Advertisement

އާމްދަނީން ރިކަރަންޓު ހަރަދުތައް ފޫބެއްދުމުގެ އަމާޒު ހާސިލުނުވި

21 ޖަނަވަރީ 2024 - 14:43 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ: ސަރުކާރުން ބޭނުންވަނީ ހިލޭއެހީ ނުލައި އާމްދަނީން ރިކަރަންޓު ހަރަދު ހަމަޖައްސަން -- އަދަދު ފައިލް ފޮޓޯ


އާމްދަނީން ރިކަރަންޓު ހަރަދުތައް ފޫބެއްދުމުގެ އަމާޒު ހާސިލުނުވި

21 ޖަނަވަރީ 2024 - 14:43 0

ސަރުކާރުގެ ފިސްކަލް ސްޓްރެޓަޖީގައި ކަނޑައަޅާފައިވާ މުހިންމު އެއް އަމާޒު ނުވަތަ "ފިސްކަލް އެންކާ" ކަމުގައިވާ، އާމްދަނީން ރިކަރަންޓު ހަރަދު ފޫބޭއްދުމުގެ އަމާޒު، ނިމުނު އަހަރުގެ ބަޖެޓުން ހާސިލުނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ހަފުތާގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތު އަންގައިދޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު" ގައިވާ ގޮތުގައި ޑިސެމްބަރު 28 އާ ހަމައަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 31.8 ބިލިއަން ރުފިޔާ ވަދެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޓެކްސް އާމްދަނީ - 22.8 ބިލިއަން ރުފިޔާ
  • ޓެކްސް ނޫން އާމްދަނީ - 8.1 ބިލިއަން ރުފިޔާ
  • ކެޕިޓަލް ރިސީޓްސް - 305.4 މިލިއަން ރުފިޔާ
  • ހިލޭ އެހީ - 515.5 މިލިއަން ރުފިޔާ

ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީގައި ވަނީ ރިކަރަންޓު ހަރަދުތައް ހިލޭ އެހީ ނުލައި ލިބޭ އާމްދަނީން ހަމަޖެއްސުމަށެވެ. އެހެންކަމުން އެ ސްޓްރެޓެޖީގައި ކަނޑައެޅި އަމާޒަށް ވާސިލުވާނީ ރިކަރަންޓު ހަރަދުތައް 31.2 ބިލިއަން ރުފިޔާއަށް ވުރެ ތިރިކޮށްގެންނެވެ.

ނަމަވެސް ރިޕޯޓު ނެރުނު ހަފުތާއާ ހަމައަށް ރިކަރަންޓު ހަރަދުތައް ހުރީ 31.7 ބިލިއަން ރުފިޔާގަ އެވެ. މިއީ ލިބުނު އާމްދަނީއަށް ވުރެ ބައި ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރިކަރަންޓު ހަރަދުތަކުގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތް ހިންގުމުގެ ހަރަދެވެ. މި ދާއިރާއިން 19.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ސަޕްލިމެންޓު ކުރި ބަޖެޓުގައި ކަނޑައެޅި 18.7 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.

ދެން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މި ދާއިރާއިން ކުރި ހަރަދުތައް ހުރީ ބަޖެޓު ކުރި ވަރަށް ވުރެ މަދުންނެވެ. ނަމަވެސް ގެއްލުމަށާއި ނުލިބޭނެ ކަމަށް ބަލައިފައި އުނިކުރާ ފައިސާއަށް ބަޖެޓުކުރި 101.2 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވެ އެވެ.