Advertisement

އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

24 ޖަނަވަރީ 2024 - 10:16 0

އަމަން ހަލީމް

އަމަން ހަލީމް

އިންތިހާބެއްގައި ވޯޓު ގުނުުމުގެ މަސައްކަތް ކުރަނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން މިއަދު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

24 ޖަނަވަރީ 2024 - 10:16 0

އެއްވެސް އިންތިހާބެއް ރޯދަ މަހު ނުބޭއްވޭ ގޮތަށް އެކަން މަނާކުރަން މާއްދާއެއް ހިމަނައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. އޭނާ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް، ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރާ މާއްދާ ހިމެނޭހެން 20 މާއްދާ އިސްލާހުކުރަން ހުށަހަޅާފަ އެވެ.

އެގޮތުން ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ރޯދަ މަހުގެ އެއްވެސް ދުވަހެއްގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. މެމްބަރު ޝިފާއު މި މާއްދާ އިސްލާހުކުރަން ހުށަހެޅި ގޮތަކީ އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުންނެވެ.

މި އިސްލާހު ހުށަހަޅާ ސަބަބެއް ކަމަށް މެމްބަރު ވިދާޅުވީ ރޯދަ މަހާ ގުޅިފައިވާ ދިވެހިންގެ ހާއްސަ އާދަކާދަތަކާއި އަދި ރޯދަ މަހާ ގުޅިގެން ދައުލަތުގެ މުވައްޒަފުންގެ ވަޒީފާއަދާކުރުމުގައި ވެސް ގެންނަ ބަދަލުތަކާއި މިއެންމެހާ ކަމަކަށް ރިއާޔަތްކުރުމުގެގޮތުންނާއި، ވީހާ ގިނަ ބަޔަކުގެ ބައިވެރިވުން ހިމެނޭފަދަ އިންތިހާބެއްކަން އިތުރަށް ކަށަވަރުކޮށް ޔަގީންކުރުމުގެ ބޭނުމުގައި ކަމަށެވެ.

އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅާފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަ މަހު ބޭއްވުމާ ދެކޮޅަށް ޕާޓީތަކުން އަޑުއުފުލަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ރޯދަމަހާ ދިމާ ނުވާ ގޮތަށް އަދިވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.

މަޖިލިސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކުލަވައިލި ގައުމީ ލަފާދޭ ކޮމިޓީން ދަރުބާރުގޭގައި އިއްުޔެ ބޭއްވި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ރޯދަމަހު އިންތިހާބު ބާއްވާ ގޮތަށް ކޮމިޝަނުން ނިންމީ އެއްވެސް ސިޔާސީ ޕާޓީއަކުން އެއްބަސްވެގެން ނޫން ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނެ ޖާގަ އަދިވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭނެ. ހާއްސަ ޖަލްސާތަކާ އެއްޗިހި ދައުރުން ބޭރުން ބާއްވައިގެން ކުރާ ކަންކަން އެބަ ކުރެވޭ. އެހެންވީމާ ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް މިކަމުގައި އޮވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން ހަމަ ތާއީދުކުރަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅިގެން ދިއުމަށް،" ޝިޔާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން މިހާރު ނިންމާފައި ވަނީ މާޗް 17، ގަ އެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ.