Advertisement

ސީރިއާގައި ތިބި 21 ދިވެހިން ގެންނަން 15 މީހުންގެ ހާއްސަ ޓީމަކުން ބޮޑު އޮޕަރޭޝަނެއް

16 ޖަނަވަރީ 2024 - 14:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުންގެ ޓީމަކުން ޓެރަރިޒަމް އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނީ: ސީރިއާގައި ތިބި ދިވެހިން ގެންނަން ހިންގި އޮޕަރޭޝަނުގެ މައުލޫމާތު އޮތީ ސިއްރުކޮށްފައި - ފޮޓޯ: އަދަދު


ސީރިއާގައި ތިބި 21 ދިވެހިން ގެންނަން 15 މީހުންގެ ހާއްސަ ޓީމަކުން ބޮޑު އޮޕަރޭޝަނެއް

16 ޖަނަވަރީ 2024 - 14:02 0

ސީރއާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިންގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން އަނބުރާ ރާއްޖެ ގެނައުމަށް 15 މީހުންގެ ހާއްސަ ޓީމަކުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މީހުން ރާއްޖެ ގެނައީ ޗާޓަރުކުރި އަމިއްލަ މަތިންދާ ބޯޓެއްގައި މިއަދު ހެނދުނު އެވެ. ފްލައިޓުގައި ތިބީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނެކެވެ.

މިކަމާ ގުޅޭ އިތުރު ތަފުސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މި ހަފުތާގެ އޮޕަރޭޝަނުގެ ކުރިން ވެސް ދިވެހި ފުލުހުންގެ ޓީމުތަކުން އެ އާއިލާތައް ކައިރިއަށް ގޮސްފައިވާ ކަމަށެވެ. އަދި، މި ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ސަރުކާރާއެކު މި އާއިލާތައް އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާކުރެވުނު ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި މާލެއިން 15 މީހުންގެ ޓީމަކާއެކު ފުރީ މި މަހުގެ 14 ގަ އެވެ. ތުރުކީގެ ގަޒީއަންޓެޕްއަށް ކުރި މި ދަތުރުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސެކިއުރިޓީ ބަލަހައްޓާ ބޭފުޅުންނާއި ނަފުސާނީ އެހީ ދޭ ފަރާތްތަކާއި ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގީ މަސައްކަތް ކުރާ ފަރާތްތައް ހިމެނޭ ކަމަށް ވެސް ދާހިލީ ވަޒީރު ވިދާޅުވި އެވެ.

"މި 15 މީހުންގެ ޓީމު އެކޮޅަށް ގޮސް އެކޮޅުގެ އިދާރީ ކަންކަން ބަލަހައްޓަން ހަމަޖެހިފަވާ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ރޭގެ ވަގުތެއްގަ ދިވެހި އާއިލާތަކާއެކުގަ، 21 މީހުންނާއެކުގަ ވަނީ ފުރައިގެން މާލެ ދަތުރުހަދާފަ، މި ފުލައިޓު ވަނީ މިއަދުގެ ހެނދުނު 5:02 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފަ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ 21 މީހުން މިހާރު ވަނީ ވަރަށް ރަނގަޅު މެޑިކަލް ޗެކަޕްއަކަށް ފަހު ހިންމަފުށީގައި ހުންނަ ނޭޝަނަލް ރިއިންޓަގަރޭޝަން ސެންޓަރަށް ގެންގޮސްފައި ކަމަށެވެ.

ސޫރިޔާގެ ބައެއް ސަރަހައްދުތައް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާއިން ކޮންޓްރޯލްކުރި ދުވަސްވަރު އެ ޖަމާއަތްތަކާ ގުޅެން ދިވެހިންގެ އެތައް ބަަޔަކު ދިޔަ އެވެ. އޭގެ ތެރެެއިން ބައެއް މީހުން ދިޔައީ އަނބިދަރިން ވެސް ގޮވައިގެންނެވެ. އެ މީހުންގެ ތެރެއިން އެތައް ބަޔަކު މަރުވެފައި ވާއިރު، އަދިވެސް ކޭމްޕުތަކުގައި ދިވެހިން އެބަ ތިއްބެވެ. އެކަމަކު އެ ދިވެހިންގެ އަދަދު އެނގޭ އެއްވެސް މުއައްސަސާއެއް ނެތެވެ.

ސީރިއާގެ ކޭމްޕުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުންނެވެ. އެގޮތުން 2022 ގެ ކުރީކޮޅު ގެނައި އާއިލާއެއް މިހާރު ވަނީ ރިހެބިލިޓޭޓު ކޮށް ނިންމުމަށްފަހު މުޖުތަމައަށް ދޫކޮށްލާފަ އެވެ. ސީރިއާގައި ތިބި މީހުން ގެންނަން މި ގައުމުގައި ތިބި އެ މީހުންގެ އާއިލާތަކުން މަސައްކަތް ކުރާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ.