Advertisement

އަހަރުގެ ފުރަތަމަ ދެ ހަފުތާ؛ 524 މިލިއަން ހަރަދުވެއްޖެ، އާމްދަނީއަކީ 390 މިލިއަން

22 ޖަނަވަރީ 2024 - 08:10 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: މި އަހަރަށް ފާސްކުރި 14 ބިލިއަން ޑެފިސިޓު ބަޖެޓެއް -- އަދަދު ފައިލް ފޮޓޯ


އަހަރުގެ ފުރަތަމަ ދެ ހަފުތާ؛ 524 މިލިއަން ހަރަދުވެއްޖެ، އާމްދަނީއަކީ 390 މިލިއަން

22 ޖަނަވަރީ 2024 - 08:10 0

ކުރިން ގަވާއިދުން ޝާއިއުކުރަމުން އައިސް ހުއްޓާލި ކަމަށް ބުނެ އިދިކޮޅާއި އާމްނުންގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް، ސަރުކާރަށް ލިބޭ އާމްދަނީ އާއި ބަޖެޓުން ހަރަދު ކުރަމުންދާ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތައް ސަރުކާރުން އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ރިޕޯޓުތައް މިހާރު ފެންނަން އެބަހުއްޓެވެ. އެ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިހާތަނަށް 524 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އާމްދަނީއަށް ލިބުނީ 390.3 މިލިއަން ރުފިޔާ އެވެ.

ހަރަދާއި އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ދަށެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ވަން ފައިސާގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީ އެވެ. ޓެކްސްގެ ގޮތުގައި 275.5 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީއަށް ލިބުނީ 114.8 މިލިއަން ރުފިޔާ އެވެ. އަހަރުގެ މިހާތަނަށް ދައުލަތަށް އެންމެ ގިނަ ފައިސާ ވަނީ، އެ ޓެކްސް ތައާރަފު ކުރީންސުރެން ދައުލަތަށް އެންމެ ގިނަ ފައިސާ ވަންނަ ޓޫރިޒަމް ޖީއެސްޓީ އެވެ.

ހަރަދުގެ ބޮޑު ބައެއް ހިނގާފައި ވަނީ ދައުލަތް ހިންގުމުގެ ހަރަދަށެވެ. ހިންގުމުގެ ހަރަދުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ހިނގީ ދަރަނީގެ އިންޓްރެސްޓު ދެއްކުމަށާއި އޮފީސްތަކަށް ބޭނުންވާ ސާމާނާއި ހިދުމަތްތައް ހޯދުމަށެވެ. އެއް ދާއިރާއަކުން މި އަހަރު އެންމެ ބޮޑު ހަރަދެއް ހިނގާނެ އެއް ކަމަކީ ފައިނޭންސިން އަދި އިންޓްރެސްޓު ހަރަދެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި މި ދާއިރާއިން 5.2 ބިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓުކޮށްފައިވާއިރު، މިއީ ދަރަނި އަދާކުރަން ބަޖެޓުކޮށްފައިވާ 2.2 ބިލިއަން ރުފިޔާއަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. މިހާރު އަދާކުރަން ޖެހޭ ފައިސާގެ ތެރެއިން ވެސް އެންމެ ބޮޑު މާލީ ފިއްތުންތައް އަންނާނެ ކަަމަށް މާހިރުން ލަފާކުރާ ދާއިރާއަކީ ވެސް މިއީ އެވެ.

މި އަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ 14 ބިލިއަން ރުފިޔާ ޑެފިސިޓު ބަޖެޓެކެވެ. ފިނޭންސާއި ދާއިރާގެ މާހިރުން ވެސް ބުނަމުން އަންނަނީ މި އަހަރު ދިވެހި ދައުލަތަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މި ފައިސާ ހޯދުން ކަމަށެވެ.

ސަރުކާރުން އަންނަނީ މި ފައިސާ ހޯދަން ދޭދޭ ގައުމުތަކާއި ބޭރުގެ އިންވެސްޓްރުންނާ އެކީ މަސައްކަތް ކުރަމުންނެވެ. މިފަހުން ފިނޭންސުން ވަނީ ރާއްޖެއަށް ދަރަނި ދޭން ޝައުގުވެރިކަން ހުރި އިންވެސްޓަރުންނަށް އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. އޭގެ އިތުރުން އެތެރޭގެ ބާޒާރުގައި ޓީބިލާއި ބޮންޑު ވިއްކައިގެން ވެސް ފައިސާ ހޯދަން ރާވާފައިވެ އެވެ.