Advertisement

މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް އެއްވަރު

15 ޖަނަވަރީ 2024 - 10:33 0


މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް އެއްވަރު

15 ޖަނަވަރީ 2024 - 10:33 0

ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ރޭ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑުން ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިން ގޯލު ޖެހީ ރަސްމުސް ހޮއިލުންޑް އެވެ. މިއީ އޭރިއާތެެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ މަތީ ކަަނަށް ބޯޅަ ފޮނުވާލައިގެން ހޮއިލުންޑް ޖެހި ގޯލެކެވެ.

މެޗުގެ 19 ވަނަ މިނިޓްގައި ރިޗާލިސަން ގޯލެއް ޖަހައި، ޓޮޓެންހަމް އަށް އެއްވަރުކޮށްދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން، މާކަސް ރަޝްފޯޑް ޖެހި ލަނޑުން ޔުނައިޓެޑުން ވަނީ އަލުން ލީޑުނަގައިފަ އެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެގެން ޔުނައިޓެޑުން ނިންމާލި ނަމަވެސް ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާގިނައިރެއްނުވެ ޓޮޓެންހަމް އިން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ އަލަށް ޓޮޓެންހަމް ޖޯޒީގައި މެޗެއް ކުޅުނު، ޓިމޯ ވާނާ ދިން ބޯޅައަކުން ރޮޑްރީގޯ ބެންޓަންކޫރް އެވެ.

މެޗުން ޔުނައިޓެޑް މޮޅުކޮށްދޭން ސްކޮޓް މެކްޓޮމިނޭ އާއި ރަޝްފޯޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޔުނައިޓެޑަށް މި މެޗުން ލިބުނު ޕޮއިންޓާ އެކު، އެ ޓީމު ވަނީ ލީގު ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 21 މެޗުން 32 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް އޮތީ 21 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ފަސް ވަނައިގަ އެެވެ.

ލީގުގައި ރޭ އެސްޓަން ވިލާ އާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު، ވިލާ ތިން ވަނައިގައި އޮތީ 21 މެޗުން 43 ޕޮއިންޓް ހޯދައި، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްގެންނެވެ. ސިޓީން 20 މެޗު ކުޅެފައިވާއިރު، ވިލާ އިން ވަނީ 21 މެޗު ކުޅެފަ އެވެ.