Advertisement

އެކި އެލަވަންސްްތަކަށް އެންސްޕާއިން 18 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފި

24 ޖަނަވަރީ 2024 - 13:55 0

ނިމާ ހަސަން

ނިމާ ހަސަން

ވިލިނގިލި މަގުމަތިން ބަޔަކު ހިނގާފައި ދަނީ: އެކި އެލަވަންސްްތަކަށް އެންސްޕާއިން 18 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވޭ -- ފޮޓޯ: އަދަދު


އެކި އެލަވަންސްްތަކަށް އެންސްޕާއިން 18 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފި

24 ޖަނަވަރީ 2024 - 13:55 0

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދޫކުރާ އެކި އެލަވަންސްތަކުގެ ގޮތުގައި އިތުރު 18 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން އެ އެޖެންސީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

ޖުމްލަ 18,466,814 ރުފިޔާ އެންސްޕާއިން ދޫކޮށްފައި ވަނީ ތިން އެލަވަންސްއެއްގެ ގޮތުގަ އެވެ. އެއީ އެކަނި ދަރިން ބަލަހައްޓައި މައިންނާއި ބަފައިންނަށް ދޭ އެލަވަންސާއި, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސްގެ އިތުރުން އެފަދަ ފަރާތްތަކަށް ބޭނުންވާ ތެރަޕީތަކަށް ދޭ އެލަވަންސެވެ.

އިތުރަށް ދޫކޮށްފައިވާ އެހީ ފައިސާ:

  • އެކަނި ދަރިން ބަލަހައްޓައި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް - 10,621,020
    • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް - 7,611,500
    • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީތަކަށް ދޭ އެލަވަންސް - 234,294

    މިއީ ދައުލަތުން މާލީ އެހީ ދޭ މީހުންގެ މައުލޫމާތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވުމަށްފަހު ވެސް އެ މީހުންނަށް އެހީގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އެވެ. އިތުރަށް ދޫކޮށްފައިވާ ޖުމްލަ 18 މިލިއަން ރުފިޔާގެ ތެރޭގައި 2015 ވަނަ އަހަރު ދޫކޮށްފައިވާ ފައިސާ ވެސް ހިމެނެ އެވެ.

    އެންސްޕާއިން އޮޑިޓަށް މައުލޫމާތު ދިން ގޮތުގައި އިތުރަށް ދިން ފައިސާ ހޯދުމަށް އެ އެޖެންސީގައި ރިކަވަރީ ޔުނިޓެއް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް އެ ޔުނިޓުގައި އެންމެ މުވައްޒަފަކު މަސައްކަތް ކުރަމުންދާތީ ރިކަވަރީގެ މަސައްކަތް ބޭނުންވާ އަވަސް މިނުގައި ކުރިއަށް ނުގެންދެވެ އެވެ.

    މި މައްސަލަ ހައްލު ކުރުމަށް އޮޑިޓް ރިޕޯޓުގައި ލަފާ ދީފައި އެލަވަންސް ލިބޭ މީހުންގެ ހާލަތު ބަދަލުވުމުން އެކަން އެންސްޕާއަށް އެނގޭނެ ނިޒާމެއް ގާއިމްކޮށް މޮނިޓާ ކުރުމަށެވެ. އަދި ކޯޓުތަކުން ކައިވެންޏާއި ވަރީގެ އިތުރުން ނިޔާވާ މީހުންގެ މައުލޫމާތު ފަސޭހައިން ބެލޭނެ އިންޓަގްރޭޓެޑް ވިއުގައެއް ކަމާބެހޭ އިދާރާތަކާ ގުޅިގެން އެކުލަވާލުމަށް ވެސް ލަފާ ދިނެވެ.