ޑޮލަރު ތާށިކަމާ ހުރެ ބޭރުގައި ކިޔަވާ ކުދިންގެ ކާޑު ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

25 ޖަނަވަރީ 2024 - 07:39 0

އަމަން ހަލީމް

އ

ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް އިދާރާ: ބޭންކުން ބުނީ ޑޮލަރު އިންތިހާއަށް ތާށިކަމަށް -- އަދަދު ފައިލް ފޮޓޯ


ޑޮލަރު ތާށިކަމާ ހުރެ ބޭރުގައި ކިޔަވާ ކުދިންގެ ކާޑު ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ

25 ޖަނަވަރީ 2024 - 07:39 0

ބޭރުގައި ކިޔަވާ ކުދިންނަށް ކޮންމެ މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ އަދަދު ފެބްރުއަރީން ފެށިގެން މަތި ކުރުމަށް ސަރުކާރުން ނިންމާފައިވާ ގޮތަށް ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ކިޔަވާ ކުދިންނަށް މިހާރު ނެގޭ 750 ޑޮލަރު ބޮޑުކުރަން ކެބިނެޓުން ނިންމީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ނަމަވެސް ބީއެމްއެލްއަށް ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ތާށިކަން ހައްލުނުވަނީސް ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭ ލިމިޓު މަތިނުކުރެވޭނެ ކަމަށް މައުލޫމާތި ލިބިފައިވެ އެވެ. ބޭންކަށް ޑޮލަރު ތާށިވެގެން މި މަހުގެ ކުރީކޮޅުން ފެށިގެން ވިޔަފާރިވެރިން ބޭރު ގައުމުތަކަށް ކުރާ ޓީޓީތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ނުލިބެ އެވެ.

ޑޮލަރު ލިމިޓު މަތިކުރުމާ ގުޅޭގޮތުން ބީއެމްއެލްއިން ދިން ރަސްމީ ޖަވާބަކީ އެކަމާ ގުޅޭ މަޝްވަރާތައް ފިނޭންސް މިނިސްޓްރީއާ ކުރަމުން އަންނަ ކަމެވެ.

"މި ބަދަލާއެކު ޑޮލަރު ބޭނުންވާނެ މިންވަރާއި، މި ބަދަލުގެ ބޮޑު ކުޑަމިނާއި، މިގޮތަށް ލިމިޓް އިތުރުކުރާނެ ނިޒާމެއް ގާއިމްކުރުމާ ބެހޭ ގޮތުން ދަނީ މަޝްވަރާކުރެވެމުން" ބީއެމްއެލްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވެ އެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ އެ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބިގެންދާ އަދަދެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ޓީޓީތަކަށް ޑޮލަރު ސަޕޯޓު މައްސަލައިގައި ވެސް ބޭންކުން ފާހަގަކުރީ ޑޮލަރު ރިޒާވުގެ މައްސަލަ އެވެ.

ޑޮލަރު ލިމިޓުތައް މަތިވީ ނަމަވެސް ކަސްޓަމަރުންގެ އެކައުންޓުން ޑޮލަރު ނެގޭ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން އެރުވި އެވެ. މީގެ ކުރިން ވެސް އެ ބޭންކުން ވަނީ ޑޮލަރު ރިޒާވަށް އަންނަ ހީނަރުކަމެއްގެ އަސަރު ބޭންކުގައި ޑޮލަރު ގެންގުޅޭ ކަސްޓަމަރުންނަށް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.

ބޭންކަށް ޑޮލަރު ނުލިބުމުގެ މައްސަލަ ގުޅެނީ ޑޮލަރުގެ ކަޅު ބާޒާރާ އެވެ. މި މައްސަލަ ހައްލުކޮށް، ބޭންކުތަކަށް ޑޮލަރު ވަންނަ ގޮތެއް ވެގެން ނޫނީ ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުނުވާނެ ކަމަށް ބީއެމްއެލްގެ ވެރިންނާއި އިގުތިސޯދީ މާހިރުން އަންނަނީ ބުނަމުންނެވެ.