Advertisement

ޑޮލަރު އެކްސްޗޭންޖު ރޭޓް ހަމައަކަށް އެޅުވުމުގެ މަސައްކަތް ފަށައިފިން: ސައީދު

25 ޖަނަވަރީ 2024 - 22:50 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިކޮނޮމިކް މިނިސްޓަރު ސައީދު؛ ސައީދު ވިދާޅުވީ ޑޮލަރު އެކްސްޗޭންޖު ރޭޓު ދަށްކުރުމަށް މަސައްކަތް ފަށާފައިވާކަމަށް -- ފޮޓޯ: އިޔާން/އަދަދު


ޑޮލަރު އެކްސްޗޭންޖު ރޭޓް ހަމައަކަށް އެޅުވުމުގެ މަސައްކަތް ފަށައިފިން: ސައީދު

25 ޖަނަވަރީ 2024 - 22:50 0

ޑޮލަރު އެކްސްޗޭންޖު ރޭޓު ދަށްކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި، މިހާރުވެސް އެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އާންމުންނަށް މިނިސްޓަރުންނާ ސުވާލުކުރެވޭ ގޮތަށް ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން މިރޭ ބޭއްވި ފޯރަމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރަސްމީ މާކެޓުގައި 15.42 ރުފިޔާއަށް ޑޮލަރު ވިއްކި ނަމަވެސް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ކަޅު ބާޒާރެއް ހިންގާ ކަމަށެވެ.

"ރައީސްގެ މަަސައްކަތްޕުޅުގައި ވަރަށް ޓާގެޓެޑް މަސައްކަތްތަކެއް އެބަހުރި، އަޅުގަނޑު ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ މިއަހަރުތެރޭގައި އަޅުގަނޑުމެން މި އެކްސްޗޭންޖު ރޭޓު ހަމައަކަށް އެޅުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން," ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، ކުދި ވިޔަފާރިތަކަށް ޖެހިގެން މިހާރު މިއުޅޭ އެންމެ ބޮޑު އުނދަގުލަކީ ޑޮލަރުގެ މައްސަލަ. ޑޮލަރު ގަންނަން ލިބެނީ ވަރަށް އަގުބޮޑުކޮށް" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވެ، ބޭރުން މުދާ ގަންނަން ވިޔަފާރިތަކުން ކުރާ ޓީޓީތަކަށް ޑޮލަރު ނުވިއްކޭ ހާލަތުގައި އޮތްކަމަށް ބުނެ ދާދި ފަހުން ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.

ބީއެމްއެލްގެ ޑޮލަރު ސަޕޯޓު ހިދުމަތަކީ އެ ބޭންކުގައި އެކައުންޓު ހުޅުވާފައިވާ ހުރިހާ ވިޔަފާރިތަކަށް ބޭންކުން ދެމުން އައި ހިދުމަތެކެވެ. ޑޮލަރު ތާށިކަމާ ގުޅިގެން މިގޮތަށް ޓީޓީތަކަށް ފައިސާ ދޫކުރެވެން ނެތް ކަމަށް، "އަދަދު"އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން މައުލޫމާތު ދީފައިވެ އެވެ.

ޑޮލަރު ތާށިކަމުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެކެވެ. ޑޮލަރު ވިއްކޭ އަގު ކޮންޓްރޯލް 15.42ރ. ގައި ކޮށްފައި އޮތް ނަމަވެސް ޑޮލަރު އެހެން ގޮތަކުން ނުލިބޭތީ ގިނަ މީހުންނަށް މަޖުބޫރު ވަނީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. އާންމުކޮށް ކަޅު ބާޒާރުން ޑޮލަރު ލިބެނީ 16ރ. އާއި 19ރ. އާ ދެމެދުގެ އަގުތަކުގަ އެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވައި، ބޭންކަށް ޑޮލަރު ވަންނަ ގޮތަށް އުސޫލުތައް ކަނޑައެޅިގެން މެނުވީ ޑޮލަރު ތާށިކަން ނުފިލާނެ ކަމަށް ބޭންކުގެ ވެރިންނާއި އިގުތިސޯދީ މާހިރުން ބުނަމުން އަންނަތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް މިކަމަށް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.