Advertisement

ސަޕޯޓަރެއްގެ "ނުރުހުން" ޖޮކޮވިޗަށް ވީ ހިތްވަރަކަށް

18 ޖަނަވަރީ 2024 - 10:45 0


ސަޕޯޓަރެއްގެ "ނުރުހުން" ޖޮކޮވިޗަށް ވީ ހިތްވަރަކަށް

18 ޖަނަވަރީ 2024 - 10:45 0

މެލްބާން (ޖެނުއަރީ 18) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެ ވަނަ ބުރުގައި، ނޮވަކް ޖޮކޮވިޗް އާއި މެޗު ބަލަން ދިޔަ ސަޕޯޓަރެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކުރިއިރު، އެ ކަން ވެގެންދިޔައީ މެޗުން މޮޅުވާން ލިބުނު ހިތްވަރަކަށް ކަމަށް ޖޮކޮވިޗް ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖޮކޮވިޗް ރޭގެ މެޗުން އޮސްޓްރޭލިއާގެ އަލެކްސޭ ޕޮޕީރިން އަތުން މޮޅުވީ ހަތަރު ސެޓު ކުޅެގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 6-3، 4-6، 7-6، 6-3 އިންނެވެ.

މި މެޗުގައި، އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިގެންދިޔައީ، ހަތަރު ވަނަ ސެޓުގައި 2-2 އިން އެއްވަރުވެފައި ވަނިކޮށް، ސަޕޯޓަރެއްގެ ވާހަކަތަކަކަށް ރައްދު ދޭން ޖޮކޮވިޗް ނިންމުމުންނެވެ. އެ ގޮތުން، ޖޮކޮވިޗް އެނބުރިފައި ސަޕޯޓަރަކާ ދިމާލަށް ބުނެފައިވަނީ، ތިރިއަށް ފޭބުމަށް ފަހު، އޭނާގެ މޫނު ކުރިމަތީގައި އެ ބުނާ އެއްޗެއް ބުނުމަށެވެ.

"އަހަރެން މެޗު ފެށުނުއިރުއްސުރެން ކެނޑިނޭޅި ދިޔައީ އެރީނާގެ އެ ދިމާލުން ކިޔަމުން ދިޔަ އެއްޗެހި ޓޮލަރޭޓްކުރަމުން، އޭނާ ނުރުހިގެން އަހަންނާ ދިމާލަށް ވަރަށް އެއްޗެހި ގޮވި، އެކަމަކު، ވަކި ހިސާބަކުން އަހަރެން ނިންމީ ދެން އިތުރަށް އެ ބުނާ އެއްޗެއް ބުނަން ފުރުސަތު ނުދީ އަހަރެން ވެސް ރައްދުދޭން އެހެންވެ، އެ ގޮތަށް އަހަރެން ބުނީ،" 10 ވަނަ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް ބުންޏެވެ.

"ފަހަރުގައި ވެދާނެ އެ ވަގުތު އެ ކަންތައް ހިނގުމަކީ މި މެޗުގައި އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދައްކަން ލިބުނު ހިތްވަރަކަށް، އަހަރެންގެ ޖޯޝް ޔަގީނުން ވެސް ރަނގަޅުވެގެންދިޔަ ހިސާބެއް އެއީ،"

ޖޮކޮވިޗް ބުނީ، އޭނާ އަށް ރައްދުވާ ގޮތަށް އެ ވާހަކަތައް ދެއްކި ސަޕޯޓަރުގެ މަގުސަދަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އެކަމަކު، ސަޕޯޓަރު މާފަށް އެދުމުން ދެން މީގެ އިތުރަށް ދައްކާނެ ވާހަކައެއް ވެސް ނެތް ކަމަށް ޖޮކޮވިޗް ވަނީ ބުނެފަ އެވެ.