Advertisement

އިންފްލުއެންޒާ: އާދައިގެ އަލާމަތްތަކެއް އެކަމަކު ނުރައްކާ ބޮޑު!

17 ޖަނަވަރީ 2024 - 11:56 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރާއްޖޭގައި ކޮވިޑް-19 ފެތުރުނު ދުވަސްވަރު ސިއްހީ ހިދުމަތްތެރިއަކު ހަރަކާތްތެރި ވަނީ. އިންފްލުއެންޒާ އަކީ ވެސް ނުރައްކާ ބޮޑު ވައިރަހެއް. ފައިލްފޮަޓޯ/އަދަދު


އިންފްލުއެންޒާ: އާދައިގެ އަލާމަތްތަކެއް އެކަމަކު ނުރައްކާ ބޮޑު!

17 ޖަނަވަރީ 2024 - 11:56 0

އިންފްލުއެންޒާ ވައިރަސްތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން އެހެން ގައުމުތަކަށް ދަތުރުފަތުރު ކުރުން ގިނަވުމާއެކު ރާއްޖޭގައި އަބަދުވެސް ފެތުރޭ ވައިރަސްތަކެކެވެ. އާދައިގެ ރޯގާ އަދި ހުމުގެ އަލާމާތްތައް ފެނުނު ނަމަވެސް، މިއީ ފުރާނައަށް ނުރައްކާކުރާ ވައިރަސްތަކެކެވެ..

ރާއްޖޭގައި ވެސް އިންފްލުއެންޒާ ޖެހި އެތައް ބަޔަކުގެ ފުރާނަ ގެއްލިފައިވާއިރު، މިއީ ސަމާލުވާން ވީ ވަގުތެވެ. ރާއްޖޭގައި އަނެއްކާ ވެސް އިންފްލުއެންޒާ ފެތުރެން ފަށާފައިވާކަން ތަފާސްހިސާބުތަކުން ހާމަވެ އެވެ. އަދި ގިނަ ޑޮކްޓަރުންނާއި ސިއްހީ މާހިރުން އަންނަނީ ރައްކާވެ ތިބުމަށާއި ސަމާލުވުމަށް އަންގައި އިލްތިމާސްކުރަމުންނެވެ.

އިންފްލުއެންޒާއަކީ ކޮބާ؟

އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. އިންފްލުއެންޒާ ވައިރަސް ޖެހިއްޖެ ނަމަ ރޯގާޖެހި، ހުން އައިސް، ކެއްސުމާއި ކަރުގައި ރިއްސުންފަދަ އަލާމާތްތައް އިންސާނާގެ ހަށިގަނޑުން ފެނެ އެވެ.

އިންފްލުއެންޒާ ވައިރަސްގެ ހަތަރު ވައްތަރެއް ހޯދިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އޭ، ބީ، ސީ، އަދި ޑީ އެވެ. ތަފްސީލަށް ބަލާނަމަ، އިންސާނުންނާއި އޫރު ފަދަ ޖަނަވާރުތަކުގައި އާންމުކޮށް ހުންނަ އިންފްލުއެންޒާ އޭ ވައިރަސް (އައިއޭވީ) ގިނައިން ފެތުރެނީ ފެނުގައި އުޅޭ ދޫނިތަކުގެ ޒަރިއްޔާއިންނެވެ.

އޭގެ އިތުރުން ބިހާއި ދޫނިތަކުގައި އާންމުވެފައިވާ އިންފްލުއެންޒާ ބީ ވައިރަސް (އައިބީވީ) އަދި އިންފްލުއެންޒާ ސީ ވައިރަސް (އައިސީވީ) މައިގަނޑު ގޮތެއްގައި އިންސާނުންނަށް ޖެހޭއިރު، އިންފްލުއެންޒާ ޑީ ވައިރަސް (އައިޑީވީ) ޖެހެނީ އޫރު ފަދަ ޖަނަވާރުތަކަށެވެ.

އިންފްލުއެންޒާ ވައިރަސްތަކުގެ ތެރެއިން ހާއްސަކޮށް އައިއޭވީއަކީ އަވަހަށް ފެތުރޭ ވައިރަހެކެވެ. ރާއްޖެއިން އެންމެ ގިނައިން ފެނިފައިވާ އިންފްލުއެންޒާގެ ވައްތަރަކީ އިންފްލުއެންޒާ އޭ (އައިއޭވީ) ގެ ވައްތަރެއް ކަމުގައިވާ އެޗްވަންއެންވަން އެވެ. އައިއޭވީ، އައިބީވީ އާންމުގޮތެއްގައި ޖެހެނީ މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. އަދި އައިސީވީ ވައިރަސް ބޮޑަށް ޖެހެނީ ކުޑަކުދިންނަށްކަން ފާހަގަކުރެވެ އެވެ.

އިންފްލުއެންޒާގެ އަލާމާތްތައް އަދި ނުރައްކާ

އިންފްލުއެންޒާ (ފްލޫ) ޖެހިފައިވާ މީހަކަށް އޭގެ އަސަރު ކުޑަަކޮށް ކުރުން ވެސް އެކަށީގެންވެ އެވެ. ނަމަވެސް، ހާލު ދެރަވެ ހަށިގަނޑުގައި ވައިރަސް ވަކި ހިތްޕާލައިފި ނަމަ މިއީ ފުރާނައަށް ނުރައްކާ ވާ ވައިރަސްތަކެކެވެ. އެގޮތުން ރާއްޖޭގައި ވެސް އިންފްލުއެންޒާ ޖެހިގެން ގިނަ ބަޔެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

އިންފްލުއެންޒާ ޖެހިގެން ހާލު ދެރަވެ، މިދިޔަ އާދީއްތަ ދުވަހު ވެސް ރާއްޖެއިން ވަނީ މީހަކު މަރުވެފަ އެވެ. އަދި މިހާރު ވެސް ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ޖެނުއަރީ 14، ގައި އެކްސްގައި ޕޯސްޓްކުރެއްވި އެވެ.

އެ ފްލޫގެ އަލާމާތްތައް އާންމުކޮށް ފެންނަނީ ކުއްލިއަކަށެވެ. ފްލޫ ޖެހިފައިވާ މީހުންނަށް ގިނަ ފަހަރަށް އޭގެ ތެރެއިން ބައެއް ނުވަތަ ހުރިހާ އަލާމާތްތަކެއް އިހުސާސް ކުރެވެ އެވެ:

  • ހުން އައުން
  • ކެއްސުން
  • ކަރުގައި ރިއްސުން
  • ރޯގާ ފޭބުން އަދި ނޭފަތް ބެދުން
  • ހަށިގަނޑުގައި ރިއްސުން
  • ބޮލުގައި ރިއްސުން
  • ވަރުބަލިވުން

ބައެއް މީހުންނަށް ހޮޑުލުމާއި ބޭރަށްހިންގުން ކުރިމަތިވާ ނަމަވެސް މިއީ ބޮޑެތި މީހުންނަށްވުރެ ކުޑަކުދިންގެ ތެރޭގައި އާންމު އަލާމާތެކެވެ. އަދި އިންޕްލުއެންޒާ ފުލޫ ޖެހިފައިވާ ކޮންމެ މީހަކަށް ހުމުގެ އަސަރު ނުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ސިއްހީ މާހިރުން ފާހަގަކުރައްވަ އެވެ.

އިންފްލުއެންޒާ ފެތުރެނީ ކިހިނެތް؟

އިންފްލުއެންޒާ ވައިރަސް ފެތުރެނީ ފްލޫ ޖެހިފައިވާ މީހުން ކެއްސާ، ހޮޑުލައި، ނުވަތަ ވާހަކަ ދައްކާއިރު އުފައްދާ ކުދިކުދި ތިކިތަކެއްގެ ޒަރިއްޔާއިންނެވެ. މި ތިކިތައް ކައިރީގައި ތިބޭ މީހުންގެ އަނގަ ނުވަތަ ނޭފަތަށް ވަދެ އެވެ. އަދި މަދު ފަހަރަކު ވައިރަސް ހުންނަ ތަނެއް ނުވަތަ އެއްޗެއްގައި އަތްލުމަށްފަހު އަމިއްލަ އަނގައިގައި، ނޭފަތުގައި ނުވަތަ ލޮލުގައި އަތްލުމުން ވެސް މީހަކަށް އިންފްލުއެންޒާ ޖެހިދާނެ އެވެ.

ރާއްޖޭގައި މިހާރު އިންފްލުއެންޒާ ފެތުރެމުން ދިއުމާއި ގުޅުގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަން ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު، 2024 ވަނަ އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ކުރެވޭކަމަށް އެ އޭޖެންސީއިން ބުނެ އެވެ.

މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ހެޗްޕީއޭއިން ފާހަގަކުރަނީ ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި، ސްކޫލް ބަންދާއި ދިމާކޮށް ދަތުރު ފަތުރު ކުރުން އިތުރުވުމެވެ.

ރާއްޖޭގައި އިންފްލުއެންޒާ ޖެހިފައިވާ މީހުންގެ އަދަދު (ސެޕްޓެމްބަރު، 2023 - ޖެނުއަރީ، 2024)

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ 2023 ގެ ސެޕްޓެމްބަރު މަހުން ފެށިގެން ގިނަ ބަޔަކު ވަނީ އިންފްލުއެންޒާއަށް ފައްސިވެފަ އެވެ. އެގޮތުން ސެޕްޓެމްބަރު، 2023 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ޖުމުލަ 154 އިންފްލުއެންޒާ ކޭސް ފެނިފައިވެ އެވެ.


ފަރުވާއަކީ ވެކްސިން އަދި ހޭލުންތެރިކަން

އާދައިގެ ރޯގާ އާއި އިންފްލުއެންޒާގެ އަލާމާތްތައް އެއްގޮތް ނަމަވެސް، މިއީ ތަފާތު ދެ ވައިރަހަކުން ޖެހޭ ބަލިތަކެކެވެ. އާދައިގެ ރޯގާއަށް ވުރެ އިންފްލުއެންޒާއއިން ކުރާ އަސަރު ބޮޑުވާއިރު، ކޮންމެ އަހަރަކު ވެސް އިންފްލުއެންޒާ ވެކްސިން ޖެހުމަކީ މިކަމަށް އޮތް ހައްލެކެވެ. ވެކްސިންގެ ސަބަބުން ބަލި ޖެހެން އޮންނަ ފުރުސަތު ކުޑަކޮށްދީ، އަދި ބަލިޖެހިއްޖެ ނަމަ އަލާމާތްތައް މަދުކޮށްދެ އެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • ފަސް އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގުމުއްދަތަށް ފަރުވާ ދޭންޖެހޭ ފަދަ ބައްޔެއް ޖެހިފައިވާ މީހުންނާއި، މާބަނޑުމީހުން، ދިފާއީ ނިޒާމު ބަލިކަށި މީހުން، އަރިދަފުސް ރޯގާ، ހުން އަދި ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ސިއްހީ ފަރުވާ ހޯދުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ކޮވިޑު އަދި އިންފްލުއެންޒާއަށް ޓެސްޓް ކުރުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އޮފީސް އަދި ސްކޫލް ފަދަ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން.
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ހާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ކައިރިޔަށް ނުދިއުން.