Advertisement

ހާޓް އެޓޭކެއް ޖެހިގެން އިޓަލީގެ ލެޖެންޑް ރިވާ މަރުވެއްޖެ

23 ޖަނަވަރީ 2024 - 09:21 0


ހާޓް އެޓޭކެއް ޖެހިގެން އިޓަލީގެ ލެޖެންޑް ރިވާ މަރުވެއްޖެ

23 ޖަނަވަރީ 2024 - 09:21 0

ރޯމް (ޖެނުއަރީ 23) - އިޓަލީގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިިދިނުމުގެ ރެކޯޑް ހޯލްޑަރު، ލުއީޖީ ރިވާ، ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ރިވާ، މަރުވިއިރު، އުމުރަކީ 79 އަހަރެވެ. މި ހަފްތާ ބަންދުގައި ހާޓް އެޓޭކެއް ޖެހިގެން ރިވާ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހާލު ދެރަވެ، މަރުވީ އެވެ.

ރިވާ ރެކޯޑް ހަދާފައިވަނީ އިޓަލީ ގައުމީ ޓީމަށް 42 މެޗުން 35 ގޯލު ޖަހައިދީގެންނެެވެ.

އިޓަލީ ޓީމާ އެކު، ރިވާ ވަނީ 1968 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ދެ އަހަރު ފަހުން، އިޓަލީން ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް ދިޔައިރު، ރިވާ އަކީ ޓީމުގެ އެންމެ އިސް ކުޅުންތެރިޔާ އެވެ. ސެމީ ފައިނަލުގައި ވެސްޓް ޖާމަނީ އަތުން 4-3 އިން މޮޅުވި މެޗުގައި، ރިވާ ގޯލު ވެސް ޖެހި އެވެ.

ލުއީޖީ ރިވާ: އިޓަލީ ފުޓްބޯޅައިގައި އަބަދުވެސް ހާއްސަވާނެ ކަމަށް ތަޖުރިބާކާރުން ބުނޭ،


ރިވާގެ ހަނދާނުގައި، އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުން އަންގައިގެން އިޓަލީގެ ފުޓްބޯޅަ ލީގުތަކުގެ މެޗުތަކުގައި ސުކޫތެއް ގެންނަން ވަނީ ނިންމައިފަ އެވެ. އެކަން ފެށިގެންދިޔައީ، ސައުދީ އަރަބިއްޔާގައި ރޭ ކުޅުނު އިޓާލިއަން ސުޕަ ކަޕް ފައިނަލުގަ އެވެ.

ކްލަބް ކެރިއަރަށް ބަލާއިރު، ރިވާގެ އެންމެ ހާއްސަ ކްލަބަކީ ކަލިއަރީ އެވެ. އެ ޓީމަށް 1963 ވަނަ އަހަރު ސޮއިކުރި ރިވާ ވަނީ 1976 ވަނަ އަހަރާ ހަމައަށް އެ ޓީމު ޖޯޒީގައި ކުޅެފަ އެވެ. ކަލިއަރީ އަށް 207 ގޯލު ޖަހައިދިން ރިވާ އަށް އިޓާލިއަން ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވަނީ ތިން ފަަހަރެއްގެ މަތިން ލިބިފަ އެވެ.

ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑްގައި 1969 ވަނަ އަހަރު ރިވާ ދިޔައީ ދެ ވަނަ އެވެ.

ކަލިއަރީ އަށް އިޓަލީގެ ޗެމްޕިއަންކަން ހޯދައިިދިން ރިވާ އަށް އެންމެ ބޮޑު މައްސަލަ އަކަށް ކެރިއަރުގައި ދިމާވީ އަނިޔާ އެވެ. އެ ގޮތުން، 1970 ވަނަ އަހަރު ފައިބިންދައިގެން ގޮސް، ވަރަށް ބޮޑަށް ފޯމު ގެއްލުނު ދުވަސްވަރެއް ދިޔަ އެވެ.