Advertisement

ވިލިނގިލީ ކުއްޖާ ބަލައި މަތިންދާބޯޓަށް ނުދެވުނީ ފުރޮޅު ހަލާކުވެގެން، ކައްދޫގައި އިތުރު ފުރޮޅެއް ނެތް!

21 ޖަނަވަރީ 2024 - 11:49 1

ކައްދޫގައި އޮތް މޯލްޑިވިއަންގެ ބޯޓެއް: ކުއްޖާ ބަލައި ފުރަން ބެލިއިރު އޮތޯ ފުރޮޅު ބަދަލު ކުރަން ޖެހިފަ -- ފޮޓޯ: ކައްދޫ އެއާޕޯޓު


ވިލިނގިލީ ކުއްޖާ ބަލައި މަތިންދާބޯޓަށް ނުދެވުނީ ފުރޮޅު ހަލާކުވެގެން، ކައްދޫގައި އިތުރު ފުރޮޅެއް ނެތް!

21 ޖަނަވަރީ 2024 - 11:49 1

ސްޓްރޯކެއް ޖެހިގެން ހާލު ދެރަވި ގއ. ވިލިނގިލީ އުމުރުން 13 އަހަރުގެ ކުއްޖާ މާލެ ގެނައުމަށް ހަމަޖެއްސި ފްލައިޓަށް ކައްދޫއިން ކޫއްޑޫއަށް ނުދެވުނީ ބޯޓުގެ ފުރޮޅު ހަލާކުވެގެންކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ބުރާސްފަތި ދުވަހު ހަވީރު ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ވަނީ ނިޔާވެފަ އެވެ. އޭނާއަކީ ބްރެއިން ޓިއުމާ ޕޭޝަންޓެކެވެ. އެ މައްސަލައިގައި އާންމުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދާއިރު، ކުއްޖާ ނިޔާވީ އިހުމާލުންތޯ، އިދިކޮޅު އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ބަލަން ފަށައިފަ އެވެ.

ޖާހު މާލެ ގެނައުމަށް ފުރަތަމަ ހަމަޖެއްސި ޗާޓަރު ފްލައިޓުގެ ބަދަލުގައި، މޯލްޑިވިއަނުން ހަމަޖެއްސީ ކައްދޫ އަށް ދިޔަ 162 ފްލައިޓެވެ. އެ ފްލައިޓަށް ކޫއްޑޫއަށް ނުދެވުނީ އެންމެ ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް، ސަރުކާރަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އާސަންދައިން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އެ ފްލައިޓަށް ދިމާވީ މައްސަލައިގެ ތަފްސީލެއް މޯލްޑިވިއަނުން އަދި ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.

"އެ ދުވަހު މޯލްޑިވިއަން 162 ކައްދޫގައި ލޭންޑުކޮށްފައި ފުރުމުގެ ކުރިން ޗެކްކުރިއިރު ހުރީ ފުރޮޅު ފަޅައިގެންދާ ވަރަށް ގޭނިފައި. އެ ހާލަތުގައި ފްލައިޓު ފުރަން ހުއްދައެއް ނުދޭނެ. އެހެންވެ، ހަގީގަތުގައި އެ ފްލައިޓު ގްރައުންޑުކޮށްފައި ބޭއްވި ގަޑި، ދެ ގަޑިއިރު ވަންދެން،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައި ދިނެވެ.

ބޯޓުގެ ފުރޮޅު ހަލާކުވިއިރު، އިތުރު ފުރޮޅެއް، އަދި އެކަމުގެ ޓެކްނީޝަނުންނެއް ކައްދޫގައި ނެތެވެ. ބޯޓު ފުރުން ލަސްވި ސަބަބަކީ އެއީ އެވެ. އެ ބޯޓަށް ފުރުނީ، ބުރާސްފަތި ދުވަހު މެންދުރު ފަހު އޮތް 164 ފްލައިޓުން އާ ފުރޮޅަކާއި ޓެކްނީޝަނުން ގޮސް، ފުރުޅު ބަދަލުކުރުމުންނެވެ.

ވިލިނގިލީގައި ހާލު ދެރަވި ކުއްޖާ ބަލައިދާން އޮތް ބޯޓަށް މި މައްސަލަ ދިމާވުމުން، އެ ކުއްޖާ މާލެ ގެނައުމަށްޓަކައި ޗާޓަރު ފްލައިޓެއް އަލުން ހަމަޖައްސައިގެން، އެ ކުއްޖާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނެވުނީ ހަވީރު 5:15 ގަ އެވެ. އެއަށް ފަހު ދެން ގެންދިޔައީ އައިޖީއެމްއެޗްއަށެވެ.

ވިލިނގިލީ ކުއްޖާގެ މަރަށް ފަހު، ކުއްލި ހާލަތުގައި މީހަކު އުފުލަން ޖެހިއްޖެ ނަމަ ޝެޑިއުލް ފްލައިޓުތަކަށް ވުރެ ބަލި މީހާ އުފުލުމަށް އިސްކަންދޭ ގޮތަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ބޭނުމެއް ނުކުރެ އެވެ.