Advertisement

ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން: އެދަފުށީގައި ރަނުގެ ފުރުސަތެއް

19 ޖަނަވަރީ 2024 - 00:13 0

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން: އެދަފުށީގައި ރަނުގެ ފުރުސަތެއް

19 ޖަނަވަރީ 2024 - 00:13 0

އެސްޓީއޯ ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް މިއަދު ފޯރީގައި، ބ. އޭދަފުށީ ބެޑްމިންޓަން ކޯޓުގައި ފެށިގެންދިޔައިރު، މި މުބާރާތަކީ މުސްތަގުބަލަށް އަމާޒުކޮށް ފެށުނު ބޮޑު ޕްރޮޖެކްޓެއް ކަމަށް މުބާރާތް އިންތިޒާމްކުރާ ރިވައިވަލް ސްޕޯޓްސް ކްލަބުން ބުނެފި އެވެ.

މިއީ، ދާދި ފަހުން ރިވައިވަލް އިން އޭދަފުށީގައި ގާއިމްކުރި ބެޑްމިންޓަން އެކެޑަމީގެ ތެރެއިން ފެށި މުބާާރާތެކެވެ.

އެސްޓީއޯ އިން ސްޕޮންސަކޮށްގެން ކުރިއަށްގެންދާ ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށީގައި ފެށި ސީރީސްގެ މި އަލަތު މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޭދަފުށީ ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާނެ އެވެ. މިއީ ކޮންމެ އަހަރަކު ރިވައިވަލް އިން އޭދަފުށީގައި ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.

އެ ގޮތުން މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ހާއްސަ ކޮށްގެންނެވެ. މި މުބާރާތުގައި ބައިވެރިވި ކުދިންގެ އަދަދު 150 އަށް ވުރެ މައްޗެވެ.

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އޭދަފުށީގައި މި މުބާރާތް ކުރިއަށްދާއިރު، ތަރުހީބު ފެންނަނީ ބޮޑުކޮށެވެ. އެއީ، މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި މާލޭ ބެޑްމިންޓަން އެކަޑަމީތަކުގެ އެތުލީޓުން ވެސް ހިމެނޭތީ އެވެ.

އެހެންކަމުން، މުސްތަގުބަލުގައި މި މުބާރާތް އިތުރަށް ފުޅާކުރަން ރިވައިވަލް ސްޕޯޓްސް ކްލަބަށް ފަސޭހަވެގެންދާނެ އެވެ.

ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް، ޒަޔާން ޒަކީ، "އަދަދު" އަށް ބުނީ، އޭދަފުށީގައި މި މުބާރާތް ކުރިއަށްދަނީ ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.

އޭގެ އިތުރުން، އޭދަފުށީގެ އެންމެން މި މުބާރާތަށް ބަހައްޓާ އަހައްމިއްޔަތުކަން ވަރަށް ބޮޑު ކަމަށާއި މީގެއިން އެނގޭ ކަމަކީ، މި ފަދަ ފުރުސަތަކަށް ރާއްޖޭގެ އެކި ސަރަަހައްދުތަކުން އެދިއެދި އޮތް މިންވަރު ކަމަށް ޒަޔާން ވަނީ ބުނެފަ އެވެ.

"މުސްތަގުބަލަށް ޓާގެޓްކޮށްގެން ކުރެވޭ ބޮޑު މަސައްކަތެއްގެ ފެށުން މިއީ. ހަގީގަތުގައި ވަރަށް ހިތްހަމަޖެހޭ ފުރަތަމަ މުބާރާތާ ބަލާ ފެންނަ ކަންތައްތަކާ މެދު. އުންމީދަކީ، މި މުބާރާތް ވީހާ ވެސް ބޮޑަށް ފުޅާވެގެން، ގިނަ ކުޅުންތެރިންތަކެއް މި ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި، މޮޅު ކުޅުންތެރިންތަކަކަށް ވެ ރާއްޖެ އަށް ރީތި ނަން ހޯދައިިދިނުން،" ޒަޔާން ބުންޏެވެ.

އޭދަފުށީގައި މިއަދު ފެށި ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އޭދަފުށްޓަކީ، ބެޑްމިންޓަންގައި މުއްސަނދި ތާރީހެއް އޮތް ރަށެކެވެ. ރާއްޖޭގައި ބެޑްމިންޓަން ހިންގުމުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮތް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބާއްވާ އަތޮޅު ލީގުގެ ޗެމްޕިއަންކަން އޭދަފުށީ ޓީމުން ހޯދިއިރު، އޯޕަންސް ބައިގައި ވެސް ކާމިޔާބީ ހޯދައިފައިވެ އެވެ.

މީގެ އިތުރުން، ބެޑްމިންޓަން އެސޯސިއޭޝަނުން ބާއްވާ އިންޓަ ސްކޫލް މުބާރާތުގައި ވެސް އޭދަފުށީގައި ހުރި، ބ. އަތޮޅު ތައުލީމީ މަރުކަޒު ފެންނަނީ ތަފާތު ކޮށެވެ.

ބެޑްމިންޓަންގެ ކާމިޔާބު ޖީލެއް ބިނާކުރުމަށް އޭދަފުށީގައި ރިވައިވަލް ސްޕޯޓްސް ކްލަބުން މި ފެށި މަސައްކަތަކީ، ބެޑްމިންޓަނުން ކުރިއަށްދާން އެ ރަށުގައި ތިބި ކުޅުންތެރިންނާއި ކައިރި ރަށްތަކުގައި ތިބި ކުދިންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.

ރާއްޖޭގެ ރަށެއްގައި މި ވަގުތު ގާއިމްވެފައިވާ އެންމެ ރަނގަޅު ބެޑްމިންޓަން ކޯޓު ހުރި ފެސިލިޓީ ހުރީ އޭދަފުށީގަ އެވެ.