Advertisement

އެއާ އެމްބިއުލާންސްއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި ވާހަކަ ޕޯސްޓު ކުރުމަށްފަހު ރައީސް އޮފީހުން ދެފަހަރަށް ޑިލީޓުކޮށްފި

18 ޖަނަވަރީ 2024 - 21:16 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެއާ އެމްބިއުލާންސްއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި ވާހަކަ ޕޯސްޓު ކުރުމަށްފަހު ރައީސް އޮފީހުން ދެފަހަރަށް ޑިލީޓުކޮށްފި

18 ޖަނަވަރީ 2024 - 21:16 2

ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލުކޮށް އެ ބޯޓުގައި ބަލި މީހުން ތައިލޭންޑަށް އުފުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަކޮޅުގެ ނަކަލެއް ސޯޝަލް މީޑިއާގައި ދެފަހަރަަށް ޕޯސްޓު ކުރުމަށްފަހު ރައީސް އޮފީހުން ޑިލީޓުކޮށްފި އެވެ.

ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެއާ އެމްބިއުލާންސާ ގުޅޭގޮތުން ވިދާޅުވި ވާހަކަކޮޅުގެ ނަކަލެއް، ގުރެފިކެއްގެ ގޮތުގައި ރައީސް އޮފީހުން އެކްސްގައި ފުރަތަމަ ޕޯސްޓު ކުރީ މިއަދު މެންދުރުފަހު 2:59 ގަ އެވެ. އެ ޕޯސްޓު ޑިލީޓު ކުރުމަށްފަހު ދެވަނަ ޕޯސްޓެއް ހަވީރު 5:45 ގައި ވެސް ރައީސް އޮފީހުގެ އެކްސް އެކައުންޓުން ކުރި އެވެ. ނަމަވެސް އެ ޕޯސްޓުވެސް މިހާރު ވަނީ ޑިލީޓު ކޮށްފަ އެވެ.

ރައީސް އޮފީހުން ފުރަތަމަ ކުރި ޓުވީޓު (ކ) ދެވަނައަށް ކުރި ޓުވީޓު (ވ)


އެކަމާ ގުޅޭގޮތުން ރައީސް ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު، އިބްރާހިމް ހަލީލްއާ ސުވާލު ކުރުމުން ވިދާޅުވީ ޕޯސްޓު ޑިލީޓު ކުރީ، ހަމަ އެ މައުލޫގައި ވީޑިއޯއެއް ރައީސް އޮފީހުން ތައްޔާރު ކުރަމުންދާތީ ކަމަށެވެ. ދެފަހަރަށް އެ ފޮޓޯ ޕޯސްޓު ކުރެވުނީ މުއާމަލާތުގެ ކުށަކުން ކަމަށް ހަލީލް ވިދާޅުވި އެވެ.

"ހަމަ ސޭމް ޓޮޕިކްގައި ވީޑިއޯއެއް ތައްޔާރު ކުރަމުން ދާތީ ޑިލީޓު ކުރީ، އަލުން ހަމަ ވީޑިއޯއެއްގެ ގޮތުގައި ޕޯސްޓު ކުރާނެ،" ހަލީލް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން މިއީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޕޯސްޓެއް ޑިލީޓު ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޑިސެމްބަރު މަހު ޔޫއޭއީގައި ކުރިއަށްދިޔަ ކޮޕް-28 ގެ ހަވާސާގައި ބައެއް އެހެން ގައުމުތަކުގެ ލީޑަރުންނާ ރައީސް މުއިއްޒު ކުރެއްވި ބައްދަލުވުންތަކުގެ ވާހަކަ އެކްސްގައި އިނގިރޭސިން ޕޯސްޓު ކުރުމަށްފަހު ވެސް ވަނީ ޑިލީޓުކޮށްފަ އެވެ. ފަހުން ހަމަ އެ ވާހަކަތައް ހިމަނައިގެން ރައީސް އޮފީހުން ޕޯސްޓު ކުރީ ދިވެހި ބަހުންނެވެ.

ޑޭޝް-8 މަރުކާގެ މަތިންދާބޯޓުގައި ތައިލޭންޑަށް ބަލި މީހުން އުފުލާނެ ކަމަށް ރައީސް ވިދާޅުވި ވާހަކަކޮޅުގެ ނަކަލެއް އެކްސްގައި ޕޯސްޓު ކުރުމަށްފަހު ރައީސް އޮފީހުން ޑިލީޓު ކޮށްފައި މިވަނީ އެކަމާ ގުޅިގެން އާންމުންނާއި ބައެއް އެހެން ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މޯލްޑިވިއަނުން މިހާރު ބޭނުންކުރާ ޑޭޝް-8 މަރުކާގެ މަތިންދާބޯޓެއް އެއާ އެމްބިއުލާންސްއަކަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާއިރު، މޯލްޑިވިއަންއިން ބޭނުންކުރާ ޑޭޝް-8 މަރުކާގެ ބޯޓުތަކަކީ ނުހުއްޓި ރާއްޖެއާ ތައިލޭންޑާ ދެމެދު ހުންނަ ދުރުމިނަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެއް ނޫނެވެ. ރާއްޖެއާ ތައިލެންޑާ ދެމެދު 1966 މޭލު ނުވަތަ 3,165 ކިލޯމީޓަރު ހުންނައިރު، ޑޭޝް 8-200 ރޭންޖަކީ 1065 މޭލު ނުވަތަ 1713 ކިލޯމީޓަރެވެ. އަދި ޑޭޝް 8-300 ރޭންޖަކީ 968 މޭލު ނުވަތަ 1557 ކިލޯމީޓަރެވެ.