Advertisement

އެންމެ ފަހުގެ ޗެމްޕިއަން ގަތަރު އޭޝިއަން ކަޕްގެ ދެ ވަނަ ބުރަށް

18 ޖަނަވަރީ 2024 - 10:00 0


އެންމެ ފަހުގެ ޗެމްޕިއަން ގަތަރު އޭޝިއަން ކަޕްގެ ދެ ވަނަ ބުރަށް

18 ޖަނަވަރީ 2024 - 10:00 0

ދޯހާ (ޖެނުއަރީ 18) - އޭޝިއަން ކަޕްގައި ރޭ ތަޖިކިސްތާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު އަދި އެންމެ ފަހުގެ ޗެމްޕިއަން ގަތަރު މުބާރާތުގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

އޭޝިއަން ކަޕްގެ ދެ ވަނަ ބުރުގެ ޖާގައެއް ގަތަރުން ކަށަވަރުކުރީ ގުރޫޕް އޭގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ލިބުނު ހަ ޕޮއިންޓާއެކު އެވެ.

މި ގުރޫޕްގައި އިއްޔެ ހަވީރު ލުބުނާން އާއި ޗައިނާ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުން، މިރޭ ތަޖިކިސްތާން އަތުން ލިބުނު މޮޅާ އެކު ގަތަރަށް ވަނީ ގުރޫޕް އޭގެ އެއް ވަނަ މަގާމު ވެސް ކަށަވަރުވެފަ އެވެ.

އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ތަޖިކިސްތާންގެ މައްޗަށް ގަތަރުން ކުރި ހޯދީ މެޗުގެ ފުރަތަމަ ހާފުގައި ފޯވަޑް އަކްރަމް އަފީފް ކާމިޔާބުކުރި ލަނޑުންނެވެ. އަފީފް ވަނީ މި މުބާރާތުގައި ގަތަރު ކުޅުނު ފުރަތަމަ މެޗުގައިވެސް ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ތަޖިކިސްތާންގެ އަމްޑޯނީ ކަމަލޯފަށް ރަތްކާޑު ދެއްކުމާ އެކު، އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.

ގުރޫޕް އޭގެ ފަހު މެޗުތައް ހޯމަ ދުވަހު ކުޅޭއިރު، މި ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ގަދަ 16ގެ ޖާގައެއް ހޯދަން ލުބުނާނާއި ތަޖިކިސްތާން އަދި ޗައިނާ އަށް ވެސް ފުރުސަތު އެބައޮތެވެ.

މި ގުރޫޕްގެ ފަހު މެޗުތަކުގައި ޗައިނާ އާއި ގަތަރު ބައްދަލުކުރާއިރު، ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ ލުބުނާނެވެ.