Advertisement

ކުޑަކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ އައިޖީއެމްއެޗުން ދޮގުކޮށްފި

7 މޭ 2024 - 18:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އައިޖީއެމްއެޗް : ކުޑަކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ އައިޖީއެމްއެޗުން ދޮގުކޮށްފި - ފޮޓޯ: އަދަދު


ކުޑަކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ އައިޖީއެމްއެޗުން ދޮގުކޮށްފި

7 މޭ 2024 - 18:46 0

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ކަމަށް ބުނާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

ކުޑަކުއްޖަކަށް ގަދަކަމުން ބޭސް ދޭން އުޅުނު ކަމަށް ބުނެ ސަރުކާރުގެ މައި ހޮސްޕިޓަލަށް ތުހުމަތުކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުންނެވެ. އެ ވާހަކަތައް އެ އެކައުންޓުން ހިއްސާކޮށްފައިވަނީ ކުޑަކުއްޖާގެ އާއިލާއާ ހަވާލާދީފަ އެވެ.

މި މައްސަލާގައި ފެންމަތިވި ސޯޝަލް މީޑިއާ ޕޯސްޓުގައިވާ ގޮތުން ތުއްތު ކުއްޖާގެ ލޭގެ ޓެސްޓުތަކުން އިންފެކްޝަނެއް ނެތަސް، ނޭވާލުމުގެ މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓިބަޔޮޓިކް ދީފައިވެ އެވެ. އެ މައްސަލަ ރިޕޯޓު ކުރާނެ ކަމަށް ބުނުމުން ކުއްޖާ މަންމައާ ދުރުގައި ބޭއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށް އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެ ތުއްތު ކުއްޖާއަށް ފަރުވާދީފައިވާނީ އުސޫލުތަކާ އެއްގޮތަށް ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ފަރުވާ ދިން ގޮތާމެދު ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނަސް ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފުސީލު އާންމުކޮށް، ސޯޝަލް މީޑިއާގައި ހިއްސާ ނުކުރާނެ ކަމަށެވެ.

"މި މައްސަލާގައިވެސް ބޭސް ދިނުމާއި އަދި ފަރުވާއާ ގުޅުންހުރި އެހެނިހެން ކަންކަން ބަލިމީހާގެ އާއިލާއާ ވަނީ މަޝްވަރާ ކުރެވި، ތަފުސީލުކޮށް ކިޔައިދީފަ،" ބަޔާނުގައި ބުނެފައިވެ އެވެ.

ފަރުވާ ދެނީ ހިތްހަމަ ނުޖެހޭ ނުވަތަ ނުރަނގަޅު ގޮތަކަށް ކަމުގައިވާނަމަ އެކަންކަން ސާފުކުރުމާއި މައްސަލަ ހުށަހެޅުމުގެ އިންތިޒާމު ހޮސްޕިޓަލުގައި ހަމަޖެހިފައިވާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

ހިތްހަމަނުޖެހޭ ހާލަތްތަކުގައި އަމަލުކުރަން އޮންނަ އުސޫލާ ހިލާފަށް ސޯޝަލް މީޑިއާގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކައި، ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް ހެދުމަކީ އެ ބޭފުޅުންގެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ އަމަލެއް ކަމަށް އައިޖީއެމްއެޗުން ބުނެ އެކަން ކުށްވެރިކޮށްފައިވެ އެވެ.