެ މަލްޓިލެޓަރަލިޒަމްއާ ދިމާއަށް މިސްރާބު ޖެހިއިރު ކޮމަންވެލްތާ ގުޅުން ލަސްކުރުމަކީ މިކަމަށް ބާރުދޭ ހަގީގަތެކެވެ.

މިކަންކަން މިހެން ހުރެމެ، އޭރުގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މަސައްކަތްތައް ފުޅާކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ވަރަށް ގިނަ ހައްސާސް މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން މިކުޑަކުޑަ ދިވެހިރާއްޖެއަކީ އދ ގެ މެންބަރުކަން ލިބުނު އެންމެ ފުރަތަމަ 'ކުޑަ' ގައުމެވެ. މިއީ ދިވެހިން ފަހުރުވެރިކަމާއެކު ފާހަގަ ކުރުން ހައްގު ގައުމީ ކުރިއެރުމެކެވެ. އޭރުގެ ސަރުކާރަށް ހާރިޖީ ގުޅުންތައް ގާއިމުކުރުމުގައި ހުރި ދަތިތަކުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކާ އެއްވަރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަރުވަން މަސައްކަތް ކުރެވުނުތަން ވެސް ފާހަގަކުރެވުނެވެ. މިގޮތުން ދިވެހިރާއްޖެ ވެގެންދިޔައީ ބައިނަލްއަުވާމީ މަޝްރަހުގައި އިހުތިރާމް ލިބި ތަރައްގީގެ އަވަސް ހަރުފަތްތަކެއް ގިރާކުރަމުންދިޔަ ގައުމަކަށެވެ.

ކުރިންވެސް ދެންނެވުނު ފަދައިން، އެ ޒަމާނާއި މިޒަމާނުގެ ބައިނަލްއަގުވާމީ ހަގީގަތްތައް ވަރަށް ތަފާތެވެ. ވުމާއެކު، އެޒަމާނުގައި އަމަލުކުރި ގޮތަށް މިއަދުގެ ހުރިހާ ހާރިޖީ ނިންމުންތަކެއް ބައްޓަންކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ނުވުން ގާތެވެ. މިދެންނެވި ތަފާތުތަކާއެކު ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ސިޔާސަތު ބަދަލުވެގެންދާނެކަމީ ޝައްކެއް ނެތް ކަމެކެވެ. ނަމަވެސް މިފަދަ ބަދަލުތަކާއެކު ހިކުމަތްތެރި ވިސްނުމެއް އިސްކޮށް ދިވެހިން މީގެ ކުރިންވެސް ގިރާތައް ހުރަސްކޮށްފަ އެވެ. އަދި މިއަދުވެސް މިފަދަ ހިކުމަތްތެރި ވިސްނުމެއްގައި އަމަލުކުރެވިއްޖެނަމަ ސަރަހައްދީ ގުޅުންތަކަށް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެ އެވެ.

ކުޑަ މިސާލެއް ދަންނަވާލާނަމެވެ. އާސަރުކާރުގެ ހާރިޖީ ގުޅުންތަކުގެ ތެރެއިން އެންމެ ބޮޑަށް ދެކެވެނީ 'އިންޑިއާ އައުޓް' ގެ ވާހަކަ އެވެ. 'އިންޑިއާ އައުޓް' މިހާރު ބޭނުން ކުރެވޭލެއް އާންމުކަމުން، އެ ލަފްޒު ރައްދުވާ ހަގީގީ މަގުސަދު ބައެއްފަހަރު އޮޅުން އަރަ އެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން މިދަނީ އިތުރުވަމުންނެވެ.

'އިންޑިއާ އައުޓް' އަކީ ގަބޫލުކުރެވޭ ގޮތުގައި އިންޑިއަން މިލިޓަރީ އައުޓް އެވެ. އެއީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅުހެދުމުގެ ސިޔާސަތުގެ ދަށުން އިންޑިއާގެ މިލިޓަރީއަށް ވެސް ނުހުރެވޭނެކަން ސާފުކޮށްދިނުމަށް ބޭނުންކުރަން ފެށުނު ސްލޯގަންއެކެވެ. އެއީ އިންޑިއާއިން ގެންނަ މުދަލާއި ކާބޯތަކެތި، ނުވަތަ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މަސައްކަތްތެރިން އެނބުރި ދިއުމަށް ގޮވާލާ ގޮވާލުމެއް ކަމަށް ގަބޫލުކުރަން ދައްޗެވެ. މިކަން ދިވެހި ހާރިޖިއްޔާއަށް ސާފުވެފައި އޮތަސް، އާންމު ރައްޔިތުންނަށް އޮޅުން އަރާފަދަ މިންގަނޑަކަށް ބޭނުންކުރެވެން ފަށައިފިނަމަ މިކަމުގެ ނޭދެވޭ އަސަރުތައް އެތައް ޖީލުތަކަކަށް ދެމިގެން ހިނގައިދާނެ އެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދުނިޔޭގެ ޗާޓުގައި ރާއްޖެ މިއޮންނަ އޮތުމުން، އެންމެ ކައިރި އެއް އަވައްޓެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމި އޮންނާނެ ކަމެވެ. ދިވެހި ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑުގައި އޮންނަ ގައުމެކޭ ބުނެވޭ ބުނެވުމަކީ މިމޭރުމުން ބުނެވޭ ބުނެވުމެއް ކަމަށް ގަބޫލުކުރެވެ އެވެ. އޭގެ މާނަޔަކީ ރާއްޖެއަކީ އިންޑިއާގެ 'ބެކްޔާޑް ޖަންކް' ގެ ގޮތުގައި ބަލައިގަތުމެއްވެސް ނޫނެވެ.

ނަމަވެސް، މި އިބާރާތްވެސް އޮޅުންއަރާ ފަދަ ގޮތަކަށް، ނަހަމަގޮތުގައި ބޭނުންކުރެވޭނަމަ އެކަން ސާފުކޮށްދިނުމަކީ ވެސް ދެގައުމުގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދިނުމަށް ދެފަރާތަށް ވެސް ކުރެވިދާނެ މުހިންމު މަސައްކަތެކެވެ. އެއްވެސް ދޭދޭ ގައުމެއްގެ މެދުގައި މަސްލަހަތު ނުގެއްލޭނެ ފަދައިން ހާރިޖީ ސިޔާސަތު ބައްޓަންކުރުމަށްޓަކައި ދާހިލީ ސިޔާސަތުތައް ހަރުދަނާކުރުމުގެ މުހިންމުކަން މިފަދަ ކަންކަމުން ސާފުވެދެއެވެ.

އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ ތެރެއިން ހަރުދަނާ މުސްތަގުބަލެއް ބިނާކުރުން

ސަރަހައްދީ ވާދަވެރިކަމުގައި އުފެދިފައިވާ ކޯޅުމުގައި ހާމަވެގެންދާ އިތުރު ހަގީގަތެއް އެބައޮތެވެ. އެއީ، ބޮޑެތި ގައުމުތަކުން އަތްގަދަކޮށް ކުދިގައުމުތަކަށް ނުފޫޒު ވަރުގަދަކުރާ ޒަމާން ފާއިތުވެ ގޮސްފިކަމެވެ. އިންޑިއާ ފަދަ ބޮޑު ގައުމެއްގެ ވެރިއަކު ރާއްޖޭގެ ފަރުތުވެރިކަމުގެ ދާއިރާއަށް ގޮންޖަހާ ފަދަ ގޮތަކަށް އެގައުމުގެ ރަށްތަކެއް ޕްރޮމޯޓްކުރުމަށް ކުރެވުނު މަސައްކަތް ދިވެހިން ބަލައިނުގަތުމަކީ މީގެ އެއް މިސާލެވެ. އަދި އެކަމަކީ އިންޑިއާ އޮތް ފަދަ މަގާމެއްގައި އޮތް ގައުމަކުން ރާއްޖެފަދަ ކުޑަ ގައުމަކާ މެދު އަމަލުކުރަން ވާނެ ގޮތް ނޫންކަމަށް ބަޔާންކޮށް ހުދު އެގައުމުގެ ބައެއް އިލްމީ ފަރާތްތައް މިއަމަލަށް ފާޑުކިޔުމީ ވެސް މިކަމަށް ބާރުދޭ ހެއްކެކެވެ.

ސަރަހައްދީ ވާދަވެރިކަމުގެ ނުތަނަވަސްކަމުގައި ހާމަވެގެންދާ އަނެއްކަމަކީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ހަމަތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު އިގުތިސާދީ ކުރިއެރުމަށް ޗައިނާ ފަދަ ބޮޑެތި ބާރުތަކާއެކު ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވެސް ލިބިގެންދާ ހައްގެއް ކަމެވެ. އިގުތިސާދީ ގުޅުންތައް ހަރުދަނާ ކުރުމަށް ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ މިނިވަންކަން މިރާއްޖެއަށް ވެސް ލިބެންވާނެކަމީ ދެބަސްވެގެންވާނޭ ކަމެއް ނޫނެވެ.

ނަމަވެސް, މިފަދަ ހާރިޖީ ގުޅުންތައް ތަރައްގީކޮށް ދަމަހައްޓަންވާނީ އިގުތިސާދީ ތަރައްގީގެ އިތުރުން ދިގުދެމިގެންވާ މަންފާތައް ގައުމަށާއި ގައުމިއްޔަތަށް ވެސް ލިބޭނެ ގޮތަށެވެ. އެއްގުޅުމެއް ބަދަހި ކުރެވިގެންދަނީ އެހެން ގުޅުމެއް ކަނޑާލާފައިކަމަށް ވަނީ ނަމަ، ރާއްޖެއާ މެދު އޮންނަ އިތުބާރު ކޮންމެވެސް ހިސާބަކުން ދެގުޅުމަށް ވެސް ގެއްލޭނެކަން ހަނދާންކުރުމަކީ މުހިންމު ކަމެކެވެ. އެކި ކަންކަމުގައި އެކި މިންވަރަށް އެކި ގައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ފަންނުވެރިކަން ރާއްޖޭގެ ހާރިޖިއްޔާގައި ހުންނާނެ ކަމާމެދު ޝައްކެއް ނެތެވެ.

މިސާލަކަށް ބަލަނީނަމަ، އަވައްޓެރި އިންޑިއާ އާއި ޗައިނާއަކީ ދެގައުމުގެ ބޯޑަރު މައްސަލަ އާއި ސަރަހައްދީ ވާދަވެރިކަމުގައި، ހާއްސަކޮށް އިންޑިއަން އޯޝަން ސެކިއުރިޓީ މައްސަލަތަކުގައި ފެންނަ ފެނުމަށް ދެހަތުރުންނެވެ. ނަމަވެސް, ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތަކަށް ބަލާއިރު ޗައިނާ ހިމެނެނީ އިންޑިއާ އާއެކު ވިޔަފާރި ގުޅުން ކުރިއަށްދާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ ފަސް ގައުމުގެ ތެރޭގައެވެ. މިއީ ޗައިނާގެ އެކި ސިޔާސަތުތަކަށް ފާޑުކިޔާ ހުޅަނގުގެ ގިނަ ގައުމުތަކުގެ ހަގީގަތްވެސް މެއެވެ. ހަމަ މިމޭރުމުން ދިވެހިރާއްޖެއަށް ވެސް އިގުތިސާދީ ގުޅުންތައް ވަކި ގައުމަކާ އެކު ބަދަހިކޮށް، ޑިމޮކްރަސީ ފައްކާ ކުރުމަށް ނުވަތަ ޓެކްނޮލޮޖީ އަދި އިނޮވޭޝަންގެ ދާއިރާއިން އެކި ގައުމުތަކާއެކު އެއްހަމައެއްގައި މަސައްކަތްކުރުމުގެ ގާބިލިއްޔަތާއި މިނިވަން އިހުތިޔާރު އޮންނަންވާނެ އެވެ.

މިދެންނެވި މިނިވަންކަމާ ގާބިލިއްޔަތު ބޭނުންކުރުން ބުއްދިވެރިވާނީ ދެގައުމުން ވެސް ދެގައުމުގެ މަސްދަރުތަކަށް އިހުތިރާމްކޮށް، އެއްވެސް ގައުމަކާއެކު ޒަމާނުއްސުރެ އޮތް ގުޅުން އިޔާދަ ނުކުރެވޭ މިންވަރަކަށް ނުގޮހެވެ. އަދި މިފަދަ ގުޅުންތައް ބައްޓަންކުރަންވާނީ ދިވެހިރާއްޖޭގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކުރުމާއެކު އެއްވެސް ފަރާތަކާށް ބަރޯސާވެގެންދާ ދިއުމުގެ ސަބަބުން ދިވެހިން ފަހުރުވެރިވާ އަސާސުތަކާއި ހަރުދަނާ މިންގަނޑުތައް ފަހަނަ އަޅާ ނުދާފަދަ މިންގަނޑެއްގައިކަމަށް ގަބޫލުކުރެވެއެވެ.

މިފަދަ އަސާސުތަކެއްގެ މައްޗަށް ބިނާކޮށް ބައްޓަންކުރެވޭ ޚާރިޖީ ސިޔާސަތެއް ފައްކާވެގެންދާނީ ދިވެހިރާއްޖޭގެ މަސްލަހަތު ނެގެހެއްޓޭ 'ޕްރޯ މޯލްޑިވެސް' ސިޔާސަތެއްގެ ގޮތުގައި ކަމަށް ދިވެހިން ބަލައިގަންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އިންޑިއާ ކަނޑުގެ ވާދަވެރިކަމުގެ ތެރެއިން ދިވެހިރާއްޖެ މިދެންނެވިފަދަ ޕްރުޑެންޓް ސިޔާސަތުތަކެއް އިސްކޮށް ތަންފީޒުކޮށްފިނަމަ އިންޑިޔާ ކަނޑުގެ ބެލެންސް އޮފް ޕަވާ އެއްހަމަ ކުރުމުގައި ދިވެހިރާއްޖޭގެ ދައުރު އިތުރުވެގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކުދި ގައުމުތަކުގެ ބާރުވެރިކަން އިތުރުވެ، ޒަމާނުއްސުރެ ދެކެމުން އައި ކުޑަ، ގޮންޖެހުންތައް ގިނަ ގައުމެއްގެ ބަދަލުގައި، ދިވެހިރާއްޖެއަކީ ބޮޑު ޖަޒީރާ ގައުމެއް ނުވަތަ ލާޖް އޯޝަން ސްޓޭޓެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގަތުމަކީ މުޖައްރިބު ކަމެކެވެ.

އެޑިޓަރުގެ ނޯޓް


މިއީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ޔުނިވާސިޓީ އޮފް ވެސްޓްމިނިސްޓާގައި ޕީއެޗްޑީއަށް ތައުލީމް ހާސިލުކުރައްވަމުން ގެންދަވާ އައިޝަތު ލީޝާ ލިޔުއްވާފައިވާ ލިޔުމެކެވެ. އޭނާގެ ޕީއެޗްޑީ ރިސާޗު ހައްދަވަނީ ޑިމޮކްރަސީއާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ކުރި އަސަރުތަކާ ގުޅޭގޮތުންނެވެ. ވެސްޓްމިނިސްޓާ ޔުނިވާސިޓީގައި މާސްޓާސް ޕްރޮގްރާމްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް އޭނާ ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން, ޑިޕްލޮމެސީ, ކްރައިސިސް އެންޑް ގްލޯބަލް ޗެލެންޖެސް މޮޑިއުލްތަކާއި ސްޓޭޓް ޕޮލިޓިކްސް އެންޑް ވަޔަލަންސްގެ މޮޑިއުލް ވެސް ނަންގަވައިދެއްވަ އެވެ. އޭނާ ވަނީ އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޑިމޮކްރަޓިކް ޕޮލިޓިކްސްއިން އެ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފަ އެވެ. އޭގެ އިތުރުން, މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ލީޝާ ވަނީ ގާނޫނީ ދާއިރާއިން ބެޗެލަސް ޑިގްރީ ފުރިހަމަކުރައްވާފަ އެވެ. ލީޝާ ވަނީ ފޮރިން މިނިސްޓްރީގައި ލީގަލް ކައުންސެލްގެ މަގާމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި, ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ވެސް މަސައްކަތް ކުރެއްވި އެވެ.


100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އަލީ

about 1 year ago

ހެލޯ އިންޑިޔާއަށް ސަނާ ނުކިޔާ ކޮމެންޓް ޖަހަން ކުރެންޏާ ދޮންއަމާ ނޫސް ހުއްޓާލަންވީނު

ކައުންސެލަރު

about 1 year ago

"ބޮޑު ދެގެރި ތޮޅެންޔާ" ކަލޭމެންތީ ނޫސްވެރިންތަ އަޅެ. ޤައުމުގެ ކަންކަމަށް ފާޑުކިޔާ ޚަބަރު ފެތުރުމުގެ މުހިންމު ޒިންމާ ރަނގަޅަށް އަދާ ނުކުރެވެންޏާ އަރާ އެއްފަރާތުގަތިބޭ. މަތީގަ އެއޮތް ދެގެރީގެ ވާހަކަ އަންނަނީ މިހެން. "ބޮޑުދެގެރި ތަޅަންޏާ... " ތަޅަންޔާ އެއްނޫން. ކަލޭމެން ނޫސްވެރިން މިބަސް ހިފަހައްޓާނީ، ދިވެހިބަސް ދަސްކުރޭ. އެހެންނޫނިއްޔާ ދިވެހިބަހުން ނުލިޔޭ