Advertisement

ދިގު މުއްދަތަކަށް ޖަލަށްލި އިރާނުގެ ދެ ނޫސްވެރިން ދޫކޮށްލައިފި

16 ޖަނަވަރީ 2024 - 05:38 0

ދިގު މުއްދަތަކަށް ޖަލަށްލި އިރާނުގެ ދެ ނޫސްވެރިން ނީލޫފާ އާއި އިލާހޭ، ޖަލުން ދޫކޮށްލުމާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: އޭއެފްޕީ


ދިގު މުއްދަތަކަށް ޖަލަށްލި އިރާނުގެ ދެ ނޫސްވެރިން ދޫކޮށްލައިފި

16 ޖަނަވަރީ 2024 - 05:38 0

ބުރުގާ ނާޅައި ހުރުމުން އިރާނުގެ ދީނީ ފުލުހުން ހައްޔަރުކުރި ޒުވާން އަންހެނަކު ކުއްލި ގޮތަކަށް މަރުވުމުން، އެކަމާ ނުރުހުން ފާޅުކުރުމަށް 2022 ގައި ކުރިޔަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަން އުޅެނިކޮށް ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަންހެން ދެ ނޫސްވެރިން ކަފާލާތުގެ ދަށުން އާދީއްތަ ދުވަހު ދޫކޮށްލައިފި އެވެ.

އިރާނުގެ ރެވޮލޫޝަނަރީ ކޯޓުން ނޫސްވެރިޔާ ނިލޫފާ ހަމީދީ އާއި އިލާހޭ މުހައްމަދީގެ މައްޗަށް ޖަލު ހުކުމް އިއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އުމުރުން 36 އަހަރުގެ ނީލޫފާ އަށް ތިން ދައުވާއެއްގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އިލާހޭ އަށް ތިން ދައުވާގައި އިއްވީ 12 އަހަރުގެ ހުކުމެކެވެ.

ހުކުމް އިސްތިއުނާފުކޮށްފައި ވަނިކޮށް، ކަފާލާތުގެ ދަށުން އެ ދެ ނޫސްވެރިން ދޫކޮށްލީ ގައުމުން ބޭރަށް ނުދެވޭ ގޮތަށެވެ. އެ ދެ ނޫސްވެރިން ދޫކޮށްލުމާއެކު ޖަލުގެ ބޭރުގައި ބުރުގާ ނާޅައި ހުރެ ނެގި ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލި މައްސަލަ އާ މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ޖުޑިޝަރީން ވަނީ ބުނެފަ އެވެ.

އިރާނުގެ އަންހެނުން ބުރުގާ އަޅަން މަޖުބޫރު ކުރީ އެޕްރީލް 1983 ގަ އެވެ. އެއީ އެމެރިކާގެ ތާއީދާ އެކު އޮތް ރަސްކަން 1979 ވަނަ އަހަރުގެ އިންގިލާބުގައި ބަދަލު ކުރުމަށް ފަހު ގެނައި ގާނޫނެކެވެ.

ސެޕްޓެމްބަރު 2022 ގައި އިރާނުގައި މުޒާހަރާތައް ފެށުނީ ފުލުހުން ބެލުމުގެ ދަށުގައި ހުއްޓައި އުމުރުން 22 އަހަރުގެ މަހްސާ އާމިނީ މަރުވުމާ ގުޅިގެންނެވެ. ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެ އެވެ. ނަމަވެސް އެ ތުހުމަތު ފުލުހުން ދޮގުކޮށްފައިވެ އެވެ.

އެ މަރާ ގުޅިގެން އިރާނުގެ އާންމުން ރުޅިގަދަވެ، މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރިޔަށް ގެންދިޔަ އެވެ. އިރާނުގައި އަންހެނުން ބުރުގާ އެޅުމަކީ މަޖުބޫރު ވިޔަސް، ބައެއް އަންހެނުން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން އޭރު ބުރުގާ ނަގައިގެން މުޒާހަރާކުރި އެވެ.