Advertisement

ޕެލަސް ބަލިކޮށް އާސެނަލުން ލީގުގެ ރޭހުގައި އުންމީދު އާ ކޮށްފި

20 ޖަނަވަރީ 2024 - 21:40 0

އާސެނަލްގެ ގަބްރިއެލް މާޓިނެލީ ގޯލަށް ބޯޅަ ފޮނުވާލަނީ.---- ފޮޓޯ: އޭއެފްޕީ


ޕެލަސް ބަލިކޮށް އާސެނަލުން ލީގުގެ ރޭހުގައި އުންމީދު އާ ކޮށްފި

20 ޖަނަވަރީ 2024 - 21:40 0

ލަންޑަން (ޖެނުއަރީ 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު، އާސެނަލުން ލީގުގެ ރޭހުގައި އުންމީދު އާ ކޮށްފި އެވެ.

މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އާސެނަލް ވަނީ ބަލިވެފަ އެވެ. އެކަމަކު، މި މެޗުން ލިބުނު މޮޅާ އެކު، އާސެނަލް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައި، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެެމެދު އޮތް ފަރަގު ކުޑަކޮށްފަ އެެވެ.

އެ ގޮތުން، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 20 މެޗުން 45 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 43 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފަ އެވެ. އެކަމަކު، އާސެނަލުން ވަނީ ސިޓީ އާއި ލިވަޕޫލަށް ވުރެ އިތުރަށް އެއް މެޗު، ޖުމްލަ އެކު، 21 މެޗު ކުޅެފަ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އެ ޓީމުން ކުޅުނު މެޗުގައި މިރޭ އެ ޓީމުން ލީޑުނެގީ 11 ވަނަ މިނިޓްގައި ބްރެޒިލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް ޖެހި ގޯލުންނެވެ. މެޗުގެ 37 ވަނަ މިނިޓްގައި ޕެލަސްގެ ކީޕަރު ޑީން ހެންޑަސަން އަތުން ބައިކޮޅަށް ވަން ގޯލުން އާސެނަލުން ލީޑުފުޅާކުރި އެވެ. މިއީ އާސެނަލްގެ ބުކާޔޯ ސަކާ ނެގި ކޯނަރެއްގައި ގަބްރިއެލް ބޮލުން ޖެހި ބޯޅައެއް ކީޕަރު ހެންޑަސަން ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

ދެ ވަނަ ހާފް ފެށިގެން 15 މިނިޓް ތެރޭ ލެއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލަށް ތިން ވަނަ ގޯލު ޖަހައިދީފަ އެވެ. އާސެނަލުން ޖެހި ފަހު ދެ ގޯލަކީ އިތުރު ވަގުތުގެ ދެ މިނިޓް ތެރޭ، ގަބްރިއެލް މާޓިނެލީ ޖެހި ލަނޑުތަކެކެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޕެލަސް އަތުން މި ލިބުނު މޮޅާ އެކު އެ ޓީމުގެ އެންމެ ރަނގަޅު ފޯމުގައި އަލުން ކުޅެން ހިތްވަރު ލިބިފައިވާ ކަމަށެވެ.

ކުޅުނު 21 މެޗުން ލިބުނު 21 ޕޮއިންޓާ އެކު، ލީގުގެ 14 ވަނައިގައި އޮތް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޕެލަސް އިން އެ ޓީމުން ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ޗެލްސީ އާއި ބްރައިޓަންގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ މިރޭގެ މެޗު ބަލަން ވަނީ ދަނޑަށް ގޮސްފަ އެވެ.