Advertisement

ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހުކުރުން ލަސްވާތީ ހޯމް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފި

22 ޖަނަވަރީ 2024 - 13:46 0

ނިމާ ހަސަން

ނިމާ ހަސަން

ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމްގައި ހޯމްލޭންޑް މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ


ކުޑަކުދިންގެ އަދުލުގެ ގާނޫނު އިސްލާހުކުރުން ލަސްވާތީ ހޯމް މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފި

22 ޖަނަވަރީ 2024 - 13:46 0

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަވަސް އިސްލާހު ގެންނަންޖެހޭ ކަންތައްތައް ހުރި ނަމަވެސް, ކަމާ ބެހޭ ފަރާތްތަކުން އެކަމަށް އެކަށީގެންވާ ސަމާލުކަން ނުދޭތީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

"ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް" ގެ ނަމުގައި ކުރިއަށް ގެންދާ މަހާސިންތާ ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު ވިދާޅުވީ ގާނޫނަށް ބަދަލުގެނެސް, ނިޒާމު ތެރޭގައި ހުރި ކަންކަން ހައްލު ކުރަން މަސައްކަތް ކުރެވޭ ސްޕީޑަށްވުރެ, ކުށްކުރާ މީހުން ގާނޫނަށް އަހުލުވެރިވެ, ލޫޕްހޯލްތައް ހޯދުން އަވަސް ކަމަށެެވެ. އޭގެ ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ގާނޫނަށް ގެންނަންޖެހޭ ބަދަލެއް ނުގެނެވިގެން ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަމެއް ނުކުރެވުމެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އުފެދިގެން އައި ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ އޭގެ ޒާތުގައި އެންމެ ފުރިހަމަ ގާނޫނަކަށް ނުވި ނަމަވެސް އެއީ ރާއްޖޭގެ ހަޔާތުގައި މި ދާއިރާގައި އެޅުނު އެންމެ ބޮޑު ފިޔަވަޅުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ރާއްޖޭގައި މިހާރު އޮތް މާހައުލުގެ ސަބަބުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް އަވަސްކުރަންޖެހޭ ކަމަށެވެ.

"ރާއްޖޭގައި މި ގާނޫނުގެ ދަށުން ކުދިންނަށް ވަކި ބާވަތެއްގެ ރައްކާތެރިކަން ފޯރުކޮށްދޭކަން ކަށަވަރު ވާތީ, އެކަން އެކްސްޕްލޮއިޓް ކުރަމުން އަންނަ މީހުން ރާއްޖޭގެ މާހައުލުގައި އެބަ އުޅޭ. ކުށްތަކަށް އަރައިގަންނަ މީހުންނާއި އޯގަނައިޒްޑް ކްރައިމް ނުވަތަ ގޭންގް ހަދައިގެން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ މީހުންގެ ޝިކާރައަކަށް މިވަނީ މި ދެންނެވި ފަދަ ތުއްތު ކުދިން." މިނިސްޓަރި ވިދާޅުވި އެވެ.

ރާއްޖޭގެ ގޭނޫނުތައް އިސްލާހުކުރުން ލަސްވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އަވަަސް ކުރަން ބޭނުންވާ ގާނޫނުތަކަށް އަވަސް އިސްލާހު ގެނެވޭ ކަމަށެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުފަދަ ކުޑަކުދިންނާ ގުޅުންހުރި ނާޒުކު ކަމެއްގައި 2019 އިން ފެށިގެން ގެނެވުނީ އެންމެ އިސްލާހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ގާނޫނުތަކަކީ އެހާ ބާރުމިނުގައި އެޑަޕްޓްވެގެން އަންނަ ގާނޫނުތަކެއް ނޫން. އަޅުގަނޑުމެން އަވަސްކުރަން ބޭނުންވާ ގާނޫނުތައް ވަރަށް އަވަސް ކުރާނެ. މިސާލަކަށް އަޅުގަނޑުމެންގެ މުސާރައާ ބެހޭ ގާނޫނު ކަމަށް ވަންޏާމު ހެނދުނު ޕްރޮޕޯޒް ކޮށްފައި, މެންދުރަށް ވާއިރަށް ފާސްކޮށް, ހަވީރު ތަސްދީގުކޮށް, ރޭގަނޑު މުސާރަ ނަގައިެން އަޅުގަނޑުމެން ތިބޭނީ." މިނިސްޓަރު ވިދާޅުވި އެވެ.

ކުދިންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ އެކަމަކީ, ނިޒާމުގައި މަސައްކަތް ކުރާ މީހުންގެ އެންމެ މަތީ ޒިންމާކަން ދަނެ, ސިޓީބިޓީ ލިއުން މަދުކޮށް, ހިންގުން އަވަސްކޮށް ހަރުދަނާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށްޓަަކައި ވިސްނާގޮތް ބަދަލުކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކާކުތޯ 15 އަހަރު ވީމަ ޒިންމާ ވަނީ, ކާކުތޯ 18 އަހަރު ވީމަ ވާނީ, މިއެއް ނޫން ބަލަންވީކީ. ކާކުތޯ މި ކުއްޖާ ސަލާމަތް ކުރާނީ. މިއެއް ބަލަންވީ. ކާކުތޯ މި ކުއްޖާގެ ހައްގުގައި ނިކުންނާނީ. މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމަކީ." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ އެކު މުއައްސަސާތަކަށް އެކި ޒިންމާތައް ހުރި ނަމަވެސް, ޒިންމާ ފުށުއަރާ ދިމަދިމާލާއި ގްރޭ ލައިންތައް އެބަހުރި ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި ވާހަކަދައްކައިގެން އެކަންތައް ހައްލުކޮށް ކުރިއަށްދާންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅވުީ އެކަން ނުކުރެވޭ ނަމަ ޒިންމާތަކާ ހަވާލުވެ ތިބުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފަދަ ހާލަތްތަކުގައި އަޅުގަނޑުމެންނަކީ ކްރިއޭޓިވް ތިންކިން, އެޑަޕްޓިވް ސިކުނޑިތަކެއް ތިބި ބަޔަކަށް ވާންވީ. މިފަދަ ހާލަތްތަކުގައި އަޅުގަނޑުމެން ސޮލިއުޝަން އޮރިއެންޓެޑް ބަޔަކަށް ވާންވީ. މިފަދަ ހާލަތުގައި އަޅުގަނޑުމެން ޑެލިވާ ކުރަންވީ އޮން ބިހާފް އޮފް މި ދެންނެވި ތުއްތު ކުދިންނަށް." ފުށުއަރާ ކަންކަން ހައްލު ކުރެވޭނެ ގޮތަށް އަލިއަޅުއްވާލައްވަމުން އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއް ގާނޫނެއް ބަލައިގެން, އެއް ބާވަތެއްގެ މައްސަލަތުގައި އެކި ކުދިންނާމެދު އެކި ގޮތަށް އަމަލު ކުރާ ހާލަތްތައް އަންނަ ކަމަށެވެ. އަދި ސާފު ދިވެހި ބަހުން ލިޔެފައި ހުންނަ އެކައްޗެއް ކިޔައިގެން އެކި މީހުންނަށް ތަފާތުކޮށް ދޭހަވާނަމަ އެއަށްވުރެ ފަސޭހަކޮށް ލިޔަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މިއަދު ފަށާ ސިމްޕޯޒިއަމްގައި އަޒުމު ކަނޑައަޅަންވީ, ސިމްޕޯޒިއަމް ނިމޭއިރު ނެރެވޭ އެކްޝަން ޕްލޭނަކީ ސީމްލެސްކޮށް މުއައްސަސާތަކަށް މަސައްކަތް ކުރެވޭ ކަހަލަ އެކްޝަން ޕްލޭނަކަށް ހެދުމަށް ކަމަށެވެ.