Advertisement

ޗެލްސީ އާއި ޔުނައިޓެޑުން ބެންޒެމާ އަށް ފާރަލަނީ

16 ޖަނަވަރީ 2024 - 08:53 0


ޗެލްސީ އާއި ޔުނައިޓެޑުން ބެންޒެމާ އަށް ފާރަލަނީ

16 ޖަނަވަރީ 2024 - 08:53 0

ލަންޑަން (ޖެނުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ހަ މަސް ދުވަހުގެ ލޯން ޑީލެއްގައި، ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑް ދޫކޮށް، މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް ބަދަލުވި ބެންޒެމާ މި ފަހުން އެ ކްލަބްގެ ޓްރެއިނިން ކޭމްޕް ދޫކޮށްލާފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. މި ކަންތައްތަކާ ބެހޭގޮތުން އަލް އިއްތިހާދުން އަދި މީޑިއާގައި ވަކި ގޮތަކަށް ވާހަކަ ދައްކާފައިނުވި ނަމަވެސް، ބެންޒެމާގެ ހިތްހަމަނުޖެހުންތަކެއް އެ ލީގާ މެދު އުޅޭ ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ހާމަކޮށްފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބެންޒެމާ، 36، އަލުން ޔޫރަޕްގެ ލީގަކަށް ބަދަލުވާނަމަ އޭނާ އަށް ޝައުގުވެރިވާނެ ގިނަ ކްލަބްތަކެއް އެބައޮތެވެ. އެ ގޮތުން، އެ ލިސްޓުގެ ކުރީގައި އޮތް ދެ ކްލަބަކީ މި ފަހަރު ޕްރިމިއާ ލީގުގައި ނަތީޖާ ނެރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ، ޔުނައިޓެޑާއި ޗެލްސީ އެވެ.

ޗެލްސީން އަންނަނީ ލޯން ޑީލެއްގައި ލިވަޕޫލްގެ ކުރީގެ ފޯވާޑް، ރޮބާޓޯ ފިރްމީނޯ ލިބޭތޯ ވެސް މަސައްކަތް ކުރަމުންނެވެ. ފިރްމީނޯ ކުޅެމުން އަންނަނީ ސައުދީގެ އަލް އަހްލީ އަށެވެ.

އަލް އިއްތިހާދަށް 20 މެޗުން 12 ގޯލު ޖަހައިދީފައިވާ ބެންޒެމާ ހޯދަން، ޔުނައިޓެޑާއި ޗެލްސީން މި މަހުގެ ޓްރާންސްފާގައި މަސައްކަތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބެންޒެމާގެ ސޮއި ހޯދަން، ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ކްލަބް، އާސެނަލުން ވެސް މަސައްކަތްކުރާ ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް އެ ކަމުގެ ވާހަކަ މީޑިއާގައި މާ ބޮޑަށް ދައުރުވެފައެއް ނުވެ އެވެ.

ލިޔޯން ދޫކޮށް، 33 މިލިއަން ޑޮލަރުގެ ފީ އަކަށް، 2009 ވަނަ އަހަރު، ރެއާލަށް ބަދަލުވި ބެންޒެމާ، 14 އަހަރަށް ފަހު ރެއާލް ދޫކޮށްލަން ނިންމީ، އެ ކްލަބްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅެދިން 647 މެޗުން 353 ގޯލު ޖަހައި، ޖުމްލަ އެކު، އެ ޓީމުގައި ހުރެ، 24 ތަށި އުފުލާލައިފަ އެވެ.