Advertisement

ރާއްޖޭގައި ވާޓިކަލް ފާމިން ޕައިލެޓްކުރުމުގެ މަޝްރޫއެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖަނަވަރީ 2024 - 14:31 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖޭގެ ރަށެއްގައި ބޭނުންކުރަމުންދާ ވާޓިކަލް ފާމިން ސިސްޓަމެއް : ރާއްޖޭގައި ވާޓިކަލް ފާމިން ޕައިލެޓްކުރުމުގެ މަޝްރޫއެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި - ފޮޓޯ: އަދަދު


ރާއްޖޭގައި ވާޓިކަލް ފާމިން ޕައިލެޓްކުރުމުގެ މަޝްރޫއެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖަނަވަރީ 2024 - 14:31 0

ރާއްޖޭގައި ވާޓިކަލް ފާމިން ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމެއްގައި އެގްރިކަލްޗާ މިނިސްޓްރީން އަމިއްލަ ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެ ވުޒާރާއިން ބުނީ މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިއްމު އެއް މަޝްރޫއު ކަމަށެވެ. އެ މަޝްރޫއު ހަވާލުކުރި އަމިއްލަ ކުންފުންޏަކީ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.

"މިއީ ރާއްޖެފަދަ ބިންކޮޅު ކުޑަ ގައުމެއްގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް، މިފަދަ ގައުމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތައާރަފްކޮށްދިނުމަށް ސަރުކާރުން ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން މިނިސްޓްރީން ފައްޓާ މަސައްކަތެއް" މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.

އެގްރިކަލްޗާ މިނިސްޓްރީން މި އެއްބަސްވުމުގައި ސޮއިކުރީ ފައިނޭންސް އެކްޒެކެޓިވް ފާތިމަތު ޝާއިއާއެވެ. ވިސީ ގްރޫޕްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ހދ. ހަނިމާދޫގައި ހުންނަ އެގްރިކަލްޗާ ސެންޓަރުގައި ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމްކުރެވޭނެ އެވެ.

އެގޮތުން ރާއްޖޭގައި މިހާރުވެސް ބޭނުންކުރާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް A ފްރޭމް ސްޓްރަކްޗަރުގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި، ޕައިން އެޕަލް ޓަވަރު ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވަރު ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓްތައް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ އެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި ވާޓިކަލް ފާމިން ސިސްޓަމްތައް ރާއްޖޭގެ ދަނޑުވެރިންނަށް ތައާރަފްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ މި މަޝްރޫއުގެ ދަށުން އެ ފަރާތުގެ ފަންނީ ޓީމުން އެއްކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.