Advertisement

ދަރުމަވަންތަ ތަރައްގީކޮށް, ސަރުކާރުގެ މައި ހޮސްޕިޓަލަށް ހަދަނީ

16 ޖަނަވަރީ 2024 - 10:58 0

ނިމާ ހަސަން

ނިމާ ހަސަން

ދަރުމަވަންތަ ހޮސްޕިޓަލް; އެއީ ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ތަރައްގީކުރަން ވަނީ ނިންމާފައި -- އިޔާން/ އަދަދު


ދަރުމަވަންތަ ތަރައްގީކޮށް, ސަރުކާރުގެ މައި ހޮސްޕިޓަލަށް ހަދަނީ

16 ޖަނަވަރީ 2024 - 10:58 0

ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީކޮށް, ސަރުކާރުގެ މައި ހޮސްޕިޓަލަށް އެތަން ހަދަން ނިންމައިފި އެވެ.

'އަދަދު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މާލެ ސަރަހައްދުގައި ހުރި ހަތަރު ހޮސްޕިޓަލް ވެސް ވަކިން ތަރައްގީކޮށްގެން ހިންގުން ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް, މައި ހޮސްޕިޓަލުގެ ގޮތުގައި ހަދަން ނިންމާފައިވާ ކަމަށެވެ.

"ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި ވަރަށް ބޮޑު އިމާރާތެއްގައި ގާއިމްކޮށްފައި މިހިރީ ދަރުމަވަންތަ ހޮސްޕިޓަލް. ދަރުމަވަންތަ ގާއިމްވެގެންދާނީ ފުލީ ފަންކްޝަނަލް ހޮސްޕިޓަލްގެ ގޮތުގައި" ސަރުކާރުގެ މައި ހޮސްޕިޓަލް ބަދަލުކުރިއަސް, ދެ ހޮސްޕިޓަލް އެއް ނުކުރައްވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި މިހާރު ހުރީ އައިޖީއެމްއެޗް އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ވަސީލަތްތައް ގާއިމު ކުރަން ޕްރޮޖެކްޓެއް ފަށާފައިވާކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުގެ ގްރައުންޑް ފްލޯގައި އިމަޖެންސީ ސާވިސަށް ވެސް ގާއިމުކުރާނެ އެވެ.

އެހޮސްޕިޓަލުގައި ވަސީލަތްތައް ގާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި ހަދަންޖެހޭ ޕްލޭންތައް ހަދާފައިވާއިރު, ބަޖެޓު ހަމަޖެހުނުހާ އަވަހަަކަށް އެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކޮށް ނިމުނުތާ އަަހަރުތަކެއް ވެގެން ދިޔައިރު އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާފައެއް ނޫން ހުރީ. ރައީސްގެ ހާއްސަ ލަފާގެ މަތިން އެތަނުގެ ހުރީ ފަންގިފިލާތައް ފުލީ ފަންކްޝަނަލްކޮށް, ފުލް ފްލެޖް ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރަން ފަށަން ވާންޖެހޭ ތައްޔާރީތައް މިދަނީ ވަމުން." ހަލީމް ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގޮތުގައި ދަރުމަވަންތަ ތަރައްގީ ކުރިއަސް, އައިޖީއެމްއެޗް ވެސް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރާނެ އެވެ. އެހެންކަމުން, އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހަލީމް ވިދާޅުވި އެވެ.

"މާލެ ސަރަަހައްދުގެ އާބާދީ ވަރަށް ބޮޑުތަން އިތުރުވެފައިވާއިރު, އާބާދީއާއެކު ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ. ނަމަވެސް އެއާ އެއްވަރަށް ހޮސްޕިޓަލްގެ ޖާގަ އިތުރުވެގެން ގޮސްފައެއް ނުވޭ. އައިޖީއެމްއެޗްގައި އެނދު މިހިރީ މީގެ 30 އަހަރު ކުރިން ހުރި މިންވަރަށް." އޭނަ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ އައިޖީއެމްއެޗަށް ޖާގައިގެ ދަތިކަން ދިމާވީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކުރިއިރު, އެކަމަށް ބޭނުންވާއެނދު އިތުރުނުކޮށް ހުރުމުން ކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް ޕްލޭންތަކެއް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބެޑް ކެޕޭސިޓީގެ އިތުރުން ބާ ވެފައިވާ އައިޖީއެމްއެޗް އިމާރާތް, ހިދުމަތްތައް އެއްކޮށް ނުހުއްޓޭނެހެން މަރާމާތު ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އައިޖީއެމްއެޗްގެ އިމާރާތް ބާވުމުގެ ސަބަބުން ފެން ލީކުވުމާއި, ފަންގަސް ޖެހުންފަދަ ކަންކަން ދަނީ ދިމާވަމުންނެވެ.