Advertisement

ޗާގޯސް މައްސަލަ: ބޭރުގެ ތަޖުރިބާކާރުންނަށް ހޭދަވާ ހަރަދާއި ހުރިހާ މައުލޫމާތެއް ސިއްރު!

24 ޖަނަވަރީ 2024 - 11:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް : ކަނޑުން "ގެއްލުނު" ބައި ހޯދުމަށް މަސައްކަތް ކުރާ ބޭރުގެ ތަޖުރިބާކާރުންގެ ނަމާއި ހޭދަވާ ހަރަދު ސަރުކާރުން ސިއްރުކޮށްފި - ފޮޓޯ: ރައީސް އޮފީސް


ޗާގޯސް މައްސަލަ: ބޭރުގެ ތަޖުރިބާކާރުންނަށް ހޭދަވާ ހަރަދާއި ހުރިހާ މައުލޫމާތެއް ސިއްރު!

24 ޖަނަވަރީ 2024 - 11:00 0

ރާއްޖޭގެ ދެކުނު އޮންނަ ޗާގޯސް އައިލެންޑްސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އެ ޖަޒީރާއާ ރާއްޖެއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުން ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް މި ސަރުކާރުން ބުނާ ސަރަހައްދު ހޯދަން ކުރާ މަސައްކަތުގައި ބައިވެރިވާ ބޭރުގެ ދެ ތަޖުރިބާކާރުންނަށް ކުރާ ހަރަދާއި އެ މީހުންނާ ގުޅޭ މައުލޫމާތުތައް ސަރުކާރުން ސިއްރުކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ ތަފުސީލުތައް ހޯދުމަށް "އަދަދު" އިން އެދުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ. އެ އޮފީހުން ބުނީ ބޭރުގެ ފަރާތްތަކުގެ ނަންތަކާއި ހަރަދު ސިއްރުކުރުމުގެ މާއްދާއެއް ތަޖުރިބާކާރުންނާ އެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ.

"މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ވަކި ފަރާތަކުން ހާމަކުރުމަށް އެދިފައިވާ މައުލޫމާތެއް ދޫކޮށްފި ކަމުގައިވާނަމަ، ސިއްރު ނުހިފެހެއްޓުމުގެ ދައުވާ ސަރުކާރުގެ މައްޗަށް އުފުލިދާނެ ކަމުގައިވާނަމަ އެ މައުލޫމާތު ދޫނުކޮށް ހިފެހެއްޓުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވޭ," އޭޖީއިން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނުކަމަށް ސަރުކާރުން ކުރާ ދައުވާއާ ގުޅޭ މުރާޖައާކޮށް، މޯލްޓާގެ ޕްރޮފެސަރަކު ލައްވައި ކަރުދާހެއް ތައްޔާރުކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ. އަދި އެ މަސައްކަތުގައި އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ވެސް މަސައްކަތް ކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ނަމަވެސް، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް އެ ދެ ފަރާތުގެ ތަފުސީލު ހޯދުމަށް އެދި ސުވާލުކުރުމުން ސަރުކާރުން ވަނީ ވަކި ސަބަބެއް ބަޔާން ނުކޮށް ޖަވާބު ދޭން ދެކޮޅު ހަދާފަ އެވެ.

އޭޖީގެ ޖަވާބުގައި އިތުރަށް ބުނެފައިވަނީ މި މައްސަލައަށް ތަޖުރިބާކާރުން އައްޔަނުކޮށްފައިވަނީ މިފަދަ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުން ކަމަށެވެ.

އަދި، މިކަމުގައި މަސައްކަތް ކުރާ ބޭރުގެ ތަޖުރިބާކާރުންގެ އިތުރުން، ރާއްޖޭގެ ތަޖުރިބާކާރެއްގެ ގޮތުގައި ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލް މަސައްކަތް ކުރައްވަ އެވެ. ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މި ސަރުކާރުން އުފެއްދި ކޮމިޓީ ޗެއާ ކުރައްވަނީވެސް އަނިލް އެވެ. އޭޖީއިން ބުނި ގޮތުގައި އޭނާ މި މަސައްކަތް ކުރައްވަނީ އެއްވެސް އުޖޫރައަކާ ނުލަ އެވެ.

މި ތަޖުރިބާކާރުންގެ ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ލިބިފައިވާ ކަމަށް ސަރުކާރުން ޖެނުއަރީ 14, ގައި ވަނީ ހާމަކޮށްފަ އެވެ.

"އަދި އިތުރު އެކްސްޕާޓުންގެ ރިޕޯޓްތަކަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ކެބިނެޓަށް ހުށަހެޅިގެން ދާނެ ކަމަށް މިއަދު ކެބިނެޓްގައި މައުލޫމާތު ލިބިފަައިވޭ،" އެ ދުވަހު ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް ފެށުމަކީ ރައީސް މުއިއްޒު ސަރުކާރުގެ "ހަފުތާ 14" ގައި ހިމެނޭ ކަމެކެވެ.