Advertisement

ރާއްޖެ އަންނަން އެދޭ 90 އަށް ވުރެ ގިނަ ދިވެހިން ސީރިއާގައި އެބަތިބި: މިނިސްޓަރު އިހުސާން

16 ޖަނަވަރީ 2024 - 14:08 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހޯމް މިނިސްޓަރް އަލީ އިހްސާން ކެބިނެޓް ބައްދަލުުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ މިއަދު ވިދާޅުވީ ސީރިއާއިން އެނބުރި އަންނަން އެދޭ 90 އަށް ވުރެ ގިނަ ދިވެހިން އެބަތިބި ކަމަށް. ފޮޓޯ: ރައީސް އޮފީސް


ރާއްޖެ އަންނަން އެދޭ 90 އަށް ވުރެ ގިނަ ދިވެހިން ސީރިއާގައި އެބަތިބި: މިނިސްޓަރު އިހުސާން

16 ޖަނަވަރީ 2024 - 14:08 0

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ބައެއް ދިވެހިންނާއި އެމީހުންގެ އަނބިދަރިންގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން އަނބުރާ ރާއްޖެއަށް ގެނެސްދޭން އެދިފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން އެކިއެކި ގޮތް ގޮތުން ސަރުކާރާ މުވާސަލާތުކޮށް އަނބުރާ ރާއްޖެއަށް އަންނަން އެދޭ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މީހުން ތިބި ތަންތަނާއި ތިބި ހާލަތުގެ ތަފުސީލު އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަން އެދިފައި ތިބި 90 އަށް ވުރެ ގިނަ މީހުން ހިމެނޭ ގޮތުން 100 މީހަކު، ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި އެބަތިއްބެވެ.

"ސަތޭކައަށް ވުރެ ގިނަ މީހުންގެ ތެރެއިން، އަޅުގަނޑުމެންނަށް އަދި އައިޑެންޓިފައި ކުރެވިފައި ނުވޭ ސީދާ މިވެނިމިވެނި މީހުންނޭ މިމީހުންނަކީ. އަަޅުގަނޑުމެންނަށް މި ލިބޭ މައުލޫމާތަކީ މިސާލަކަށް އެއް އާއިލާއަކުން އަަޅުގަނޑުމެންނަށް މި ލިޔަނީ ސިޓީއެއް، ތިމަންނާގެ އާއިލާގެ މިތައް މީހުން ވެއްޖެޔޭ، މިވެނި ސަރަހައްދެއްގައި ކަަމަށޭ ގަބޫލުކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ހިސާބުން އެމީހުންނާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާ ކަމަށާއި ގެނެވޭނެ އެންމެ ފަސޭހަ މަގުތަކަކީ ކޮބައިތޯ ބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހައިތަނަށް އަޅުގަނޑުމެންނަށް އައިޑެންޓިޓީ ކަށަވަރުކުރެވިފައި ވަނީ މި 21 މީހުންގެ [މިއަދު ރާއްޖެއަށް އަނބުރާ ގެނައި 21 މީހުންގެ]. އެހެން ބޭފުޅުން އަދި މިދަނީ ހަަމަ ތިބި ތަނާ [ބެހޭ މައުލޫމާތު ހޯދައި] ކޮންޓެކްޓް އެސްޓެބްލިޝްކުރުމުގެ މަސައްކަތް، މިދެންނެވީ 90 ފަރާތް،" އިހުސާން ވިދާޅުވި އެވެ.

އެމީހުންނާ ބެހޭ ގޮތުން އަދި ލިބިފައި ވަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ވަރަށް މަދު މައުލޫމާތު ތަކެކެވެ.

ސޫރިއާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ.

ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފުރަތަމަ ކުރަން ފެށީ ނިމިދިޔަ ސަރުކާރުންނެވެ.